ލައިފްސްޓައިލް

ގެއެއް ގަތުމަށް ބުރަ މަސައްކަތުގައި!

މި ޒަމާނުގައި ގިނަ ކުދިން އެއްވެސް މަސައްކަތެއް ކުރާކަށް ބޭނުމެއް ނުވެ އެވެ. މައިންބަފައިންނަށް ލިބޭ ލާރިން ދިރިއުޅުމުގެ ކަންތައްތައް ފޫބައްދައިގެން މަޖާ ކުރުމާއި ކުޅުމުގައި ދުވަސްތައް ދުއްވާލަ އެވެ. ނަމަވެސް ޗައިނާގެ ޒުވާން އަދި ރީތި އަންހެން ކުއްޖެއް ކަމަށްވާ ޒިއާއޮ މެއި ނަމަކަށް ކިޔާ ޗައިނާގެ މި ޒުވާން އަންހެންކުއްޖާއަކީ ޒުވާނުންނަށް ނަމޫނާ އެކެވެ.

އޭނާ ކުރަނީ އާދައިގެ ފަސޭހަ މަސައްކަތެއް ނޫނެވެ. ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތްކުރާ އެހެން އެއްވެސް ފިރިހެނަކަށް ދޫނުކޮށް އެތަނުގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ޒިއާއޮ ކުރެ އެވެ.

ޒިއާއޮ މިހާ ބުރަ މަސައްކަތް ކުރަނީ ދިރިއުޅޭނެ އަމިއްލަ ގެއެއް ގަތުމަށް ފައިސާ އެއް ކުރުމަށެވެ. މައިންބަފައިންނަށް ލިބޭ ފައިސާއިން އޭނާއަށް ޚަރަދު ކުރާކަށް ޒިއާއޮ ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ މައިންބަފައިންނަށް އޭނާގެ އެއްވެސް ކަމަކަށް ޚަރަދު ކުރަން ނުޖެހޭ ވަރަށް އަމިއްލަ މަސައްކަތުން ފައިސާ ހޯދާށެވެ. މި މަގްސަދު ފުރިހަމަ ކުރުމަށް ކިތަންމެ ބުރަކޮށް މަސައްކަތް ކުރަން ޖެހުނަސް މި އަންހެންކުއްޖާގެ އެއްވެސް ޝަކުވާއެއް ނެތެވެ.

އަންހެންކުއްޖަކަށް ވީތީ މިފަދަ ބުރަ މަސައްކަތް ނުކުރެވޭނެ ކަމަށް ހީކޮށް ގޮތްދޫކުރާކަށް ޒިއާއޮ ބޭނުމެއް ނޫނެވެ. މި ކުއްޖާ ވަރަށް ބުރަކޮށް ކޮންސްޓްރަކްޝަން މަސައްކަތް ކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވައިރަލް ވުމުން ވަރަށް ގިނަ ބަޔަކު އެ ކުއްޖާގެ ގޭގައި އުޅޭ އެހެން މީހުންނަށް މަލާމާތްކޮށް ކޮމެންޓްތައް ކުރި އެވެ. އަދި އޭނާ ނޫނީ އެފަދަ މަސައްކަތެއް ކުރެވޭނެ ފިރިހެނަކު އެ ގޭގައި ނެތީތޯ ވެސް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ.

ޒިއާއޮގެ މަސައްކަތަކީ ހަމައެކަނި އިމާރާތްކުރާ ގާ އުފުލުމެއް ނޫނެވެ. ސިމެންތި ގެށުމާއި ސިމެންތިން ކުރާ އެހެނިހެން މަސައްކަތްތައް ވެސް އޭނާ ކުރެ އެވެ. އަދި ކޮނޑުމަތީގައި ބަރު ބަސްތާތައް އުފުލުމަކީ ވެސް ޒިއާއޮ ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ޒިއާއޯ މަސައްކަތްކުރާ ވީޑިއޯ އަކީ މީގެ ދޮޅުއަހަރެއްހާ ދުވަސް ކުރީގެ ވީޑިއޯ އެއް ނަމަވެސް އަދިވެސް ޒިއާއޯ މި މަސައްކަތުގައި ދެމިހުރި ކަމަށާއި އަމިއްލަ ގެއެއް ގަނެވޭ ވަރު ވަންދެން މަސައްކަތް ކުރަން އޭނާ ބޭނުންވާ ކަމަށް ޗައިނާގެ ނޫހަކުން ބުނެފައި ވެއެވެ.