މަގާމު ހުސްވެފައިވާ ޗައިނާގެ ގައުމީ ޓީމުގެ ކޯޗަކަށް އެވަޓަން އަށް ކުރިން ކުޅުނު ޗައިނާގެ މިޑްފީލްޑާ ލި ޓައި ހަމަޖައްސައިފި އެވެ.
ޗައިނާގެ ކޯޗް ކަމުގެ މަގާމު ހުސްވީ، އިޓާލީގެ ވޯލްޑް ކަޕް ވިނިން ކޯޗް މާސެލޯ ލިއްޕީ، ނެވްމެބަރު މަހު ސީރިއާ އަތުން ބަލިވި މެޗަށް ފަހު އިސްތިއުފާ ދިނުމުންނެވެ. ޗައިނާގެ ފުޓްބޯލް އެސޯސިއޭޝަނުން ބުނީ ލިއްޕީގެ އިސްތިއުފާ އަކީ ލިބުނު ހައިރާން ކަމެއް ކަމަށެވެ.
ޗައިނާގެ ކޯޗަކަށް ލީ ޓައި ހަމަޖެއްސީ، އިންޓަވިއު ކުރި ތިން ކެނޑިޑޭޓުންގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ މަސައްކަތްތަކެއް ކޮށްފައިވާ ކެނޑިޑޭޓަކީ އޭނާ ކަމަށް ވުމުންނެވެ. އަނެއް ދެ ކެނޑިޑޭޓުންނަކީވެސް ކުރިން ޗައިނާގެ ގައުމީ ޓީމަށް ކުޅެފައިވާ ފަރާތްތަކެވެ. އެއީ ލީ ޒިއޯޕެން އަދި ވަންގް ބޯޝާން އެވެ.
"އޭނާ [ލީ ޓައި] ވަނީ އޭނާ އަކީ މޮޅު ކޯޗެއްކަން ޗައިނީޒް ސުޕަ ލީގާއި ގައުމީ ޓީމުގެ ވަގުތީ ކޯޗެއްގެ ގޮތުގައިވެސް ސާބިތު ކޮށްދީފަ." ސީއެފްއޭގެ ޖެނަރަލް ސެކެޓްރީ ލިއު ޔީ ވިދާޅުވި އެވެ. "
ލީ ވަނީ ކުރީގެ ކޯޗް، ލިއްޕީގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ގުއަންޒޫ އެވަގްރާންޑޭ އަދި ޗައިނާގެ ގައުމީ ޓީމުގައިވެސް މަސައްކަތް ކޮށްފަ އެވެ. އަދި ޗައިނާގެ ލީގަށް އަލަށް ކޮލިފައިވި ވުއާން ޒަލްއަށް އިރުޝާދު ދީ އެ ޓީމު ގަދަ ހައެއްގެ ތެރެއަށް ގެންގޮސްދިނެވެ.
މިދިޔަ މަހު ބޭއްވި އީސްޓް އޭޝިއާގެ ޗެމްޕިއަންޝިޕްގައި، ވަގުތީ ކޯޗެއްގެ ގޮތުން ލީ ޓައި ވަނީ ގައުމީ ޓީމަށް އިރުޝާދު ދިފަ އެވެ. ޒުވާން ޓީމަކާއެކު އެ މުބާރާތުގެ ވާދަކޮށް ތިން ވަނަ ޗައިނާގެ ޓީމަށް ހޯދައިދިނެވެ.
ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ޓީމާ ހަވާލު ވުމަށް ލީ ޓައިގެ ފުރަތަމަ ރަސްމީ މެޗަކަށް ވާނީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗެވެ. ލީޓައިގެ އިރުޝާދު ދަށުން ޗައިނާގެ ޓީމުން މިއަދު ގުއަންޒޫގައި ޓްރޭނިންއަށް ކޭމްޕް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ލީ ޓައި ވަނީ 2002 ން 2006 އަކަށް އެވަޓަން އަށް ކުޅެފަ އެވެ.