މޯލްޑިވިއަން

ގަސްތުގައި ފްލައިޓް ޑިލޭ ނުކުރޭ: މޯލްޑިވިއަން

ގަސްތުގައި އެއްވެސް ފްލައިޓެއް ޑިލޭ ނުކުރާ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ބުނެފި އެވެ.

އެތެރޭގެ އުދުހުންތަކާއި، ބޭރުގެ އުދުހުންތަކަށް ބާރު ބޮޑު މި ދުވަސްވަރު ފްލައިޓްތައް ޑިލޭވުމުގެ މައްސަލާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ހާއްސަކޮށް އިއްޔެ ފްލައިޓް ޑިލޭ ވުމުގެ މައްސަލަތައް ވަރަށް ބޮޑުވެގެން ދިޔަ ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ވަނީ ޝަކުވާ ކޮށްފަ އެވެ.

މޯލްޑިވިއަންގެ ކޮމިނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ އެ ކުންފުނިން ގަސްތުގައި އެއްވެސް ފްލައިޓެއް ޑިލޭ ނުކުރާ ކަމަށެވެ.

އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނީ އެއާޕޯޓްގެ އުދުުހުންތަކަށް ބާރު ބޮޑުވެފައިވާ މި ދުވަސްވަރު ފްލައިޓް ޑިލޭވުމުގެ މައްސަލަތައް ދިމާވަނީ އެންމެ ރަންވޭއެއް ބޭނުން ކުރަން ޖެހޭތީ ކަމަށެވެ.

އެއް ރަންވޭ ބޭނުން ކުރާއިރު މި ދުވަސްވަރު އެވްރެޖްކޮށް ދުވާލަކު 55 ފްލައިޓް ވީއައިއޭގެ އެ ރަންވޭއަށް ޖައްސަ އެވެ.

އެއާޕޯޓަށް ބާރުބޮޑުވެ ބައެއް ފްލައިޓްތައް ރަންވޭގައި ނުޖެއްސި 20 މިނެޓް ވަންދެން މަތީގައި އޮންނަން ޖެހޭ ފަހަރު އާދެއެވެ. އެއީ ފަސިންޖަރުންގެ ޝަކުވާ ބޮޑު ކަމަށްވާއިރު، އެގޮތަށް ދިމާވުމުގެ ސަބަބުން އެއާލައިންތަކަށް ވެސް މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބެއެވެ.