ހުރިހާ ދިވެހިން މިއަދު އެއްބައިވެގެން މަސައްކަތް ކުރަންވީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނާއި ހައްދުފަހަނައަޅާފައިވާ ފަރާތްތަކުގެ ކިބައިން ގައުމު ސަލާމަތް ކުރުމަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތ. ވިލުފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ސުނާމީގެ ސަބަބުން ރާއްޖެއަށް މާއްދީ ގޮތުން ލިބުނު ބޮޑެތި ގެއްލުންތަކުން މިއަދު އަރައިގެންފައިވީ ނަމަވެސް އިޖްތިމާއީ ގޮތުން އަދިވެސް އަރައި ނުގަނެވޭ ބޮޑެތި މައްސަލަތައް ހުރި ކަމަށެވެ. އޭގެ އެއް ކަމަކީ ރާއްޖެއަށް ފެތުރި އާންމުވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ކަމަށާއި އެ ވަބާ އިން ޒުވާން ޖީލުތައް ސަލާމަތް ކުރުމަށް ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ.
ދިވެހިންގެ ތެރެއިން މަދު ބަޔަކު ނަމަވެސް ދީނަށް ފުރައްސާރަކޮށް ރަސޫލާއަށް ކުޑައިމީސް ބުނެ ދީނާ ދެކޮޅަށް މަސައްކަތަކެއް ކުރަމުން ގެންދާ ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި ދީނުގެ ނަަމުގައި ހަރުކަށި ފިކުރުތަކަށް ތަބާވެ، މުދަލާއި ފުރާނައަށް ގެއްލުންދީ އެންމެންގެ ހިތުގައި ބިރުވެރިކަން އުފައްދާ ފަރާތްތަކެއް ވެސް މުޖުތަމައުގެ ތެރޭގައި އުޅޭ ކަމަށާއި އެ ދެ މައްސަލަ ހައްލު ކުރެވޭނީ ވެސް ރައްޔިތުން އަތުގުޅާލައިގެން އެއް އަމާޒަކަށް މަސައްކަތްކޮށްގެން ކަމަށް އިމްރާން ވިދާޅުވި އެވެ.
"މިފަދަ ބޮޑެތި އިޖްތިމާއީ ބަލިތަކުން ސަލާމަތްވެގެން މެނުވީ ރައްޔިތުންނަށް އުފާވެރި މުސްތަގުބަލެއް ނުލިބޭނެ. މިކަމަކީ ސަރުކާރުން ފުޅާ ދާއިރާއެއްގައި ވިސްނާ މުހިންމު މަސައްކަތްތަކެއް ފަށާފައިވާ މައްސަލަތަކެއް. މިކަމުގައި ހުރިހާ ރައްޔިތުން ވިސްނާ މި މުހިންމު ދުވަހު އެއް އަޒުމެއްގައި ހުރެ ސަރުކާރާއެކު ކުރިޔަށް ދިޔުމަށް އިލްތިމާސް ކުރަން،" އިމްރާން ވިދާޅުވި އެވެ.
މިނިިސްޓާ ވިދާޅުވީ ޑިސެންބަރު 26، 2004 ގައި ސުނާމީ އެރި ހާދިސާއަކީ ބިރުވެރި އަދި ދިވެހިން ހާލުގައި ޖައްސައި ނިކަމެތިކޮށްލި ދުވަހެއް ކަމަށެވެ. އެ ހާލުގައި ތިބެގެން ވެސް ދިވެހިން މަސައްކަތް ކުރީ އެކަކު އަނެކަކަށް އަޅާލައި އެހީވުމަށް ކަމަށާއި އޯގާތެރިކަމާއި ހަމްދަރުދީވުމުގައި ލާމަސީލު މިސާލެއް ދެއްކި ދުވަހެއް ކަމަށެވެ.
"ރާއްޖޭގެ ރައްޔިތުންގެ ކިބައިން އެ ދުވަހު ފެނިގެން ދިޔައީ ރައްޔިތުން އަބަދުމެ ކާބަފައިން ފަަހުރުވެރިވަމުން އައި އުފާވެރިކަމާއި އަޅާލުމާއި ހަމްދަރުދީ އާއި ލޯބި ރައްޔިތުންގެ މައްޗަށް ގެނައުމުގެ މަންޒަރުތައް މުޅި ގައުމަށް ދިމާވި މި ބޮޑު ހިތާމަވެރި ހާދިސާއިން ސަލާމަތް ވުމަށްޓަކައި މަސައްކަތް ފެށީ އެކީ އެކައްޗެއްގެ ގޮތުގައި" އިމްރާން ވިދާޅުވި އެވެ.
އިމްރާން އިތުރަށް ވިދާޅުވީ 21 ވަނަ ގަރުނުގައި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގިންޖެހުންތަކުގެ ތެރޭގައި ދިވެހިން ކުރިޔަށް ދިޔުމަށްޓަކައި ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ބޭނުންވާ ކަމަށެވެ. ރައްޔިތުންގެ ކުރިއެރުމާއި ލާބަޔާއި މަސްލަހަތަށްޓަކައި އަދި ތަރައްގީއާއި މަންފާއަށްޓަކައި ސަރުކާރުން ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.