މާލޭ ގެތަކުގެ ކުލި ކުޑަ ނުކުރެވޭނެ ކަމަށާއި ކުލި ކޮންޓްރޯލް ކުރުމަކީ ވެސް ސަރުކާރަށް ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީއަށް ރޭ ދެއްވި އިންޓަވިއުއެއްގައި ހުސެއިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އިންކަމް ޓެކްސް ބިލު ފާސް ކުރުމާ ގުޅިގެން މާލޭގައި ގެދޮރުގެ ކުލިތައް އާދަޔާ ހިލާފަށް ބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަމަށާއި ކުލި ކުޑަވާން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ. މާލޭގައި އަދި އެއްވެސް ރަށެއްގައި ކުލި ކޮންޓްރޯލް ކުރެވޭނެ އުސޫލެއް ނެތް ކަމަށާއި އެފަދަ އުސޫލެއް ސަރުކާރަކަށް ނުވެސް ހެދޭނެ ކަމަށެވެ. އަދި ކުލި ކޮންޓްރޯލް ކުރަން ޖެހޭ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މާލޭގެ މީހުން އިމާރާތް ކުރަނީ ވިޔަފާރި ރޭޓުގައި ލޯނު ނަގައިގެން ބޮޑު ޕަސަންޓޭޖެއް. އެހެންވީމަ ކޮމާޝަލް ލޯން ނަގައިގެން ހަތަރު އަހަރު ދައްކަން އަޅާ ތަނެއްގެ ކުލި ހުންނަން ވާނީ ވަކި ވަރަކަށޭ ސަރުކާރުން ނުވެސް ބުނާނެ އަޅުގަނޑު ދެކޭ ގޮތުގައި. އެހެންވެ ކުލި ކޮންޓްރޯލުކޮށްފި ނަމަ ލޯނު ދޭން ބެންކުތަކަށް ޕްރޮޖެކްޓް ފީސިބަލްއެއް ނުވާނެ. ބޮޑު ލޯނެއް ނަގައިގެން ކުރު މުއްދަތެއްގަ ދައްކަން އަޅަފައި ހުންނަ އިމާރާާތްތައްކުގެ ކުލި ވަކި ވަރަކަށް ވުރެ ތިރިއެއް ނުވާނެ," ހުސެއިން ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ މާލޭގައި އުޅޭނެ ތަނެއް ނެތިގެން ކޮންމެ އަގެއްގައި ވެސް ކުއްޔަށް ހިފަން ޖެހޭ ވަރަށް ޗޮއިސް ނެތިގެން އުޅެން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އަތޮޅު ތެރޭގެ ރައްޔިތުންނަށް ވުރެ މާލޭގެ ރައްޔިތުން ދިރިއުޅެމުން އަންނަނީ މާ ނިކަމެތި ހާލުގައި ކަމަށް ހުސެއިން ވިދާޅުވި އެވެ.
"އެންމެ ބޮޑަށް މާލޭގައި ދިމާވާ މައްސަލައަކީ އާއިލާތައް ބޮޑުވެގެން އައިސް އެތައް ބަޔަކަށް ގެ ބަހަން ޖެހޭ ނިސްބަތް ކޫޑަވެ އެ ބެހެން ނެތުން ފަދަ މައްސަލަތަކާ ހެދި މުޅި އާއިލާތައް ފިތުނަ ފަސާދަވުން," އޭނާ ވިދާޅުވި އެވެ.
ހުސެއިން އިތުރަށް ވިދާޅުވީ މިހާތަނަށް އައި ކޮންމެ ސަރުކާރަކުން ބޯހިޔާވެހިކަން ފޯރުކޮށްދޭން ކަމަށް ބުނެ މާލޭ މީހުންނަށް ދޮގު ހަދަމުންދާ ކަމަށެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ މައްސަލަ ހައްލު ކުރާނެކަން ޔަގީން ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުލި ކޮންޓްރޯލް ކުރަން ނުޖެހޭނެ ކަމަށް އަނދުން ހުސެއިން ވިދާޅުވެފައިވާ އިރު، ކުލި ކޮންޓްރޯލް ކުރަން އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅެމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އޭގެ އިތުރުން ސަރުކާރުން ވަނީ ކުއްޔާ ބެހޭ ބިލެއް ވެސް މަޖިލީހަށް ހުށަހަޅާފަ އެވެ. އެ ބިލުގައި ރަޖިސްޓްރީ ކުރުމެއް ނެތި މާލޭގައި ދިރިއުޅެއް ކުއްޔަށް ދިނުން މަނާ ކޮށްފައިވާއިރު ކުއްޔަށް އުޅޭ މީހުންގެ ބައެއް ހައްގުތައް ވެސް ހިމަނާފައިވެ އެވެ. އެކަމަކު ދިރިއުޅެން ދޫކުރާ ތަންތަނުގެ ކުލި ވަކި އަގުތަކެއްގައި ކޮންޓްރޯލް ކުރަން ހިމަނާފައެއް ނުވެ އެވެ.