ދުނިޔެ

ކޯލް ރިކޯޑިންތަށް ލީކު ކުރުމުން ޓްރްމްޕު ރުޅިގަދަ ވެއްޖެ

Dec 29, 2019

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިމްޕީޗުކުރަން ކޮންގްރެސްއިން ނިންމި ނިންމުމަށްފަހު އެމެރިކާގެ ސިޔާސީ މައިދާން މިހާރު ވަނީ ބޮޑު ބައިބައި ވުމަކަށް ގޮސްފަ އެވެ. މި ބައިބައިވުން ހަމައަކަށް ނޭޅިގެން އުޅެނިކޮށް ޓްރަމްޕު މިވަނީ އެެމެރިކާގެ އިންޓެލިޖެންސް ކޮމެޓީގެ މެމްބަރުންނާއި އެ ކޮމެޓީއަށް ގުޅިފައިވާ ވިޒިސްބޮވްލާސްގެ މައުލޫމާތު އާންމު ކުރުމުގެ ބޭނުމުގައި ޓުވީޓު ކޮށްފަ އެވެ.

އިންޓެލިޖެންސް ކޮމެޓީގެ ޗީފް އެޑަމް ޝިފް ވަނީ ޓްރަމްޕު ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއަށް ކުރެއްވި ފޯނު ކޯލެއްގެ ރިކޯޑިން އާންމުކޮށްފަ އެވެ. މިއާއެކު އިދިކޮޅު ޑިމްކްރަޓިކް ޕާޓީގެ މެމްބަރުން ވަނީ މިއީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރެއްވި ފޯނު ކޯލެއް ކަމަށް ބުނެފަ އެވެ.

ޔޫކްރެއިންގެ ރައީސަށް ގުޅުއްވައި ޓްރަމްޕު އެދިވަޑައިގަތީ ވާދަވެރި ސިޔާސީ ލީޑަރަކު ޔޫކްރެއިންގެ ހަކަތަ ކުންފުންޏަކާއެކު ހިންގި ވިޔަފާރި މުއާމަލާތެއްގައި ކޮރަޕްޝަން ހިމެނޭ މައްސަލަ ބަލައި ދެއްވަން ކަމަށެވެ. ނަމަވެސް އިދިކޮޅުން ދެކެނީ އެއީ 2020 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގައި ކަމަށެވެ.

ޑިމްކްރަޓިކްއިން ވަނީ ދާދިފަހުން ވެސް ޓްރްމްޕާ ދެކޮޅަށް ހެކިތަކެއް ސެނެޓަށް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ކޯލް ރިކޯޑިން ހިމެނެ އެވެ. އޭގެއިން އެއް ރިކޯޑިން ޓްރަމްޕު ވިދާޅުވެފައިވަނީ، ޔޫކްރެއިންގެ ރައީސަށް ގުޅުއްވައިގެން ދެއްކެވި ވާހަކަތަށް ސިއްރު ކުރުމަށް އެދިފަ އެވެ. އިދިކޮޅުން މި ރިކޯޑިންތަށް ހޯދީ ވައިޓް ހައުސްގެ މުވައްޒިފުން މެދުވެރިކޮށެވެ. އެ މުވައްޒިފުން ކޯލް ރިކޯޑިން ހަވާލުކުރީ އިންޓެލިޖެންސް ކޮމެޓީއަށެވެ.

މިއާއެކު ޓްރަމްޕު ވަނީ އޭގެ ތެރެއިން ބައެއް މުވައްޒިފުންގެ މައުލޫމާތު ޓުވިޓާގައި ހާމަކޮށް އިންޓެލިޖެންސް ކޮމެޓީއަށް ބަހުގެ ހަމާލާތަށް ދީފަ އެވެ. ޓްރަމްޕު ވަނީ މައުލޫމާތު ހާމަކުރިކަމަށް ބުނެ ވައިޓް ހައުސްގެ ތިން މުވައްޒިފެއްގެ މައުލޫމާތު ހާމަކޮށް އެމީހުން ވަޒީފައިން ވަކިކޮށްފަ އެވެ. އަދި އިންޓެލިޖެންސް ކޮމެޓީގެ ބައެއް މެމްބަރުން މަގާމުން ދުރުކުރާނެ ކަމަށް އިންޒާރު ދެއްވާފަ އެވެ.

މީގެ އިތުރުން ޓްރަމްޕު ވަނީ ޝައްކު ކުރެވޭ މުވައްޒިފުންތަކެއް ވައިޓް ހައުސްގައި އުޅޭކަމަށް ބުނެ އެމީހުންގެ މުވާސަލާތީ ވަސީލަތްތަށް ހިފަހައްޓައި ދިނުމަށް އެދިފަ އެވެ. ޓްރަމްޕު ދެ މައްސަލައެއްގައި އިމްޕީޗު ކޮށްފައިވާއިރު މިހާރު މައްސަލަ އޮތީ ޖުޑިޝަރީ ކޮމިޓީގަ އެވެ. ޖުޑިޝަރީން ކޮމެޓީގެ ތަހުގީގުން ޓްރަމްޕުގެ މައްޗަށް ވެރިކަމުގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި، އިންތިހާބަށް ނުފޫޒު ފޯރުވަން އުޅުނު ކަމުގެ ކުށް ސާބިތު ވެއްޖެނަމަ ވަކި މުއްދަތެއްގެ ތެރޭގައި މަގާމުން ވަކިކުރެވޭނެ އެވެ.

ޓްރަމްޕާ ދެކޮޅަށް ގިނަ ހެކިތަކެއް ޑިމްކްރަޓިކްއިން ދަނީ ޖުޑިޝަރީ ކޮމެޓީއަށް ހުށަހަޅަމުންނެވެ. ޓްރަމްޕު ވައިޓް ހައުސްގެ މުވައްޒިފުން ވަޒީފައިން ކެޑުމާއި އިންޓެލިޖެންސް ކޮމެޓީއަށް ދިން އިންޒާރަކީ ވެސް އިތުރު ހެކިތަކެއް ގޮތުގައި ބެލެވޭނެ އެވެ.