މޯލްޑިވްސް ޕޮލިސް ސާވިސް

2020 ގެ އަމާޒަކީ ތަހުގީގުތަކުގެ ގާބިލްކަން އިތުރުކުރުން: ސީޕީ

ކުރިއަށް އޮތް 2020 ވަނަ އަހަރުގެ އެންމެ ބޮޑު އަމާޒަކީ ފުލުހުން ހިންގާ ތަހުގީގުތަކުގެ ގާބިލްކަން އިތުރުކުރުން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގެ ތަހުގީގުގައި އިސްކޮށް އުޅުއްވި އޮފިސަރުންނާއި ބައްދަލްކުރައްވާ އެ ތަހުގީގުގެ މަސައްކަތަށް ތައުރީފު ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

ސީޕީ ހަމީދު ވިދާޅުވީ ގާސިމްގެ މަރުގެ ހަގީގަތް ހޯދުމަށް ފުލުުހުން ހިންގާފައިވާ ތަހުގީގުގެ ސަބަބުން މުއައްސަސާއަށް އޮތް އިތުބާރު އިތުރަށް ބޮޑުވެފައިވާ ކަމަށެވެ. ނަަމަވެސް އަދިވެސް ތަހުގީގުތައް ކުރިއަށް ގެންދާއިރު އިތުރަށް ތަރައްގީ ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށް ވިދާޅުވިއެވެ.

ހުޅުމާލޭގައި އަލިކަމެއް ނެތް އަދި ފަޅު ސަރަހައްދެއްގައި ހިނގާދިޔަ ގާސިމްގެ މަރުގެ މައްސަލައިގެ ތަހުގީގުގެ މުހިންމު މައުލޫމާތުތައް ފުލުުހުން އިއްޔެ ވަނީ ހާމަކޮށްފައެވެ. ފުލުހުންގެ ތަހުގީގުން ގާސިމް އަށް ހަމަލާދީ މަރާލި، ގާސިމްގެ ގާތިލް ހޯދާ ހައްޔަރުކޮށް، އަދި އޭނާގެ ފަރާތުން ތަހުގީގަށް ގިނަ މައުލޫމާތުތަކެއް ވަނީ ހޯދާފައެވެ.

އަދި ގާތިލް ވަނީ ކޯޓްގައި ބަންދުގެ މަޖިލީހުގައިވެސް އެ ވާހަކަތައް ކިޔައިދީފައެވެ.

ފުލުހުން ބުނީ ގާސިމްގެ ގާތިލް އަދުހަމް މުހައްމަދުގެ މަގްސަދަކީ ފޭރުން ކަމަށް އޭނާ ބުނާ ކަމަށާ ވަޅިން ހަމަލާދިނީ ފޭރެން ކުރި މަސައްކަތް ނާކާމިޔާބުވުމުން ކަމަށެވެ. އަދި ވަޅިއެއް ހިފައިގެން ނިކުމެ ފޭރެން މަސައްކަތް ކުރީ މަސްތުވުމަށާއި އެހެނިހެން ބޭނުން ތަކަށް ފައިސާ ހޯދުމަށް ކަމަށް އަދްހަމް ބުނެފައިވާ ކަމަށެވެ.