ޕީޕީއެމް

ޔާމީންގެ ހުކުމަށް މަހެއް: "މިނިކާ ބާޒުތައް" ބަލަބަލާ!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ޖަލު ހުކުމް އިއްވުމުގެ އެއް ދުވަސް ކުރިން އެ މަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވާ އެންމެ ފަހުގެ ވަސިއްޔަތް ކުރެއްވި އެވެ: "އަޅުގަނޑު ނެތޭ ކިޔާފަ އަޅުގަނޑުމެންގެ ޕާޓީ [ޕީޕީއެމް] ގެ މައްޗައް މިނިކާ ބާޒުތަކެއް ސަވާރުވިޔަ ނުދެއްވާތި، އެއީ ޖާގަ ދީގެން ވާނެ ކަމެއް ނޫން!"

ޖެހިގެން އައި ދުވަހު ރައީސް ޔާމީންގެ މައްޗަށް ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިތާ އިއްޔެއަށް ބަރާބަރު މަސް ދުވަސް ފުރުނީ އެވެ. މިއަދާ ހަމަޔަށް އައިއިރު ޕީޕީއެމަށް ކުރިމަތިލާން ޖެހިފައި އޮތް އެންމެ ބޮޑު އުނދަގުލަކީ ރައީސް ޔާމީންގެ "ސިޔާސީ ވަގުތީ ވަދާއީ" ބަސްކޮޅުގައި ވިދާޅުވި މިނިކާ ބާޒުތަކުގެ މައްސަލަ އެވެ. ޕާޓީ ވަށައި "އުދުހޭ" އެ ފަރާތްތައް ދައްކަން ފަށާފައިވާ ރިޔާސީ ޓިކެޓުގެ ވާހަކަ އާއި ލީޑާޝިޕާ ހަވާލުވުމުގެ ވާހަކަތަކެވެ. ރަނގަޅު ދަނޑިވަޅު ރަނގަޅު ތަނައް ކުޅެ، އާ ފިކުރެއް ހޯދަން ގޮވާލާ ގޮވާލުންތަކުގެ އަޑެވެ.

ރައީސް ޔާމީން ވިދާޅުވި މިނިކާ ބާޒުތަކަކީ ކޮބައި ހެއްޔެވެ؟ ރައީސް ޔާމީން ޖަލުގައި ހުންނަވާތީ ޕާޓީގެ ހަރަކާތްތައް ފަނޑުވަމުން ދާއިރު ޕީޕީއެމް ޖަހައިގެނެ، ނޫނީ ކޮޅު ބެދިފައިވާ ގޯޅިއަކަށް ވައްދާލުމުގެ ފުރުސަތެއް އެބައޮތް ހެއްޔެވެ؟ ހަމަ ހަގީގަތަށް ވެސް ޕީޕީއެމަށް އޮތީ ކޮޅު ބެދިފަ ހެއްޔެވެ؟

ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބައެއް ފަރާތްތަކުން ވިދާޅާ ގޮތުގައި ޕީޕީއެމް "ޝިކާރައަކަށް" ހަދައިގެން މިވަގުތު އެންމެ ބޮޑަށް އުޅުއްވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލެވެ. އަދި ފުރުސަތު ލިބިވަޑައިގެންފި ނަމަ ޣައްސާން މައުމޫން ވެސް ސަވާރުވެދާނެ އެވެ.

އޭގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވެސް ޕީޕީއެމްގެ ލީޑާޝިޕްގައި މިވަގުތު ހުސްކޮށް ހުރި އިސް ގޮނޑިއަށް ބަލަބަލާ ހުންނެވި ކަމަށްވެ އެވެ. ނަމަވެސް އެ ވާހަކަތަކުގައި މަތި އެޅިގެން ދަނީ ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭ ކަމުގެ ވާހަކައެއް ވެސް ރަށު ތެރޭ ދެކެވޭތީ އެވެ.

ޕީޕީއެމްއަށް ވާ ވެއްދުމުގައި މީގެ ގިނަ މޫތަކުގެ ކޮޅު ގޮސް ގުޅެނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްއާ. މި ދަނޑިވަޅުގެ ބޭނުން ހިފާ ޕީޕީއެމަށް ވެރިވެގަތުން އެއީ މިވަގުތު އެންމެ އަޑިން ކުޅޭ ގޭމް
ސިޔާަސީ މަސްރަހު އެނަލައިޒް ކޮށްލުމެއް

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި ޕީޕީއެމަކީ ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ ޕާޓީއެކެވެ. ކޮންމެ ބޭފުޅަކު ވެސް ޕާޓީއަށް ވަދެވަޑައިގެން އެ ފިކުރުގައި މަސައްކަތް ކުރެވެން އެބަ އޮތެވެ. ލީޑާޝިޕަށް ވަޑައިގަންނަވަން ބޭނުން ނަމަ ކޮންގްރެސްގައި ވާދަ ކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ.

އެކަމަކު މި ހުރިހާ ދުވަހު ޕީޕީއެމް އިން ބޭރުގައި ތިބެ ގެއްލުން ދީ ހެދުމަށް ފަހު މި ދަނޑިވަޅުގައި ޕާޓީއަށް ވަންނަން މަސައްކަތް ކުރަން އުޅޭނީ ރަނގަޅު ނިޔަތެއްގައި ނޫން ކަމަށް ޝިޔާމް ގަބޫލުފުޅު ކުރައްވަ އެވެ.

އުމަރު ނަސީރުގެ ވާހަކަތަކަށް އިޝާރަތް ކުރައްވާ ޝިޔާމް ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ސަޕޯޓަރުން އުމަރާ އެއްކޮޅަށް އަރަނީ އެއީ އިދިކޮޅަށް ފައިދާވާ ވާހަކަ ދައްކާތީ އެކަންޏެވެ. އަދި އުމަރުގެ އެއްވުންތަކުގައި ޕީޕީއެމް މެންބަރުން ބައިވެރިވަނީ ސަރުކާރަށް ޕްރެޝަރު ކުރާށެވެ. ނަމަވެސް އެފަދަ "މިނިކާ ބާޒުތަކަށް" ޕީޕީއެމްއަކުން ޖާގައެއް ދޭކަށް އެއްވެސް މެންބަރަކު ބޭނުމެއް ނުވެ އެވެ.

"އަޅުގަނޑު ނުދަންނަވަން ޕީޕީއެމްގެ މިވަގުތު ޕްރެޒިޑެންޝަލް މެޓީރިއަލްގެ ބޭފުޅަކު ނެތެކޭ.. އެކަމަކު ޕާޓީގެ ނައިބު ރައީސުންނާއި އެހެން ހުރިހާ ބޭފުޅުންގެ ވިސްނުން އިއްތިފާގުވޭ 2023 ގައި ވާދަ ކުރާނީ އަދި މި ޕާޓީގެ ލީޑަރަކަށް ވާން ޖެހޭނީ އަދިވެސް ރައީސް ޔާމީން ކަމަށް. އަޅުގަނޑުމެން ކުރިޔަށް މިދަނީ އެމަނިކުފާނު ޖަލުގައި ހުންނަވައިގެން ދެއްވާ އިރުޝާދާ އެއްގޮތަށް،" ޝިޔާމް ވިދާޅުވި އެވެ.

ދެން ހުންނެވީ ރައީސް ޔާމީނާއެކު ކްމެޕެއިނަށް ނުކުންނަވާ އަދި މިހާރު އެ މަނިކުފާނުގެ ވަކީލު ކަން ވެސް ކުރައްވާ ޖަމީލް އެވެ. ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވި ގޮތުގައި ހިޔާލު ތަފާތުވާ ފަހަރުތަކުގައި ކަތިވަޅިއާ އަލިފާނާއި މަރިޔަނބޭ ކިޔަމުން ހިނގި ނަމަވެސް "ފެހި ކާނީ އެއްގަލަކުންނެވެ." މޫސަ މިހެން ވިދާޅުވީ ޖަމީލް އާއި ރައީސް ނަޝީދު ލަންޑަނުގައި އެކުގައި ހުންނެވި ފޮޓޯއެއް ޓުވީޓް ކުރައްވަމުންނެވެ.

މޫސަ އެގޮތަށް ވިދާޅުވި އިރު ޖަމީލަކީ ޕީޕީއެމް ހަލާކުކޮށްލަން ރައީސް ނަޝީދު ފޮނުވާފައި ހުރި "އެޖަންޓެއް" ކަމަށް ގަބޫލު ކުރާ ބައެއް މީހުން ވެސް އެބަތިއްބެވެ. ނަމަވެސް އެ ޕާޓީގެ އިސް ފަންތިތަކުން ދައްކަނީ އެހެން ވާހަކައެކެވެ.

"ނުބައި ނިޔަތެއްގައި ޕީޕީއެމާ ހެދި އުޅުއްވާ ބޭފުޅުންގެ ލިސްޓުގައި ޖަމީލު ނުހިމެނޭ. ޖަމީލަކީ ސީދާ ޕީޕީއެމްގެ ފިކުރުގެ ބޭފުޅެއް އަދި ރައީސް ޔާމީނަށް އިތުރު ދައުރެއް ލިބެން ޖެހޭނެ ކަމަށް ވެސް ގަބޫލު ކުރައްވާ. ރައީސް ޔާމީންގެ މަގާމް ޖަމީލް ބޭނުންފުޅުވާ ކަމަކަށް ނުބެލެވޭ އެކަހަލަ ވާހަކައެއް ވެސް ދައްކާފައެއް ނުވޭ. އަޅުގަނޑުމެން ވަރަށް އިތުބާރު ކުރަން އެކަމަކު ޖަމީލްގެ ވިސްނުން ވެސް ޕާޓީގެ ޓިކެޓަށް ހުރެއްޖެޔާ ދެން ވަރަށް ސަލާން." އިދިކޮޅުގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

ޕީޕީއެމްގެ ސްޓޭންޑަކީ އެ ޕާޓީގެ ކައުންސިލުން ފާސް ކުރި ގޮތައް ޔާމީން މިނިވަން ވަންދެން އެމަނިކުފާނުގެ ގޮނޑި ހުސްކޮށް ބޭންދުމެވެ. ނަމަވެސް މިނިކާ ބާޒުތަކުގެ ފަރާތުން އެ ޕާޓީ ސަލާމަތްވެ އޮވެވޭނީ ކިހާ ދުވަހަކަށް ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބަށް ވާސިލްވާން 2023 ކައިރިވާ ވަރަކަށް ގިނަ ކަންކަން ބަދަލުވާނެ އެވެ. ރައީސް ޔާމީން އެނބުރި ވަޑައިގަންނަވަން ބޭނުން ނުވާ އަދި މިވަގުތު ބާރު އޮތް ޕާޓީތައް އެކަމުގައި ބޮޑު ރޯލެއް ކުޅޭނެ ކަމަށް ބެލެވެ އެވެ.