ކަންކަމާ ގުޅޭގޮތުން ދައްކާ ވާހަކަތައް ފަހުން ބަދަލު ކުރަނީ ރައްޔިތުންގެ ފާޑުކިޔުން އަމާޒުވެ، "ހޫނު ފެނަށް" ވެއްޓުމުން ރާގު ބަދަލު ކުރަން ނޫންތޯ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސުވާލު ކުރައްވައިފި އެވެ.
ޖަމީލް މިހެން ވިދާޅުވީ ރާއްޖޭގެ ވިޔަފާރި ކުންފުނިތައް ނުވަތަ ޓްއަރިޒަމަށް އިންވެސްޓް ކޮށްގެން ތިބި ދިވެހި ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތަކުން ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު ކަމަށާ ބައެއް ފަހަރު ރިސޯޓުން މުވައްޒިފުން ކަނޑާލުމުން އެކަމުގެ ޝަކުވާތައްކޮށް ގިނަ ފަހަރު ޓްވީޓު ކޮށްފައި ވެސް ހުންނަނީ ވަގު އެކައުންޓުތަކުން ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމުން އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން އެ ވާހަކަތައް ސާފުކޮށްދީ ޓްއަރިޒަމް މިނިސްޓްރީން ބަޔާން ނެރުމާއި ގުޅިގެންނެވެ.
ޖަމީލް ވިދާޅުވީ މިހާރު ތިއްބެވީ ކަންކަން މާގިނައިން އޮޅޭ ވެރިންތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިހާބު އިދިކޮޅު ޕާޓީތަކަށް ކާމިޔާބު ކުރެވުނީ އިންޑިއާގެ ނުފޫޒުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމަށްފަހު އެއީވެސް އޮޅިގެން ވިދާޅުވެވުނު ވާހަކައަކަށް ހެއްދެވި ކަމަށެވެ.
އަދި މިފަހަރު އެކަން މިވީ މިނިސްޓަރަކަށް ކަމަށާ މިއީ އޮޅިގެން ދެއްކޭ ވާހަކަތަކެއްތޯ ސުވާލު އުފެދޭ ކަމަށެވެ.
"މާގިނައިން އޮޅޭ ވެރިންތަކެއް. ރައީސް ނަޝީދަށް އިލެކްޝަން އަށް އިންޑިއާގެ ނުފޫޒު ފޯރުވި ކަމަށް އޮޅުނީ. މިފަހަރު މިނިސްޓަރެއް. މިއީ އޮޅުންތޯ ނުވަތަ ހޫނު ފެނަށް ވެއްޓުމުން ރާގު ބަދަލު ކުރަނީ ނޫންބާ." ޖަމީލް ވިދާޅުވިއެވެ.
އަލީ ވަހީދު ދެއްކެވި ވާހަކަފުޅު އިތުރަށް ސާފުކޮށްދީ ޓްއަރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރު ސާވިސް ޗާޖްދޭ ގޮތާ ގުޅޭގޮތުން ހިތްހަމަޖެހޭކަން ނުވަތަ ނޫންކަން ވެސް ސީދާ މިނިސްޓަރު ވިދާޅުވެފައިނުވާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. މިނިސްޓަރު ވިދާޅުވީ ނޫސްވެރިންގެ ބައްދަލްވުމުގައި ދެއްކި މުޅި ވާހަކައިގެ އަސްލު ގެއްލޭގޮތަށް ބައެއް ފަރާތްތަކުން ހަބަރު ގެނެސްދީފަިއވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަރާތްތަކުގެ ހައްގުތައް މި ސަރުކާރުން ހަމަހަމަ ގޮތެއްގައި އިހްތިރާމާއެކު ހިމާޔަތް ކުރައްވާނެ ކަމަށެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިހާބު އިދިކޮޅު ޕާޓީތަކަށް ކާމިޔާބު ކުރެވުނީ އިންޑިއާގެ ނުފޫޒުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށް ބުނެ މީޑިއާތަކުގައި ދެކެވެމުންދާ ވާހަކަތައް ރައީސް ނަޝީދުވެސް ވަނީ މީގެ ކުރިން ދޮގު ކުރައްވާފައެވެ.
އިންޑިއާގެ ޓީވީ ޗެނެލަކަށް ރައީސް ނަޝީދު ދެއްވި އިންޓަވިއުގައި ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވިއެވެ. އަދި އެ އިންޓަވިއުގައި ރިޔާސީ އިންތިހާބު އިދިކޮޅު ޕާޓީތަކަށް ކާމިޔާބު ކުރެވުނީ އިންޑިއާގެ ނުފޫޒުން ކަމަށް ނަޝީދު ވިދާޅުވެފައިވާ ކަމަށާ އެކަން ބަލަންޖެހޭ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
ރައީސް ނަޝީދު ދެއްވި އިންޓަވިއުގައި ދެއްކެވި ވާހަކަފުޅުތައް އިތުރަށް ތަފްސީލް ކޮށްދެއްވުމަށް އޭގެ ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ބޭއްވުނު އެއްވެސް އިންތިހާބަކަށް އިންޑިއާއިން ނުފޫޒު ފޯރުވާފައިނުވާ ކަމަށެވެ. ނަޝީދު ވިދާޅުވީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް 2018 ވަނަ އަހަރު ބޭއްވުނީ އިންޑިއާ ހިމެނޭގޮތުން ބޭރު ދުނިޔޭގެ ޕްރެޝަރު ރާއްޖެއަށް އޮތުމުން ކަމަށެވެ. އެހެން ކަމުން އެކަމަށް އިންޑިއާއާއި އެހެނިހެން ގައުމުތަކަށް ޝުކުރުވެރިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބަކީ މިނިވަން ކަމާއެކު ބޭއްވުނު އިންސާފުވެރި އިންތިހާބެއް ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުން އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށްލާ އަދި ބައެއް ލީޑަރުންނަށް ރާއްޖެ އައުމަށް ހުރަސްތައް ކުރިމަތިކުރަން ފެށުމުން ބޭރު ދުނިޔޭގެ ޕްރެޝަރު ރާއްޖެއަށް ވަރަށް ބޮޑުވިއެވެ. އެ ހާލަތުގައި ރާއްޖޭގައި މިނިވަން، އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެތޯ ގިނަ ގައުމުތަކުން ސުވާލުވެސް އުފެއްދިއެވެ.