ބިދޭސީން

ބިދޭސީންނަށް ކޯޓާ ދޫކުރާ އުސޫލު ބަދަލުކޮށްފި

ވަޒީފާއަށް ބިދޭސީން ރާއްޖެ ގެންނަ ފަރާތްތަކަށް ކޯޓާ ދޫކުރުމުގެ އުސޫލަށް އިކޮނޮމިކް މިނިސްޓްރީން ބަދަލެއް ގެނެސްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނަނީ ރާއްޖެއަށް ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި އެ މިނިސްޓްރީއަށް ހުށަހަޅާއިރު، ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ދެފަރާތުގެ ދެމެދުގައިވާ ޕްރޮޖެކްޓް އެގްރީމެންޓް ކޮޕީ ހުށަހެޅުމުގެ ބަދަލުގައި، "ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމެންޓް ފޯމް" ހުށަހަޅާ ގޮތަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އެ ފޯމަކީ، ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަހަޅާ ފަރާތާއި، ކޯޓާއަށް އެދި ހުށަހަޅާ މަސައްކަތް ނުވަތަ ޕްރޮޖެކްޓު އެފަރާތާ ހަވާލު ކުރިކަން ކަށަވަރު ކުރުމުގެ ގޮތުން އެއްބަސްވުމުގައި ހިމެނޭ މައުލޫމާތު ފުރިހަމަކޮށް ހުށަހަޅަންޖެހޭ ފޯމެއް ކަމަށެވެ. ފޯމު ހުށަހަޅާނީ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދުގެ މާއްދާތަކާ އެއްގޮތަށް ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށް؛ ނުވަތަ ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރުމަށްފަހުގައި ކަމަށެވެ.

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ވަޒީފާދޭ ފަރާތްތަކުން ހުށަހަޅާއިރު، ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމެންޓް ފޯމް ހުށަހަޅަންޖެހޭނެ އެވެ. ފޯމް ފުރިހަމަކޮށް ހުށަހަޅާފައި ނުވާނަމަ، އެޕްލިކޭޝަން ފުރިހަމަ ނުވާނެ އެވެ.