ދިރާސީ އަހަރަށް ފަހު ދޭ ބޮޑު ޗުއްޓީ ދެ ބަޔަކަށް ބަހާލަން ނިންމާ އެޑިއުކޭޝަން މިނިސްޓްރީން އެކަން އިއުލާނުކުރީ އިއްޔެ އެވެ. ޒަމާނުއްސުރެ ބޮޑު ޗުއްޓީ ހަމަޖެހިފައި އޮތްނަމަ ދުވަސްވަރު ބަދަލުކުރުމުގެ ވާހަކަ ފުރަތަމަ ދެކެވެން ފެށީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެންޕެއިން ތެރޭގައެވެ. އޭރުގެ އިދިކޮޅުން އެ ވާހަކަތައް ދައްކަން ފެށީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒިފުންގެ ހައްގުގައި ކަމަށް ބުނެއެވެ.
ސުކޫލް ބޮޑު ޗުއްޓީ ދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަން ތެރެއެވެ. ހުރިހާ ރިސޯޓްތައް ފުރި، މުވައްޒިފުންނަށް އެންމެ ބާރު ބޮޑުވާ ދުވަސްވަރެވެ. އެހެން ކަމުން ރިސޯޓްތަކުގައި މަސައްކަތް ކުރާ ދިވެހި މުވައްޒިފުންނަށް ބޮޑު ޗުއްޓީ މަހުރޫމް ވަނީއެވެ. އާއިލާއާއި އަނބިދަރިންނާއެކު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ގެއްލިގެން ދަނީއެވެ.
އެކަމަށް ހައްލު ހޯދާދީ ސުކޫލްގެ ބޮޑު ޗުއްޓީ ލިބޭ ދުވަސްވަރު ބަދަލު ކުރާނެ ކަމަށް އޭރު އިދިކޮޅު ލީޑް ކުރައްވަމުން ގެންދެވި ބައެއް ބޭފުޅުން ވިދާޅުވިއެވެ. ހާއްސަކޮށް މިހާރުގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެ ވާހަކަފުޅު ވަރަށް ބާރަށް ދެއްކެވިއެވެ. އަދި މިފަހުންވެސް އެ ވާހަކަތައް އަލުން ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެންނެވުމުގައި މިނިސްޓަރު އަލީގެ ދައުރު ބޮޑެވެ. ކުރިން ވާހަކަ ދެކެވުނީ މިހާރު ޗުއްޓީ ދެމުންދާ ޑިސެންބަރު މަހުގެ ބަދަލުގައި އަހަރުގެ މެދުތެރެއިން ސުކޫލްގެ ބޮޑު ޗުއްޓީ އަންނަ ގޮތަށެވެ. މިހާރުވެސް ދުނިޔޭގެ ބައެއް ގައުމުތަކުގައި އަހަރުގެ މެދަކީ ތައުލީމީ ދާއިރާއަށް ބަންދު ދުވަސްވަރެވެ.
ނަމަވެސް އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން އާންމު ކުރި އިއުލާނުގައިވާ ގޮތުން ބޮޑު ޗުއްޓީ ދެބައި ކޮށްލީއެވެ. ދިރާސީ އަހަރު ނިންމުމަށްދޭ "ބޮޑު ޗުއްޓީ" ދެ ބަޔަކަށް ބަހާލުމަށް ފަހު 2020 ވަނަ އަހަރުގެ ސުކޫލްތަކުގެ އަހަރީ ޗުއްޓީގެ ފުރަތަމަ ބައި 31 މެއި 2020 ފެށިގެން 11 ޖޫން 2020 އަދި ދެވަނަ ބައި ހައެއް ޑިސެންބަރު 2020 ފެށިގެން ހަތެއް ޖަނަވަރީ 2021 އަށް ހަމަޖެއްސީއެވެ.
އެޑިއުކޭޝަނުން ބުނީ މި ބަދަލު ގެނައީ ސުކޫލްތަކުގެ އަހަރީ ޗުއްޓީއަކީ އާއިލީ ގުޅުން ބަދަހިކޮށް އާއިލާއާއެކު ވަގުތު ހޭދަ ކޮށްލުމަށް ލިބޭ ދުވަސްވަރަކަށްވީ ނަމަވެސް ދިރާސީ އަހަރު ނިމި ސުކޫލްތައް ޗުއްޓީއަށް ބަންދުކުރާ ޑިސެމްބަރު އަދި ޖަނަވަރީ މަހަކީ ރާއްޖޭގެ އިގްތިސޯދުގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ އެންމެ ބާރު ބޮޑު ދުވަސްވަރު ކަމަށް ވުމުން އެ ސިނާއަތުގައި މަސައްކަތްކުރާ ބެލެނިވެރިންނަށް އާއިލާއާއެކު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބުމުގައި ގިނަ ފަހަރު ދަތިތައް ދިމާވާ ކަމަށެވެ.
ނަމަވެސް އެޑިއުކޭޝަންގެ މި ނިންމުމާއެކު މުޅި ސޯޝަލް މީޑިއާ ރުޅިވެރިކަމުގެ ބަސްތަކުން ފުރާލިއެވެ. އެކި މީހުން އެކި ގޮތްގޮތަށް އެޑިއުކޭޝަންގެ ނިިންމުން ތަރްޖަމާކުރަން ފެށިއެވެ. ބައެއް މީހުންގެ ނަޒަރުގައި މިއީ ބުރަ މަސައްކަތް ކުރަމުންދާ ޓީޗަރުންނަށް ކޮށްލި މަލާމާތެކެވެ. އަނެއް ބައެއްގެ ނަޒަރުގައި ބޮޑު ޗުއްޓީ ދެބައި ކުރުމުގެ ނަމުގައި ކުރިން ލިބެމުން އައި ހަގީގީ ބޮޑު ޗުއްޓީ ކުރުކޮށްލީއެވެ. މިހާ ހިސާބަށް ކޮންމެ އަހަރެއްގެވެސް ނޮވެންބަރު މަހުގެ ދެވަނަ ހަފްތާ ނުވަތަ ތިންވަނަ ހަފްތާގައި ސުކޫލްތައް ބަންދުކޮށް ދަރިވަރުންނަށް ޗުއްޓީ ދެއެވެ. އަލުން ސުކޫލްތައް ހުޅުވެނީ ޖަނަވަރީ ފުރަތަމަ ހަފްތާ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައެވެ. އެހެން ކަމުން އެންމެ މަދުވެގެންވެސް މަހަކާއި، ހަފްތާއެއް ނުވަތަ އެއާ އެއް މިންވަރެއްގެ ޗުއްޓީއެއް ލިބެއެވެ.
އެޑިއުކޭޝަނުން އަލަށް ގެންނަ ބަދަލާއެކު ޗުއްޓީގެ ފުރަތަމަ ބައިގައި ލިބެނީ 11 ދުވަހެވެ. ދެވަނަ ބައިގައި ލިބެނީ 30 ދުވަހެވެ. އެހެން ކަމުން ދެބައަށް ބަހާލުމުގެ ނަމުގައި ޗުއްޓީ ކުރުކޮށްލީ ކަމަށް ބައެއް މީހުން ދެކެއެވެ. މީގެ އިތުރުން މިހާރުވެސް އަހަރަކު ދެ ފަހަރު ސެމިސްޓާ ބްރޭކް ނުވަތަ ޓާމް ބަންދުގެ ގޮތުގައި ހަފްތާއެއް ނުވަތަ އެއަށްވުރެ ގިނަ ދުވަސް ލިބެމުން ދެއެވެ. އެހެން ކަމުން ބޮޑު ޗުއްޓީގެ ފުރަތަމަ ބައިގެ ގޮތުގައި އެންމެ 11 ދުވަސް ލިބުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ބައެއް މީހުން ދެކެއެވެ.
"ދެބައިކޮއްލީކީ ނޫން. ބޮޑު ޗުއްޓީ ކުޑަ ކޮށްލީ. އެހެންޏާވެސް ލިބޭ ޓާރމް ބަންދުގަ 10 ވަރަކަށް ދުވަސް. މިހާރުވެސް ހަމަ އެހެން. އަނެއްކާވެސް ބޮޑު އޮޅުވާލުމެއް. ބޭނޫންވަނީ ޓީޗަރުންގެ ދުވަސް ދުއްވާލާ ތައުލީމު ފުނޑާލަން." ސޯޝަލް މީޑިއާގައި އާންމުގެ މީހަކު އޭނާގެ ހިޔާލް ފާޅުކޮށްފައިވެއެވެ.
މީގެ އިތުރުން ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒިފުންނަށްޓަކައި ގެންނަ މި ބަދަލުން އެ މުވައްޒިފުންނަށް ލިބޭނެ ލުޔަކީ ކޮބައިތޯވެސް ބައެއް މީހުން ސުވާލު ކުރެއެވެ. އަލަށް ގެންނަ ބަދަލުގައިވެސް ހައެއް ޑިސެންބަރުން ހަތެއް ޖަނަވަރީ އަށް ބަންދެވެ. އެއީ ހަމަ އެ ވިދާޅުވާ ރިސޯޓްތައް ފުރި، މުވައްޒިފުންގެ މަސައްކަތް އެންމެ ބުރަވާ ދުވަސްވަރެވެ. ރިސޯޓްތަކުގެ މެނޭޖްމަންޓުން ހުރިހާ މުވައްޒިފުންގެ ޗުއްޓީތައް ހިފަހައްޓާ ދުވަސްވަރެވެ. އެހެންވީމަ އެޑިއުކޭޝަނުން މި ގެނައީ ކޮން ކަހަލަ ބަދަލެއް ހެއްޔެވެ. މިއީ ހަމަ ނަމެއްގައި ކަމެއް ކުރީމޭ ބުނަން ގެނައި ބަދަލެއް ނޫން ހެއްޔެވެ.
"ތިޔަޖެހުނީ ކޮންތާކު؟ ޑިސެމްބަރ މަސް އެއްކޮށް ޗުއްޓީ ގަޢި. ތަފާތެއްނެތް. ޓޫރިޒަމް ޕީކް ޓައިމް ކަމަށް ބުނެފައި އެދުވަސްކޮޅު ގިނަ ބެލެނިވެރިން ރިސޯޓްގައޭ ކިޔާފަ އާއިލާއަށް އައްޓަކައި ޗުއްޓީ ބަދަލުކުރި ސަބަބަކާ ނުގުޅޭ. ތީކޮންމެވެސް އެހެން ސަބަބެއް އޮތީމަ ކުރިކަމެއް." އެހެން މީހަކު ކުރި ކޮމެންޓެއްގައި ބުނެފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ނިންމުމާއެކު މިއީ ކިހާވަރެއްގެ ދިރާސާއެއް ކުރުމަށްފަހު ނިންމާފައިވާ ނިންމުމެއްތޯވެސް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. ބޮޑު ޗުއްޓީގައި އުފަން ރަށައް ނުވަތަ ޗުއްޓީއަށް ރާއްޖެއިން ބޭރަށް ގިނައިން ދަނީ ސުކޫލް ދަރިވަރުންނާއި، އެ ދަރިވަރުންގެ ބެލެނިވެރިން ކަމަށްވާއިރު އެ މީހުންގެ ހިޔާލެއް މިފަދަ ނިންމުމެއް ނިންމާއިރު ހޯދީ ކިހާ ވަރަކަށްތޯވެސް ގިނަ ބަޔަކު ސުވާލު ކޮށްފައިވެއެވެ.
"ޓީޗަރުންނަށް އެކަށީގެންވާ އުޖޫރައެއް ނުދޭތާގަ އަހަރީ ޗުއްޓީވެސް ކުރުކޮށްލީނު." އެހެން މީހަކު ބުނެފައިވެއެވެ.
މީގެ އިތުރުން އަހަރީ ބޮޑު ޗުއްޓީ ދެބައިކޮށްލާ ރައްޔިތުންނަށް ފަސޭހަކޮށްދިން ކަމަށް ބުނާއިރު، އަހަރަކު ދެ ފަހަރު ފުރައިގެން ބޮޑު ހަރަދުކޮށްގެން އުފަން ރަށައް ދާނީ ކިހިނެތްތޯވެސް ބައެއް މީހުން ސުވާލުކޮށްފައިވެއެވެ. ދުރު ރަށްރަށުް މާލެ ބަދަލުވެ، ދިރިއުޅެމުންދާ މީހުން އުފަން ރަށައް ބޮޑު ޗުއްޓީއަށް ކުރު މުއްދަތަކަށް ދާން ޖެހުމަކީ ސަރުކާރުން ކުރިމަތިކުރި އުނދަގުލެއް ކަމަށްވެސް ބުނެފައިވެއެވެ.
އަހަރަމެން ދަރިން ގޮވައިގެން އިރުއިރުކޮޅާ ޗުއްޓީ ނަގައިގެން ރަށަށް ދާހާ ތަނަވަސްކަމެއް ނެތް. އެކުދިން އެއީ ޗުއްޓީއެއް ލިބިއްޖެއްޔާ ރަށަށް ދާން މޮޔަވާ ކުދިންކޮޅެއް. ތި އުސޫލު އަލުން ރިވިއުކުރޭ." މީހަކު ހިޔާލު ފާޅުކޮށްފައިވެއެވެ. "މިއީ މާ ބޮޑު ބަދަލެއް ނޫން. އަހަރު ފަހުކޮޅު ކުރު ޗުއްޓީއެއް ދީފައި މެދު ތެރޭގައި ބޮޑު ޗުއްޓީއެއް ނުލިބޭނަމަ މިހާރެކޭ މާ ބޮޑު ތަފާތެއް ނެތް. މިހާރުވެސް އަހަރު މެދު ތެރޭގައި ދިހަވަރަކަށް ދުވަހުގެ ޗުއްޓީ ލިބޭ."
ބޮޑު ޗުއްޓީ ދެ ބައިކޮށްލާ އެޑިއުކޭޝަނުން ގެނައި ބޮޑު ބަދަލަށް އާންމުންގެ ގިނަ ބަޔަކު މިވަނީ ދެކޮޅު ހަދާފައެވެ. އެކަން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކަށް ބަލާލުމުން އެނގެއެވެ. އެހެން ކަމުން މިފަހަރު މި މައްސަލަ އިތުރަށް ބޮޑުވެ، އާންމުންގެ ނުރުހުން ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވާނެ ކަމަށް ބެލެވެއެވެ.
ހަަމަ ޔަގީނުންވެސް މި ބަދަލު ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ދެއްކި ހުއްޖަތުގައި ވަރެއް ނެތެވެ. ކުރިންވެސް އަދި ފަހުން މި އަންނަ ބަދަލުންވެސް ޑިސެންބަރު އޮތީ ބޮޑު ޗުއްޓީގެ ތެރޭގައެވެ. މި ބަދަލުން ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ލިބޭނެ ލުޔެއް ނުވިސްނެއެވެ. ހަމަ ޔަގީނުންވެސް ރިސޯޓްތަކުގެ އޯނަރުން، ޕީކް ސީޒަންގައި މުވައްޒިފުންނަށް ޗުއްޓީއެއް ނުދޭނެ އެވެ.
އެހެންކަމުން އެޑިއުކޭޝަންގެ މި ނިންމުމާއި މެދު އަލުން ވިސްނަން ޖެހެއެވެ.