ރައީސް އަބްދުﷲ ޔާމީން

ބޭނުންވަނީ ރައީސް ޔާމީންގެ ފިކުރު އެކަނި: ޝިޔާމް

ރާއްޖެއަށް ބޭނުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުމާއި، ފިކުރު ކަމަށާ އިދިކޮޅުގައި އެހެން އިތުރު ފިކުރެއް ނެތް ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ އިދިކޮޅު ސިޔާސީ ފިކުރަށް ކޮޅު ބެދިފައިވާ ކަމަށާ މިހާރު އޮތް ހާލަތު ބަދަލު ކުރެވޭނީ އާ ވިސްނުމެއް ނެރެގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ޕީޕީއެމްގެ ކުރީގެ ނާއިބު ރައީސް އުމަރު ނަސީރު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަ އެވެ.

އުމަރު ވިދާޅުވެފައި ވަނީ އިދިކޮޅަށް ކުރިއަށް ދެވެންވެސް އަދި ފަހަތަށް ޖެހެވެން ވެސް ނެތް ކަމަށެވެ. އަދި އެއީ މިއީ އެމްޑީޕީ އުފާކުރާނެ ހާލަތެއް ކަމަށެވެ.

"މި ހާލަތު ބަދަލު ކުރެވޭނީ އެހެން ވިސްނުމެއް ނެރެގެން." މާބޮޑު ތަފްސީލެއް ނުދެއްވާ އުމަރު ވިދާޅުވެފައި ވެއެވެ.

އުމަރުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ ގައުމު ދަތުރުކުރަމުންދާ މިސްރާބާ ދޭތެރޭ "އަމިއްލަ އެދުމެއް" ނެތި ވިސްނާ ފިކުރުކުރާ ފަރާތްތަކަށް ޝައްކެއް ނެތް މިންވަރަށް ޔަގީންވަނީ މި ގައުމަށް ބޭނުން ވަނީ ރައީސް ޔާމީންގެ ވިސްނުމާއި ފިކުރުކަން ކަމަށެވެ.

"އިދިކޮޅުގައި އެހެން އިތުރު ވިސްނުމެއް ނެތް." ޝިޔާމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާ ވަން އެސްއޯއެފް ކުންފުނީގެ އެކައުންޓަން ދެ ޗެކަކަކުން އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.

ރައީސް ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގައި އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ވަނީ ފަސް އަހަރުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. އަދި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހުކުމް ކޮށްފައިވެ އެވެ.

އެ މައްސަލަ މިހާރު ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފައިވާއިރު، އެ މައްސަލާގައި އެ ކޯޓުން ގޮތެއް ނިމަންދެން ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތުން ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު މިހާތަނަށް އެ ކަމުގައި ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ.