ހިދުމަތުގައި ހުއްޓާ މުވައްޒަފަކު މަރުވުމުން އެ މުވައްޒަފުގެ މުސާރަ އާއި އިނާޔަތްތަށް އާއިލާއަށް ދިނުމަކީ އާންމުކޮށް ރާއްޖޭގައި ކުރާ ކަމެއް ނޫނެވެ. ނަމަވެސް ވާމިލިއަން އިން ވަނީ އެކަން ބަދަލުކޮށް، ހިދުމަތުގައި ހުއްޓާ މަރުވި ނަމަވެސް މުވައްޒަފުގެ އަގު ވަޒަން ކުރުމަކީ މުހިންމު ކަމެއް ކަމެއްގެ ގޮތުގައި ބަލައިގެންފަ އެވެ.
ވާމިލިއަންގައި 13 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ އެ ކުންފުނީގެ ރިޒަވޭޝަން މެނޭޖަރު، ހަނާ އަބްދުއްސައްތާރު ވަނީ މިދިއަ ބުދަ ދުވަހު ކުއްލި ގޮތަކަށް މަރުވެފަ އެވެ. އަދި އޭގެ ފަހުން އެކުންފުނިން ވަނީ ހަނާގެ މުސާރަ އާއި އިނާޔަތްތައް އޭނާގެ 18 އަހަރު ނުފުރޭ ދަރިފުޅަށް ދޭން ނިންމާފަ އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން ވާމިލިއަންގެ ޕަބްލިކް ރިލޭޝަން އޮފިސަރު ހުސައިން ޝިޔާހު ވިދާޅުވީ ހަނާ، އެންމެ ފަހު ވަގުތާ ހަމަޔަށްވެސް ހުރީ ކުންފުނީގެ ހިދުމަތުގައި ކަމަށެވެ.
ޝިޔާހް ވިދާޅުވީ ހަނާއަކީ ކުންފުނީގެ މުހިންމު މުވައްޒަފެއް ކަމަށައި އޭނާ ދުނިޔޭގައި ނެތް ނަމަވެސް އޭނާގެ ދަރިފުޅަށް 18 އަހަރު ފުރެންދެން އޭނާގެ މުސާރަ އާއި އިނާޔާތްތަށް ދޭން ނިންމާފައިވާ ކަމަށެވެ.
އަދި ހަނާ ދަރިފުޅަށް 18 އަހަރު ފުރުނު ނަމަވެސް މަތީތައުލީމު ހާސިލް ކުރަން ބޭނުން ގައުކަމަށް ބޭނުން ދާއިރާއަކުން ކިޔެވަން ހުރިހާ ހަރަދެއް ކުރަން ވެސް އެ ކުންފުނިން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޮންމެ މުވައްޒަފަކަށް ވެސް މި އުސޫލު އޮންނާނެ. ނަމަވެސް މިއީ މިފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރު. ހަނާ އަކީ މި ކުންފުނީގެ ހުންގާނެއް. އެހެންވީމަ ހަނާގެ މުސާރައިގެ ގޮތުގައި ދެމުން އައި 16،000 ރުފިޔާ އާއި އެހެން ހުރިހާ އިނާޔަތްތަށް ވެސް އަޅުގަނޑުމެން އޭނާގެ ދަރިފުޅަށް ދޭނަން. 18 އަހަރު ވިޔަސް ބޭނުން ދާއިރާއަކުން ބޭނުން ކޮންމެ ގައުމަކަށް ކިޔަވަން ދިއުމަށް ހުރިހާ ހަރަދެއް ދޭނެ" އޭނާ ވިދާޅުވި އެވެ.
މިއި ރާއްޖޭގައި އާންމުކޮށް ކުންފުނިތަކުން ކުރާ ކަމަކަށް ނުވި ނަމަވެސް ވާމިލިއަން އިން މިވަނީ މިކަމުގައި ނަމޫނާ ދައްކާފަ އެެވެ.
އުމުރުން 30 އަހަރުގެ ހަނާ މަރުވީ ސްޓްރޯކެއް ޖެހިގެން އޭޑީކޭގައި ފަރުވާ ދެމުންދަނިކޮށް މިދިޔަ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. ހަނާ ނިޔާވި އިރު ހަނާގެ ހަ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާއި ފިރިޔަކު ހުރެ އެވެ.