ދިވެހި ޕްރެމިއާ ލީގް

ޓީސީ ބަލިކޮށް މާޒިޔާއިން ބޮޑު ލީޑެއް ނަގައިފި

ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ އެއް ވަނައިގައި މާޒިޔާއިން 14 ޕޮއިންޓްގެ ބޮޑު ލީޑެއް ނަގައިފި އެވެ.

މިރޭގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު މާޒިޔާއިން ވަނީ 38 ޕޮއިންޓް ހޯދާފަ އެވެ. ދެ ވަނައިގައި އޮތީ ކުލަބު އީގަލްސް އެވެ. އީގަލްސް އަށް ލިބިފައި ވަނީ 24 ޕޮއިންޓެވެ.

މެޗުން ޓީސީ ބަލިވި ނަމަވެސް މެޗުގައި އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ފުރަތަމަ ހާފުގައި މާޒިޔާއަށް ތަނަވަސް ފުރުސަތެއް އުފައްދަން ފުރުސަތު ނުދީ ރަނގަޅަށް ޑިފެންސިވް ވިސްނުމެއްގައި ކުޅެނެވެ. އަދި ދެވަނަ ހާފުގައި އެޓޭކް ރަނގަޅު ކޮށް މާޒިޔާގެ ގޯލަށް ނުރައްކާ ކުރި އެވެ.

ޓީސީގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ބުނީ ފުރަތަމަ ހާފުގައި އޭނާގެ ޕެލޭނާ އެއްގޮތަށް މަސައްކަތް ކުރި ކަމަށާއި ދެ ވަނަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ތަފާތަކަށްވީ މާޒިޔާގެ އެޓޭކިން ކުޅުންތެރިންގެ ފެންވަރު ރަނގަޅުވުން ކަމަށެވެ.

"ފުރަތަމަ ހާފުގައި ޓެކްޓިސް ވަރަށް ރަނގަޅަށް ވޯކް ކުރި ބޭނުންވި ގޮތަށް ފުރަތަމަ ހާފު ދިޔައީ،" ޝާޒް ބުންޏެވެ. "ދެ ވަނަ ހާފުގައި ވެސް ރަނގަޅަށް ފަށައިގަނެވިފައި ދެން އެ ޓީމުގެ އެޓޭކިން ކުޅުންތެރިން ތަފާތުކޮށް ފެނުނީ، ލަނޑެއް ވަދެފައި އިންދާ އޭގެއިން އަރައި ނުގަނެވި އިންދާ އަނެއްކާވެސް އުނދަގޫ ގޮތަކަށް ލަނޑެއް ވަދެގެން ދިޔައީ."

ފުރަތަމަ ހާފުގައި ލިބުނު ފުރުސަތު ލިބުނީ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށެވެ. އޭނާ ފޮނުވާލި ބޯޅައިގައި މާބޮޑު ބާރެއް ނެތުމުން އެ ބޯޅަ ލިބުނީ ޓީސީގެ ކީޕަރު އިބްރާހިމް ނަދީމް (ރިކޫ) އަށެވެ.

ދެ ވަނަ ހާފުގައި ޓީސީން ރަނގަޅު ހަމާލާތަކެއް އުފެއްދި އެވެ. ދެ ވަނަ ހާފުގެ ކުރީ ކޮޅު ޓީސީގެ ކުޅުންތެރިން އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ލިބުނީ މުހައްމަދު ސާދު ނިޒާރު އަށެވެ. އޭނާ ތިރިތިރިން ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރު އަފްގާނިސްތާންގެ އޮވިއަސް އަޒީޒީ ޑައިވް ކުރުމަށް ފަހު ބޯޅަ ސޭވް ކުރި އެވެ.

މާޒިޔާގެ ލަނޑު، މެޗުގެ 52 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) އެވެ. ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އޭނާ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ ގޯލްގެ އަރިމައްޗަށް ވާ ގޮތަށް އޭނާ އާ ވީ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

އެ ލަނޑަށް ފަހު ޓީސީގެ އެޓޭކުތަކަށް މަޑު ޖެހުމެއް އައެވެ. މާޒިޔާއިންވެސް އެ ޓީމުގެ ޑިފެންސަށް އިތުރަށް ކުޅުންތެރިން އިތުރުކޮށްގެން ކުޅެމުން ދިޔަ އެވެ. މާޒިޔާގެ ދެ ވަނަ ލަނޑު 60 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަސަދުﷲ އެވެ. އެ ޓީމުން ނެގި ކޯނަރު އޭނާ ބޮލުން ފޮނުވާލުމުން ބޯޅަ ވެއްޓުނީ ޓީސީގެ ކީޕަރު ރިކޫގެ ކުރިމައްޗަށެވެ. އޭނާ އަށް ބޯޅައިގެ ކޮންޓްރޯލް ރަނގަޅަށް ނުލިބިގެން އުޅެނިކޮށް ގޯލް ލައި އެތެރެއަށް ބޯޅަ ދިޔަ އެވެ. ޓީސީގެ ކުޅުންތެރިން ބޯޅަ ކްލިއާވެސް ކޮށްލި އެވެ.

ރެފްރީ، ނިންމީ ލަނޑެއް ކަމަށެވެ. ޓީސީގެ ކުޅުންތެރިން އެޕީލްވެސް ކުރި އެވެ. އެހެންނަމަވެސް ރެފްރީ އެންގީ ގޯލްގެ ލައިން ހުރަސްކޮށް ބޯޅަ އެތެރެއަށް ވަދެފައިވާ ކަމަށެވެ.

ޓީސީން އިތުރު ހިތްވަރެއްލައި ކުޅުން ރަނގަޅު ކޮށް އަނެއްކާވެސް އެ ޓީމުގެ ހަމަލާތައް ވަރުގަދަ ކުރި އެވެ. އެ ޓީމުގެ ލަނޑު މެޗުގެ 75 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިސްމާއީލް އީސާ (މެސީ) ފޮނުވާލި ހިތްގައިމު ހިލޭ ޖެހުމުންނެވެ. މާޒިޔާގެ ކުޅުންތެރިން އޭރިއާ ބޭރުން ކުރި ފައުލުން ލިބުނު ހިލޭޖެހުން އިސްމާއީލް އީސާ ފޮނުވާލީ ފާރެއްހެން އެތުރޮގެންތިބި މާޒިޔާގެ ކުޅުންތެރިންގެ އަރިމަތިން ސީދާ ގޯލްގެ ދަނޑި ކައިރިން ކަނަށެވެ. އެ ބޯޅަ ސަލާމަތް ކުރުމަށް މާޒިޔާގެ ކީޕަރު އަޒީޒީއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

ނަތީޖާގެ ފަރަގު އެއް ލަނޑަށް ކުޑަވެ، ޓީސީއަށް ނަތީޖާ ހަމަހަމަ ކުރުމަށްވެސް ފުރުސަތު ލިބުނެވެ. އިބްރާހިމް އައިސަމް (ޓޯނީ) އޭރިއާ ތެރެއިން މާޒިޔާގެ ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

ލީޑްގައި އޮތުމުން މާޒިޔާއިން ބެލީ، ޑިފެންސް ކުރުމަށް ފަހު ކައުންޓަ އެޓޭކްގައި ހަމަލާ އުފެއްދުމަށެވެ. އެޓީމުގެ ތިން ވަނަ ލަނޑު އަސަދުﷲ ކާމިޔާބު ކުރީ މާޒިޔާގެ ފަހަތުން ކުރިއަށް ފޮނުވާލި ބޯޅައިން އޭރިއާގެ ތެރެއަށް ވަދެ އެވެ. އޭނާ ހުއްޓުވުމަށް ޓީސީގެ ޑިފެންޑަރު މުހައްމަދު އަޖުފާން މަސައްކަތް ކުރި އެވެ. އެހެންނަމަވެސް އޭނާއަށް ރަނގަޅަށް ޑިފެންސް ނުކުރެވުމުން އަސަދުﷲ އަށް ގޯލް ޖަހަން ފުރުސަތު ލިބުނީ މުޅިން ހުސްކޮށެވެ. އަޖުފާންގެ ކައިރިން ނެއްޓި އަސަދުﷲ ވަނީ އެ ބޯޅަ ޓީސީގެ ގޯލަށް ފޮނުވާލާފަ އެވެ.

މާޒިޔާގެ ހަތަރު ވަނަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 90 މިނެޓް ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ތެރެއިން ދެ ވަނަ މިނެޓްގަ އެވެ. އެ ލަނޑު ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އޭނާގެ ކުރީގެ ޓީމު ކޮޅަށް މި ބުރުގައިވެސް ލަނޑު ޖެހުމަށް އިއްބެ އުފާފާޅު ކޮށްފައެއް ނުވެ އެވެ.

އަނިޔާގެ ސަބަބުން މިއަހަރުގެ ޖުލައި ގެ ފަހުން މެޗެއް ނުކުޅެ ހުރުމަށް ފަހު އިއްބެ މެޗު ކުޅެން ފެށީ ޑިސެމްބަރު މަހު ލީގް އަލުން ފެށުމަށް ފަހު އެވެ. އޭގެ ފަހުން ކުޅުނު ދެ މެޗުގައިވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނުކުމެ އިއްބެ ވަނީ ލަނޑު ޖަހާފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗް މަރުޔާން ސެކްލޮވްސްކީ ބުނީ ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ މައްޗަށް ރަނގަޅު ނަތީޖާއަކުން އެޓީމު ބަލި ކުރެވުމުން ކުޅުންތެރިންނަށް މަރުހަބާ ކިޔާ ކަމަށެވެ.