އިރާންގެ އިގްތިސޯދީ ސަރަހައްދުގައި ހިމެނޭ ހޮރްމުޒް ކަނޑުއޮޅި ކައިރީގައި ޗައިނާއާ ރަޝިއާއިން ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަންގެ ތެރެއިން ހޮރުމުޒް ކަނޑުއޮޅިއަށް ހުއްދަ ނުހޯދާ ގަވައިދާ ހިލާފަށް ވަދެފިނަމަ ހަމަލާދޭނެ ކަމަށް އިރާނު އަސްކަރިއްޔާގެ ޑެޕިއުޓީ ޗީފް އެޑްމިރަލް ހަބީބުﷲ ސައްޔާރީ ވިދާޅުވެއްޖެ އެވެ.
ސައްޔާރީ ވިދާޅުވީ، އިރާނުން އެ އޮޕަރޭޝަންތައް ސިފަ ކުރަނީ އިރާނަށް ޖާސޫސް ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ކަމެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ ޗައިނާއާ ރަޝިއާއަކީ ގައުމުތަކަށް ޖަސޫސް ކުރުމުގެ ނުތާހިރު ރިކޯޑެއް އޮތް ދެ ގައުމު ކަމަށެވެ.
އެ ދެ ގައުމަށް އިންޒާރު ދެމުން ސައްޔާރީ ވިދާޅުވީ، ގަވާއިދާ ހިލާފަށް ވަންނަ މަތިންދާބޯޓަކަށް ވެސް ކަނޑު އުޅަނދަކަށް ވެސް ރައްކަލެއް ނޯންނާނެ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ވަންނަ ހުރިހާ އުޅަނދުތަކެއް ބަލާނީ ޖަސޫސީ އުޅަނދުގެ ގޮތުގައި ކަމަށް ވެސް ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ ގާނޫނުގެ ގޮތުން ވެސް ގައުމެއްގެ އިގްތިސޯދީ ސަރަހައްދަށް ހުއްދަ ނުހޯދާ ނުވަދެވޭނެކަން ފާހަގަކޮށް ސައްޔާރީ ވިދާޅުވީ އިރާނާ ޖެހިގަނެގެން އުޅޭ ގައުމުތަކުން ގައުމުގެ ދިފާއުގައި ދޭ ހަމަލާތަކާ ބެހިގެންނުވާނެ ކަމަށެވެ. ސައްޔާރީ އިޝާރަތްކުރީ އެމެރިކާ އަށެވެ. ނަމަވެސް މި ދެ ގައުމަކީ ވެސް އެމެރިކާއާ އެހާ އެކުވެރި ގައުމުތަކެއް ނޫނެވެ.
"ކުރާ ކަމެއް ވިއްޔާ ރަނގަޅަށް ކުރޭ، ޖާސޫސް ކުރަން ހަދާފިއްޔާ ވަގުތުން އެ އުޅަނދަކަށް ހަމަލާ ދެވޭނެ، އަސްކަރިއްޔާއިން މި ގެންދަނީ މޮނީޓާ ކުރަމުން، ބައިނަލްއަގްވާމީ ގާނޫނު ތަނެއް ނުދޭ ހުއްދަ ނުހޯދާ ވަންނާކަށް، އެކަން ޔަގީން އެ ދެ ގައުމުން ވަންނާނެ، އެއީ ޖާސޫސް ކުރުމުގެ ނުތާހިރު ރިކޯޑް އޮތް ބައެއް" ސައްޔާރީ ވިދާޅުވި އެވެ.
ހޮރޮމުޒް ކަނޑުއޮޅިން މިއަހަރުގެ ތެރޭގައި އިރާނުން ވަނީ ތިން ތެޔޮ ޓޭންކަރެއް ހިފަހަައްޓާފަ އެވެ. މި ޓޭންކަރުތަށް ހިފެހެއްޓީ އިރާނުގެ ބްލެކް މާކެޓުން އެއް މިލިއަނަށްވުރެ ގިނަ ތެޔޮ ފީފާ ގަނެގެން ދަނިކޮށެވެ. އެއީ އިނގިރޭސިވިލާތުގެ ތިން ޓޭންކަރެއްގެ އިތުރުން ޔޫއޭއީގެ ޓޭންކަރެކެވެ. ގަވާއިދާ ހިލާފަށް ވިޔަފާރި ކޮށްގެން ތެޔޮ ގެންދިޔަ މި ޓޭންކަރުތަށް ހިފެހެއްޓުމުން އިނގިރޭސިވިލާތުން ވަނީ އިރާނުގެ ސީރިއާއަށް ތެޔޮ ގެންދާ ކަމަށް ބުނެ ޔޫރަޕް ސަރަހައްދުން ދަތުރުކުރި އިރާނުގެ ޓޭންކަރެއް ހިފަހައްޓައި އަސްކަރީ ކޯލިޝަނެއް ހަދައި ހޮރޮމުޒް ކަނޑުގެ ސަރަހައްދު ބަލަހައްޓަން ފަށައިފަ އެވެ.