ހަބަރު

ކާގޯ ހެންޑްލިން ރެކޯޑް އަދަދަކަށް އިތުރުވެއްޖެ، ހިދުމަތް ލަސްވެދާނެ

Dec 25, 2019
4

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ކާގޯ ޓާމިނަލް އަށް ބާރުބޮޑުވުމުގެ ސަބަބުން، އެތަނުން ހިދުމަތް ދިނުމުގައި ލަސްވެދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ވީއައިއޭ އިން ބުނީ މިދިޔަ އާދީއްތަ ދުވަހަކީ އެއާޕޯޓްގެ ކާގޯއަށް އެންމެ ބާރުބޮޑު ދުވަސް ކަމަށެވެ. އެ ދުވަހު 329 ޓަނުގެ މުދާ އެ ކުންފުނިން ހެންޑެލްކުރަން ޖެހުނިއިރު، އެތަނުގެ ކެޕޭސިޓީއަކީ 150 ޓަނު ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން މޫސުން ގޯސްވެ ފްލައިޓްތައް ޑިލޭވުމުގެ ސަބަބުން އޮޕަރޭޝަންތަކަށް ދަތިވެ، ހިދުމަތް ދިނުމުގައި ލަސްވެދާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އެ ކުންފުނިން ބުނީ ކާގޯ ޓާމިނަލް ފުރި، ކެޕޭސިޓީ އަށް ވުރެ އިތުރަށް ގިނަ އަދަދެއްގެ ކާގޯ ހުރުމުގެ ސަބަބުން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ދެވޭ ހިދުމަތް މި ދުވަސްވަރު އަދި ހާއްސަކޮށް ޕީކް ގަޑިތަކުގައި ލަސްވެދާނެ ކަމަށެވެ.

ވީއައިއޭގައި އާ ކާގޯ ޓާމިނަލެއް އެޅުމުގެ މަސައްކަތް އެމްއޭސީއެލުން ދަނީ ކުރަމުންނެވެ.

ކާގޯ ޓާމިނަލް މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) ކުންފުންޏަކުން 373 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5.7 ބިލިއަން ރުފިޔާ) އަށެވެ. އެތަނުގައި އެއް ފަހަރާ 12،0000 މެޓްރިކް ޓަނުގެ ކާގޯ ރައްކާ ކުރެވޭނެ ޖާގަ އޮވެ އެވެ. ހުޅުލެ އައިލެންޑް ހޮޓާ (އެޗްއައިއެޗް) އާ ކައިރީގައި ހަދާ މި ތަނުގައި މިހާރުގެ ކާގޯ ޓާމިނަލް އަށް ވުރެ ގިނަ ވަސީލަތްތައް ހުންނާނެ އެވެ. އެތަނުގެ ފަޅުން ބޮޑު ބައެއް ހިއްކައި އެ ސަރަހައްދުގައި ކްރޭން ތަކެއް ވެސް ބަހައްޓާނެ އެވެ.