މާޒިޔާ

އޭއެފްސީކަޕް ޓީމަށް ސީޒަން ބުރަ ވެގެންނުވާނެ

އޭއެފްސީ ކަޕްގައި ކުޅޭ ރާއްޖޭގެ ދެ ޓީމަށް ލޯކަލް ސީޒަން ބުރައަކަށް ވެގެން ނުވާނެ ކަމަށް މާޒިޔާގެ ކޯޗް މަރުޔާން ސެކްލޮވްސްކީ ބުނެފި އެވެ.

ސްކްލޮވްސްކީ ބުނީ، ފެށޭ މަހުގެ ތިން ވަނަ ދުވަހަކީލީގްގެ ދެ ވަނަ ބުރުގައި މާޒިޔާ ކުޅޭ ފަހު މެޗު ކަމަށްވާއިރު އަދި ލީގްގެ ތިން ވަނަ ބުރު އޮތްގޮތެއް ނޭންގޭ ކަމަށެވެ. ތިން ވަނަ ބުރު ކުޅެން ޖެހުނު ނަމަވެސް އޭއެފްސީ ކަޕްގައި ކުޅޭ ޓީމުތަކަށް ފަސޭހަ ވާނެ ގޮތަށް ޝެޑިއުލް އެކުލަވާލަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

އޭއެފްސީ ކަޕް ދަތުރު މާޒިޔާއިން ފަށާނީ، ޕްރިލިމިނަރީގެ ދެ ވަނަ ބުރުން ނެވެ. އެ ބުރުގައި މާޒިޔާއިން ނުކުންނާނީ، ބަންގުލަދޭޝްގެ ޕްރިމިއާ ލީގްގެ ރަނަރަފް ޑާކާ އަބަހާނީ އާ ދެކޮޅަށެވެ. ފުރަތަމަ ލެގް މެޗުގައި ފެބްރުއަރީ ފަސް ވަނަ ދުވަހު އޮންނާނީ ބަންގުލަދޭޝްގެ ޑާކާގަ އެވެ.

ސެކްލޮވްސްކީގެ ކޯޗް ކަމުގައި މާޒިޔާއިން ވަނީ 2017 ވަނަ އަހަރު، ޑާކާ އަބަހާނީ ބަލި ކޮށްފަ އެވެ. އެ އަހަރު އޭއެފްސީ ކަޕްގައި މާޒިޔާއިން ވާދަ ކުރިއިރު ލޯކަލް ސީޒަންގައި މާލޭ ލީގްގެ މެޗުތައް މާޒިޔާއަށް ލުއިކޮށް ނުދިނުމުން ސެކްލޮވްސްކީގެ ހިތްހަމަނުޖެހުން އޭރު ވަރަށް ބޮޑަށް ފާޅު ކުރި އެވެ.

"ދެހާސް ސަތާރަ ވަނަ އަހަރުގައި އަހަރެންގެ ތަޖުރިބާއަށް ބާލާފައި އަހަރެން ބުނަން އޭއެފްސީ ކަޕްގެ ކޮލިފިކޭޝަން މެޗުތަކެއް އޮއްވައި އެ އެ ދެމެދުގައި ލޯކަލް ސީޒަންގެ މާ ގިނަ މެޗުތައް ނުހިމެނުމަކީ އަހަރެމެންނަށް ވަރަށް ރަނގަޅު ކަމެއް،" ސެކްލޮވްސްކީ ވާހަކަ ދެއްކި އެވެ.

"ހަފުތާ އަކުން ހަފުތާ އަކުން މެޗެއް ކުޅެން ޖެހެންޏާ އަހަރެމެންނަށް ވަރަށް ރަނގަޅު، މިސާލަކަށް އަހަރެމެންގެ (އޭއެފްސީ ކަޕްގެ މެޗު) ފެބްރުއަރީ ފަހެއްގައި އޮންނައިރު ޖެނަވަރީ 27، 28 ނުވަތަ 29 ހިސާބުގައި ކުޅެން ޖެހޭނަމަވެސް އަހަރެމެންނަށް ރަނގަޅު އެއީ ކުޅުންތެރިންނަށްވެސް އެންމެ ރަނގަޅު ގޮތަށް ވާނެ."

އޭނާ ބުނީ 2017 ވަނަ އަހަރު ވީގޮތަށް ވެގެން، އޭއެފްސީ ކަޕްގައި ވާދަ ކުރާ ދިވެހި ޓީމުތަކަށް ޕާފޯމަންސް އެންމެ މަތީ ލެވަލްގައި ނުބެހެއްޓޭނެ ކަމަށެވެ.

ޕްރިމިއާ ލީގްގައި މިރޭ މާޒިޔާ ނުކުންނާނީ ޓީސީ އާ ދެކޮޅަށެވެ. މާޒިޔާ އެއް ވަނައިގައި އޮތީ ބޮޑު ލީޑަކާ އެކު އެވެ. ސެކްލޮވްސްކީ ބުނީ، އޭނާ ގެ ޓީމުން ވިސްނަނީ މެޗަކަށް ފަހު މެޗަކަށް ކަމަށެވެ. ޓީސީ އާ ބެހޭގޮތުން އޭނާ ބުނީ، އެންމެ ފަހުން ކުޅުނު މެޗުގައިވެސް 10 ކުޅުންތެރިންނާއެކު ފަހަތުން އަރައި މެޗުން މޮޅުވުމުން ޓީސީ އަކީ ކިހާ ވަރުގަދަ ޓީމެއްކަން ހާމަ ކޮށްދޭ ކަމަށެވެ.

"އާ ކޯޗާއެކު އެ ޓީމު ފެންނަނީ ވަރަށް މޯޓިވޭޓް ކޮށް، ޒުވާން ކުޅުންތެރިންނާއި ސީނިއާ ކުޅުންތެރިން ހިމެނޭ ގޮތަށް ރަނގަޅު ޓީމެއްވެސް އެބައޮތް."

ޓީސީގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ބުނީ، އޭނާ ހަވާލުވެ މިހާހިސާބަށް ކުޅުނު ދެ މެޗުން ޓީމު ފޯމަކަށް އެޅެމުން އަންނަ މަންޒަރު ފެންނަ ކަމަށެވެ. މާޒިޔާގެ ވަރުގަދަކަން އެނގޭ ކަމަށާއި އެހެންނަމަވެސް މާޒިޔާ އާ ދެކޮޅަށްވެސް ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޝާޒް ބުންޏެވެ.

އޭނާ ބުނީ، އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރަން މެނޭޖުމެންޓުން މަސައްކަތް ކުރަމުންދާއިރު ކުރިން އޮތް ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ޓީމު ގޮސްފައިވުމުން އެ މަސައްކަތަށްވެސް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށެވެ