ގާސިމް އިބްރާހިމް

އަލީ ވަހީދު އަދި ކުނޫޒަށް ވަޑައިގަންނަވާނެ: ގާސިމް

ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު މިވަގުތު އެޕާޓީގެ ހަރަކާތްތަކުން ނުފެނުނު ނަމަވެސް އަދިވެސް އެމަނިކުފާނު ޖޭޕީގެ މައި މާލަން މާފަންނު ކުނޫޒަށް ވަޑައިގެން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. މިދިޔަ ދުވަސްތަކުގައި ސިޔާސީ ނުފޫޒުގައި ޖޭޕީއަށް ވަރަށް ދެރަގޮތްތަކެއް ދިމާވެފައިވާ ކަމަށާ އެ ކަމުގެ ސަބަބުން ޕާޓީގެ ހަރަކާތްތަކަށް ހުއްޓުމެއް އައި ކަމަށް ގާސިމް ރޭ ވިދާޅުވިއެވެ. އަދި ޖޭޕީގެ ދިދައާއި ލޯގޯ ބަދަލުކުރަން އަންގާ އެތައް ގޮތަކުން ހުރަސްތައް ކުރިމަތި ކުރުވި ކަމަށް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މިދިޔަ އަހަރު ރާއްޖެއިން ބޭރުގައި ހުންނަވަން ޖެހިވަޑައިގަތުމުން ޖޭޕީގެ ހަރަކާތްތައް ވަރަށް ބޮޑަށް ފަނޑުވި ކަމަށާ އެ ވަގުތު ޕާޓީ ކޮޅަށް ޖެހުމުގެ މަސައްކަތުގައި މިހާރުގެ ޓުއަރިޒަމް މިނިސްޓަރު އަދި ޖޭޕީގެ ރައީސް އަލީ ވަހީދާއި، ކުރީގެ ނާއިބް ރައީސް ޑރ. ޖަމީލްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިވަޑައިގެންނެވި ކަމަށެވެ.

ވަޒީރު ކަމަށް ވަޑައިގެންނެވިފަހުން އަލީ ވަހީދު، ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުން ނުފެންނަ ކަމަށާ އެ ވީގޮތެއް އެނގިވަޑައިގަންނަވާނީ އަލީ ވަހީދަށް ކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ޖޭޕީގެ ހަރަކާތްތަކުގައި އަލީ ވަހީދަށް ބައިވެރިވެވަޑައިނުގެންނެވެނީ މަސައްކަތްޕުޅު ބުރަކަމުން ކަމަށް ވިދާޅުވިއެވެ.

"އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ އަޅުގަނޑުމެން ޕާޓީގެ ރައީސް [އަލީ ވަހީދު]، މިހާރު މި ތަނުން ނުފެނުނެއް ކަމަކު، އެއް ގޮތަކަށްވެސް ނުފެނޭ، ވީގޮތް އެނގިވަޑައިގަންނަވާނީ އެބޭފުޅާއަށް. އަޅުގަނޑު ގަބޫލުކުރަނީ އެ ބޭފުޅާގެ މަސައްކަތްޕުޅު ބަރުކަމުންގޮސް ހަމަ އޮނބިނޯވެގެންދާތީ މި ތަނަށް [ކުނޫޒް] ވަދެވަޑައިނުގެންނެވެނީއޭ އިނގޭތޯ. އަޅުގަނޑު އެއްގޮތަކަށްވެސް ހިތްބަރު ކަމަކުން ނޫން މިހެން މި ދެންނެވީއެއް. ހަމަ ހަގީގަތުގައި އެމަނިކުފާނު ވަރަށް ބުރަކޮށް އުޅުއްވަނީ." ގާސިމް ވިދާޅުވިއެވެ.

އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ އަޅުގަނޑުމެން ޕާޓީގެ ރައީސް [އަލީ ވަހީދު]، މިހާރު މި ތަނުން ނުފެނުނެއް ކަމަކު، އެއް ގޮތަކަށްވެސް ނުފެނޭ، ވީގޮތް އެނގިވަޑައިގަންނަވާނީ އެބޭފުޅާއަށް. އަޅުގަނޑު ގަބޫލުކުރަނީ އެ ބޭފުޅާގެ މަސައްކަތްޕުޅު ބަރުކަމުންގޮސް ހަމަ އޮނބިނޯވެގެންދާތީ މި ތަނަށް [ކުނޫޒް] ވަދެވަޑައިނުގެންނެވެނީއޭ އިނގޭތޯ. އަޅުގަނޑު އެއްގޮތަކަށްވެސް ހިތްބަރު ކަމަކުން ނޫން މިހެން މި ދެންނެވީއެއް. ހަމަ ހަގީގަތުގައި އެމަނިކުފާނު ވަރަށް ބުރަކޮށް އުޅުއްވަނީ
ގާސިމް އިބްރާހިމް | ޖުމްހޫރީ ޕާޓީގެ ލީޑަރު

ގާސިމް ވިދާޅުވީ ވަގުތީ ގޮތުން ވުޒާރާއެއްގެ ހިންގުން ހަވާލުކުރައްވާނަމަވެސް ރައީސް ސޯލިހް ހަވާލުކުރައްވަނީ އަލީ ވަހީދާ ކަމަށާ އެހެން ކަމުން އެމަނިކުފާނު ގިނަ ވަގުތު ހޭދަ ކުރައްވަން ޖެހިވަޑައިގަންނަވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގައި ކަމަށެވެ.

އަލީ ވަހީދަށް ތައުރީފު ކުރައްވާ ގާސިމް ވިދާޅުވީ އެއީ ވަރަށް ހިންގުންތެރި، ގާބިލް ބޭފުޅެއް ކަމަށެވެ.

ގާސިމް ރޭ ވިދާޅުވީ މިވަގުތު ޖޭޕީގެ ހަރަކާތްތަކުން އަލީ ވަހީދު ފެނިވަޑައިނުގަންނެވި ނަމަވެސް ކުނޫޒަށް އަދި އެމަނިކުފާނު ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"ހަމަ ކަށަވަރުންވެސް އެމަނިކުފާނު [އަލީ ވަހީދު] މިތަނަށް ވަޑައިގަންނަވާނެކަން އަޅުގަނޑަށް ޔަގީން. އެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން ތިޔަ ބޭފުޅުންނަށް، ތިޔަ ބޭފުޅުންގެ އުންމީދެއް އޮތް ކަމަށްވާނަމަ."

ނިމިދިޔަ މަޖިލީސް އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑޭޓުންނަށް ތާއިދު ކުރައްވަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވުމާ ދެކޮޅަށް އެ ޕާޓީގެ ރައީސް އަލީ ވަހީދު ވަނީ ފާޅުގައި ނިކުމެވަޑައިގެންފައެވެ. އޭގެ ފަހުން ޖޭޕީގެ އެއްވެސް ހަރަކާތެއްގައި އަލީ ވަހީދު ބައިވެރިވެވަޑައިނުގަންނަވައެވެ.