ނައުޝާގެ ހެލްތު ކޮލަމް

އެކްޒީމާއާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އެކްޒީމާއަކީ ހަންގަނޑު ކުރަކިވުމާއެކު ހިރުވުން އަދި ރަތްވުން ފަދަ މައްސަލަަތައް މެދުވެރިކުރުވާ ހަމުގެ ބައްޔެކެވެ. އެކްޒީމާގެ ގޮތުގައި އާންމުކޮށް ނިސްބަތް ކުރެވެނީ އެކްޒީމާގެ އެންމެ އާންމު ވައްތަރު ކަމަށްވާ އެކްޓޮޕިކް ޑާމަޓައިޓިސް އަށެވެ. މިއީ އެސްމާ އަދި ހޭ ފީވާ އާ ވެސް ގުޅިފައިވާ ބައްޔެކެވެ.

އެކްޒީމާގެ އަލާމާތްތައް

އެކްޒީމާއަކީ އެކި އުމުރުފުރައިގެ މީހުންނަށް މެދުވެރިވާ ބައްޔެކެވެ.

ނަމަވެސް އެކްޓޮމިކް ޑާމަޓައިޓިސް އެންމެ އާންމުކޮށް ފެންނަނީ ކުޑަކުދިންގެ މެދުގައެވެ. އެގޮތުން މި ބަލި ހުންނަ ކުދިންގެ ކިބައިން ބަލީގެ އަލާމާތްތައް އުމުރުން ފަސް އަހަރު ވުމުގެ ކުރިން އާންމުކޮށް ފެންނަން ފަށައެވެ. އަދި އެކްޓޮޕިކް ޑާމަޓައިޓިސް މެދުވެރިވާ ކުޑަކުދިންގެ ތެރެއިން ބައެއް ކުދިން ބޮޑުވުމުން ވެސް އަލާމާތްތައް ފެންނަމުން ދެއެވެ. ނަމަވެސް ކުޑަކުދިންގެ ފަރާތުން ފެންނަ އަލާމާތްތަކާއި ބޮޑެތި މީހުންގެ ފަރާތުން ފެންނަ އަލާމާތްތައް ތަފާތުވުން އެކަށީގެން ވެއެވެ.

އުމުރުން ދެ އަހަރުން ދަށުގެ ކުދިންގެ ފަރާތުން ފެނިދާނެ އެކްޒީމާގެ އަލާމާތްތަކަށް ބަލައިލާއިރު ހަންގަނޑު ކުރަކިވެ ރަތްވުން އާންމުކޮށް މެދުވެރި ވަނީ ކުއްޖާގެ ބޮލުގައާއި ކޮލުގަ އެވެ. އަދި ބައެއް ހާލަތްތަކުގައި އެތެރޭގައި ފެންހެދި ފޮޅުތަކެއް ނެގުމަށް މެދުވެރިވެދާނެ އެވެ. ހަންގަނޑަށް މިފަދަ ބަދަލުތައް އައިސްފައި ހުންނަ ސަރަހައްދުތައް އިންތިހާއަށް ހިރުވުމަށް މެދުވެރި ކުރުވުމުގެ ނަތީޖާއެއްގެ ގޮތުން ކުއްޖާއަށް ހަމަ ނިދި ލިބުމުން މަހްރޫމުވެ އަދި ހިރުވާތީ ކެހުމުގެ ސަބަބުން ހަމުގެ އިންފެކްޝަންތައް ޖެހުމުގެ ފުރުސަތުތައް ވެސް ބޮޑުވެގެން ދާނެ އެވެ.

ކުއްޖާ ބޮޑުވެގެން އަންނަ އިރު އުޅަނބޮށީގެ އަދި ކަކުލުގެ ހަމުގައި މި އަލާމާތްތައް ފެނުން ގާތެވެ. އަދި ހަމަ އެހެންމެ ކަރާއި ކުޑަ ހުޅު، އަދި އުކުޅުވަޅު ފަދަ ސަރަހައްދުތައް ވެސް ހިމެނެ އެވެ. ހަންގަނޑުގެ ކުލަ އެހެން ސަރަހައްދުތަކައް ވުރެން މަޑުވެ ނުވަތަ ގަދަވެ އަދި ހަންގަނޑު ބޯވުމަށް ވެސް މެދުވެރިވެދާނެ އެވެ.

ކުޑައިރު އެކްޒީމާގެ އަލާމާތްތައް މެދުވެރިވި ނަމަވެސް ބޮޑުވުމުން ބަލީގެ އަލާމާތްތައް ނުފެންނަ ފަރާތްތަކެއް ވެސް ވެއެވެ. އެފަދަ ފަރާތަކުގެ ހަންގަނޑު ފަސޭހައިން ކުރަކިވެ، އަތުގެ އެކްޒީމާ އަދި ލޮލުގެ މައްސަލަތައް އެފަރާތްތަކަށް މެދުވެރިވުމުގެ ފުރުސަތުތައް އޮވެއެވެ.

އެކްޒީމާ މެދުވެރިކުރުވާ ސަބަބުތައް

އެކްޒީމަ ޖެހުމަށް މެދުވެރި ވަނީ ކުއްޖާއަށް ވާރުތަކޮށްފައިވާ ވަކި ޖީންސްއެއްގެ ސަބަބުން ހަމުގެ ތެތްކަން ދެމެހެއްޓުމަށް ހުރަސްތަކެއް އެޅުމުންނެވެ. އަދި އާންމުކޮށް ހަންގަނޑު ކުރާ މަސައްކަތްތައް ކުރުމަށް ހުރަސްތަކެއް އެޅުމުގެ ސަބަބުން ނެވެ. އެހެނީ އެކްޒީމާ ހުންނަ އާއިލާގެ މެންބަރެއް، ހާއްސަކޮށް މަންމަ ނުވަތަ ބައްޕަ އަކީ އެކްޒީމާ ހުންނަ ފަރާތެއް ނަމަ ކުއްޖާއަށް އެކްޒީމާ ޖެހުމުގެ ފުރުސަތުތައް ބޮޑު ވެގެންދާނެ އެވެ. ނަމަވެސް މިއީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ.

އެކްޒީމާ ހުންނަ ފަރާތްތަކަށް ބަލީގެ ސަބަބުން މެދުވެރިވާ އުނދަގޫތައް އިތުރުވުމަށް މެދުވެރި ކުރުވާ ހާއްސަ ކަންތައްތަކެއް ހުންނަ ކަމަށް ފާހަގަ ކުރެވިދާނެ އެވެ. އެގޮތަށް ފާހަގަ ކޮށްލެވޭ ބައެއް ކަންތައްތަކަށް ބަލައިލާއިރު:

އިރިޓެންޓްސް

މިއީ ހަންގަނޑު ހިރުވުމަށާއި ކުރަކި ވުމަށް މެދުވެރި ކުރުވަފާނެ ތަކެއްޗަށް ދެވިފައިވާ ނަމެކެވެ. އެގޮތުން ބައެއް ވައްތަރުތަކުގެ ސައިބޯނި، ޝޭމްޕޫ ފަދަ ރީތި ވުމަށް ބޭނުންކުރާ ތަކެތި ވެސް މީގެ ތެރޭގައި ހިމެނެ އެވެ. އަދި މީގެ އިތުރުންވެސް ކެއުމުގައި ބޭނުންކުރެވޭ ބައެއް ތަކެތީގެ ސަބަބުން ވެސް އެކްޒީމާގެ އަލާމާތްތައް އިތުރަށް ގޯސްވުމަށް މެދުވެރިވެދާނެ އެވެ. އެކި މީހުންނަށް އިރިޓެންޓްސް ގޮތުގައި ފާހަގަ ކުރެވިފައިވަނީ ތަފާތު އެކި އެއްޗިއްސެވެ. ވީމާ އަލަމާތްތައް ގޯސްވެގެން އަންނަ އިރު އެއީ ކޯޗެއްގެ ސަބަބުންތޯ އަމިއްލަޔަށް ލަފާކޮށް އެތަކެތި ބޭނުން ކުރުމުން ދުރުހެލިވުން ބުއްދިވެރި އެވެ.

އެލޭޖެންސް ނުވަތަ އެލާޖިކްވާ ތަކެތި

އިރިޓެންޓްސް އެކޭ އެއްގޮތަށް ތިމާ އެލާޖިކްވާ އެއްޗެއް ހުންނަ ނަމަ އެތަކެތި ބޭނުން ކުރުމުން ވެސް އެކްޒީމާގެ އަލާމާތްތައް އިތުރަށް ގޯސްވުމަށް މެދުވެރިވެދާނެ އެވެ.

  • ބެކްޓީރިއާ، ވައިރަސް އަދި ފަންގަސްފަދަ ޖަރާސިމްގެ ބާވަތްތައް
  • ވަށައިގެންވާ މާހައުލުގެ ފިނި ހޫނުމިން
  • ކަންކަމާ ކަންބޮޑުވުން / ސްޓްރެސް
  • ހޯމޯންސްއަށް އަންނަ ބަދަލުތައް

ފަރުވާ

އެކްޒީމާ އެއްކޮށް ރަނގަޅު ކުރެވޭ ފަރުވާއެއް އަދި ނެތް ނަމަވެސް އެކްޒީމާގެ ފަރުވާ ބިނާވެފައި ވަނީ ބަލީގެ އަލާމާތްތައް ކޮންޓްރޯލްކޮށް އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމަށެވެ. އެހެނީ ޑޮކްޓަރުން އެކްޒީމާއަށް ފަރުވާއެއް ކަނޑައަޅާނީ ބަލި މީހާގެ އުމުރާއި، އަލާމާތްތަކުގެ ކުޑަ ބޮޑު މިން ފަދަ ކަންކަމަށް ބެލުމަށްފަހު އެވެ.

އެގޮތުން ހިރުވުން ކެނޑުވުމަށާއި ހަންގަނޑު ރިޕެއާ ކުރުމަށް އެހީތެރިވެދޭ އެކި ކްރީމްތައް ހުރެ އެވެ. އަދި ކުރިންވެސް ފާހަގަ ކޮށްލެވުނު ފަދައިން ހިރުވުމުގެ ސަބަބުން އަބަދު ހަންގަނޑު ކެހުމުގެ ނަތީޖާއެއްގެ ގޮތުން ހަންގަނޑު ހަލާކުވެ، އިންފެކްޝަން ފެތުރުމުގެ ފުރުސަތުތައް އިތުރުވެގެން ދެއެވެ. ވީމާ މިފަދަ ހާލަތްތަކުގައި އިންފެކްޝަން ފެތުރިޔަ ނުދިނުމައްޓަކައި ބޭސް ދެވޭނެ އެވެ. އެކްޒީމާގެ ފަރުވާއެއްގެ ގޮތުގައި އިންޖެކްޝަންއެއްގެ ޒަރިއްޔާއިން ދެވޭ ބޭހެއްވެސް ވަނީ މިހާރު އުފައްދާފަ އެވެ. ނަމަވެސް މިއީ އެކްޒީމާއަށް އާންމުކޮށް ދެވޭ ފަރުވާ ތަކުން ވެސް ބަލި ކޮންޓްރޯލް ނުވާ ފަރާތްތަކަށް ހާއްސަކޮށް ހެދިފައިވާ ބޭހެކެވެ. މިއީ ވަރަށް އަގު ބޮޑު އަދި އާންމުކޮށް އަދި ބޭނުން ކުރަން ފަށާފައި ނުވާ އެކްޒީމާގެ ފަރުވާއެކެވެ.

ގޭގައި ދެވިދާނެ ފަރުވާތައް

  • ތާފަނާ ފެނުން ފެންވެރުން
  • ފެންވެރުމަށް ފަހު ގައި ހިއްކާއިރު ހަންގަނޑުގައި ބާރަށް ތުވާލި ހޭކުމުގެ ބަދަލުގައި މަޑު މަޑުން ތުވާލި ޖައްސަމުން ގައި ހިއްކުން
  • ހަމާގުޅޭ މައިލްޑް ސައިބޯންޏެއް ބޭނުން ކުރުން
  • މޮއިސްޗަރައިޒާ އެއް ފެންވަރާތާ ތިން މިނިޓް ތެރޭގައި އުނގުޅުން
  • ކޮންމެ ދުވަހަކުވެސް އެންމެ މަދުވެގެން ދެ ފަހަރު މޮއިސްޗަރައިޒާއެއް ބޭނުން ކުރުން
  • މަޑު ފޮތީގެ، ގަޔަށް ބާރު ނޫން ހެދުނެ ލުން
  • ނިޔަފަތި ދިގުު ނުކުރުން (ހިރުވާއިރު ކެހުމުން، ހާއްސަކޮށް ނިދީގައި ހަންގަނޑު ހަލާކުވުމުން ސަލާމަތްކުރުމަށް)


ކުރިންވެސް ފާހަގަކޮށް ލެވުނު ފަދައިން އެކްޒީމާގެ އަލާމާތްތައް އިރުތަށް ގޯސްވުމަށް މެދުވެރި ކުރުވާ ވަކި ހާއްސަ ކަންތައްތަކެއްގެ ގޮތުގައި މި ބަލި ހުންނަ ފަރާތްތަކަށް ފާހަގަ ކުރެވިފައިވާ ކަންތައްތަކެއް ވެއެވެ. ވީމާ މިކަންތައްތައް އަމިއްލަޔަށް ދެނެގަނެ އެކަންތައްތަކުން ދުރުވުމަކީ ބަލީގެ އަލާމާތްތައް ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި ބަލީގެ ސަބަބުން ނިދުމަށާއި ދުވަހުގެ މަސައްކަތްތަކައް ބުރޫއަރާނަމަ އަދި އިންފެކްޝަންގެ އަލާމާތްތައް ކަމަށްވާ ހުންއައުން، އެކްޒީމާ ރޭޝް އެކުލެވޭ ތަންތާގައި ދޮސްލުން ފަދަ އިތުރު އުނދަގޫތައް ވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދަން ވާނެއެވެ.