ހުސައިން ޝަމީމް

"އަހަރެމެން ސީރިއަސް، ސަކަރާތް ޖެހުމެއްނެތް"

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މަސައްކަތް ކުރަމުންދަނީ ސީރިއަސްކޮށް ކަމަށާ ކަންކަމުގައި ސަކަރާތް ޖެހުމެއް ނޯންނާނެ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް މިހެން ވިދާޅުވީ އުމުރުން 13 އަހަރުގެ ކުއްޖަކު ބަލިވެ އިނދެ، ވިހޭ މައްސަލާގައި ހައްޔަރުކުރި ރ. މަޑުއްވަރީ އިސްމާއީލް ހައްމާދުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވި ކަމަށް ނޫހެއްގައި ލިޔެފައިވާ ހަބަރަކާއި އެކު ކުރެއްވި ޓްވީޓެއްގައެވެ.

ޝަމީމްގެ ޓްވީޓްގައި ވިދާޅުވީ އަހަރެމެން ސީރިއަސް ކަމަށާ ސަކަރާތް ޖެހުމެއްނެތް ކަމަށެވެ.

"ވީއާ ސީރިއަސް، ސަކަރާތް ޖެހުމެއްނެތް." ޝަމީމްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ހައްމާދު ހައްޔަރުކޮށްފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިދީފައެވެ. އެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަހަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުުރު ދީފައެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ހައްމާދުގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް މިއަދު މައްސަލަ ފޮނުވާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ އެވެ. މި ދައުވާ ސާބިތުވެއްޖެނަމަ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ފެމެލީ އެންޑް ޗައިލްޑް ޕޮރެޓެކްޝަން ޑިޕާޓްމަންޓުގެ ފަރާތުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް ވިދާޅުވީ ހައްމާދު ހައްޔަރު ކޮށްފައި ވަނީ 13 އަހަރުގެ ކުއްޖާ ބަލިވެ އިން މައްސަލާގައި ކަމަށެވެ. އަދި އެ މައްސަލާގައި މިހާރު 14 ފަރާތަކާ ސުވާލުކޮށް ފޮރެންސިކް ހެކިތައް ހޯދާފައިވާއިރު، ހައްމާދުގެ ޑީއެންއޭއާއި 13 އަހަރުގެ ކުއްޖާ ވިހި ތުއްތު ކުއްޖާގެ ޑީއެންއޭއާ ދިމާވާ ކަމަށެވެ.