ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޗާޕް ކުރާ ވޯޓް ކަރުދާހުގެ އަދަދު މަދު ކުރުމުގެ މަޝްވަރާތައް ފަށައިފި އެވެ.
ކުރިން ހަމަޖެހިފައިވާ ގޮތުން ކައުންސިލް އިންތިހާބަށް 1.1 މިލިއަން ވޯޓް ކަރުދާސްކޮޅު ޗާޕް ކުރަން އޮތީ ނިންމާފައެވެ.
މިހާރު ގާނޫނު އޮތް ގޮތުން ކައުންސިލް އިންތިހާބުގައި ކައުންސިލަށް ހޮވާ އަންހެނުން މެންބަރުން، ކައުންސިލް މެންބަރުން، ކައުންސިލްގެ ރައީސް، އަތޮޅު ކައުންސިލްގެ ރައީސް، ސިޓީ ކައުންސިލަށް ހޮވާ މެންބަރުން، ސިޓީ ކައުންސިލަށް ހޮވާ އަންހެން މެންބަރުން، ސިޓީގެ މޭޔަރު، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން އިންތިހާބު ކުރަންޖެހެ އެވެ. އެހެން ކަމުން އެ ހުރިހާ މަގާމަކަށް ވޯޓްލާން ނިންމީ ވަކި ކަރުދާސްކޮޅު ތަކެއްގައެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ގިނަ ވޯޓް ކަރުދާސްކޮޅުތަކެއް ޗާޕް ކުރުމުން އޮޅުންބޮޅުން ބޮޑުވެދާނެތީ އެކަން ހައްލު ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު ޗާޕްކުރަން ނިންމާފައިވާ އަދަދު މަދުކުރުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.
އެ މަޝްވަރާތަކަށްފަހު ވޯޓް ކަރުދާސް ޗާޕްކުރާ މިންވަރު މަދުކުރުމުން ހަރަދުގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ފަސޭހަ ވެ އެވެ.
"ރަށްރަށުގެ ކައުންސިލް އިންތިހާބުގައި ކައުންސިލްގެ ރައީސް، ކައުންސިލްގެ އަންހެން މެންބަރުން އަދި ކައުންސިލްގެ އާންމު މެންބަރުން ހޮވުމަށް ވޯޓްލާނީ އެއް ކަރުދާހެއްގައި ނަމަވެސް ވަކި ވޯޓްތަކެއްގެ ގޮތުގައި." ޝަރީފް ވިދާޅުވިއެވެ.
2020 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބު
- ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދު 372
- ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދު 372 (އަންހެން، ފިރިހެން)
- ރަށު ކައުންސިލްތަކުން ރައީސުންގެ އަދަދު 179
- ރަށު ކައުންސިލްތަކުގެ ޖުމްލަ އަދަދު 923
- ސިޓީތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދު 12
- ސިޓީ ކައުންސިލަރުންގެ އަދަދު 24 (އަންހެން، ފިރިހެން)
- ސިޓީ ކައުންސިލްގެ މޭޔަރުންގެ އަދަދު 3
- ސިޓީތަކުގައި ޖުމްލަ ތިބޭނެ އަދަދު
ލޯކަލް ކައުންސިލް އިންތިޚާބު 2020 ގައި 980 މީހަކު އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.