ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ފެށި ހަރަކާތުގެ ތެރޭ ފުލުހުން ރ. މަޑުއްވަރީގައި ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
މަޑުއްވަރީގައި ފުލުުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ނުވަ ގެއަކާ ދޯންޏެއް ބަލާ ފާސްކޮށް ހަރުކަށި ފިކުރު ފަތުރަމުންދާ ކަމުގެ ތުހުމަތަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ ރަށުން ފުރަތަމަ ހައްޔަރު ކުރީ 30 އަހަރުގެ ފިރިހެނެކެވެ. އޭގެ ފަހުން 34 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެއްވެސް ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ޖެހީ 10 ދުވަހުގެ މުއްދަތެވެ.
އެ މުއްދަތު ހަމަވުމުން މިއަދު ކޯޓަށް ހާޒިރުކުރުމުން އެ މީހުންގެ ބަންދުގެ މުއްދަތު އިތުރު 10 ދުވަހަށް ވަނީ އިތުރުކޮށްފައެވެ.
މަޑުއްވަރީގައި ކުރިއަށްދާ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ އެ ރަށުގައި ހަރުކަށި ފިކުރު ފަތުރައި، ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމްކޮށް, އެ ފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށެވެ.
އެގޮތުން ސިއްހީ ގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ ތައުލީމް ހާސިލް ކުރުމުގެ ހައްގުން ކުދިން މަހުރޫމްކޮށްފައިވާ ކަމަށާއި ކުޑަކުދިންނާއި މީހުން ކައިވެނިކޮށްގެން ކަމަށް ބުނެ ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާ ގުޅޭ ސިއްހީ އިންތިޒާމްތަކުން އަންހެނުން މަހުރޫމްކޮށް އެފަދަ އަންހެނުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށެވެ.