އިދިކޮޅު ސިޔާސީ ފިކުރަށް މިއަދު ވަނީ ކޮޅު ބެދިފައި ކަމަށާ މިހާރު އޮތް ހާލަތު ބަދަލު ކުރެވޭނީ އާވި ސްނުމެއް ނެރެގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ޕީޕީއެމްގެ ކުރީގެ ނާއިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ "ރައީސް ޔާމީން މިނިވަންވާނެ ކަމަށް ނުދެކޭ ކަމަށާ މިއަދު އިދިކޮޅަށް ދާނެ މަގެއް ނެތް" ކަމަށް ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަފުޅަކާއި ގުޅޭގޮތުންނެވެ.
ޕީޕީއެމްގެ ލީޑާޝިޕްގައި ކުރިން މަސައްކަތް ކޮށްފައިވާ އަދި މިހާރުވެސް އެޕާޓީ ކޮޅަށް ޖެހުމުގެ މަސައްކަތަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ކުރީގެ މިނިސްޓަރު އުމަރު ވިދާޅުވީ އިދިކޮޅު ސިޔާސީ ފިކުރަށް މިއަދު ވަނީ ކޮޅު ބެދިފައި އޮތް މަގަކަށް ވަދެވިފައި ކަމަށެވެ.
އިދިކޮޅަށް މިއަދު ކުރިއަށް ދެވޭކަށްވެސް އަދި ފަހަތަށް ޖެހެވޭކަށް ވެސް ނެތް ކަމަށް އުމަރު ވިދާޅުވިއެވެ.
"މިއީ އެމްޑީޕީ އުފާކުރާނެ ހާލަތެއް. މި ހާލަތު ބަދަލު ކުރެވޭނީ އެހެން ވިސްނުމެއް ނެރެގެން." މާބޮޑު ތަފްސީލެއް ނުދެއްވާ އުމަރު ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ވަން ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނީގެ އެކައުންޓަން ދެ ޗެކަކަކުން އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލާގަ އެވެ.
ރައީސް ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގައި އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ވަނީ ފަސް އަހަރުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. އަދި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހުކުމް ކޮށްފައިވެ އެވެ.
އެ މައްސަލަ މިހާރު ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފައިވާއިރު، އެ މައްސަލާގައި އެ ކޯޓުން ގޮތެއް ނިމަންދެން ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތުން ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު މިހާތަނަށް އެ ކަމުގައި ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ.