ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ލީޑަރަކީ، ރިޔާސީ ކެންޑިޑޭޓަކީވެސް ޔާމީން: ޝަހީމް

އިދިކޮޅު ޕީޕީއެމްގެ ލީޑަރަކީވެސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް، 2018 ގެ ރިޔާސީ އިންތިހާބުގައި ޔާމީންގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީން ޖަލަށްލުމާއި ގުޅިގެން އެޕާޓީގެ ހިންގުމާއި ހަވާލުވާނެ ބޭފުޅަކާމެދު ގިނަ ބަހުސްތަކެއް ހިންގަމުންދާ ވަގުތެއްގައެވެ. ގިނަ ބައެއްގެ ނަޒަރުގައި ޝަހީމަކީވެސް ޕީޕީއެމްގެ ލީޑާޝިޕަށް ޝައުގުވެރިކަން ހުރި ބޭފުޅެކެވެ.

ނަމަވެސް ޝަހީމް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ޕީޕީއެމްގެ ލީޑަރަކީވެސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް ރައީސް ޔާމީން ކަމަށެވެ.

"އެމަނިކުފާނަށް އިންސާފު ލިބެންޖެހޭނެ. އެމަނިކުފާނު ގެއަށް ބަދަލު ކޮށްދެއްވުމަށް ވެސް އެދެން. އަދި ދުއާއަކީ ހިދުމަތްތެރި ރައީސް ޔާމީން ވީ އެންމެ އަވަހަކަށް މިނިވަންވުން." ޝަހީމްގެ ޓްވީޓްގައި ވިދާޅުވެފައެވެ.

އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޕީޕީއެމްގެ ލީޑަރަކީ ރައީސް ޔާމީން. އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް އެއީ. އެމަނިކުފާނަށް އިންސާފު ލިބެންޖެހޭނެ. އެމަނިކުފާނު ގެއަށް ބަދަލު ކޮށްދެއްވުމަށް ވެސް އެދެން. އަދި ދުއާއަކީ ހިދުމަތްތެރި ރައީސް ޔާމީން ވީ އެންމެ އަވަހަކަށް މިނިވަންވުން
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު | ކުރީގެ އިސްލާމިކް މިނިސްޓަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ޖަލު ހުކުމް އިއްވުމުގެ އެއް ދުވަސް ކުރިން އެ މަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވާ އެންމެ ފަހުން ކުރެއްވި ވަސިއްޔަތަކީ އެމަނިކުފާނު ނެތް ކަމުގައިވިޔަސް އެހެން ބަޔަކަށް ޕީޕީއެމްގެ ތެރެއަށް ވަދެ، އެޕާޓީގެ ލީޑާޝިޕަށް ސަވާރުވުމުގެ ފުރުސަތު ނުދެއްވުމެވެ.

"އަޅުގަނޑު ނެތޭ ކިޔާފަ އަޅުގަނޑުމެންގެ ޕާޓީ [ޕީޕީއެމް] ގެ މައްޗައް މިނިކާ ބާޒުތަކެއް ސަވާރުވިޔަ ނުދެއްވާތި، އެއީ ޖާގަ ދީގެން ވާނެ ކަމެއް ނޫން!" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވާތާ މަސްދުވަސްވެފައިވާއިރު، އިދިކޮޅު ސިޔާސީ ފިކުރަށް މިއަދު ވަނީ ކޮޅު ބެދިފައި ކަމަށާ މިހާރު އޮތް ހާލަތު ބަދަލު ކުރެވޭނީ އާވިސްނުމެއް ނެރެގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ޕީޕީއެމްގެ ކުރީގެ ނާއިބު ރައީސް އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.

ޕީޕީއެމްގެ ލީޑާޝިޕްގައި ކުރިން މަސައްކަތް ކޮށްފައިވާ އަދި މިހާރުވެސް އެޕާޓީ ކޮޅަށް ޖެހުމުގެ މަސައްކަތަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ކުރީގެ މިނިސްޓަރު އުމަރު ވިދާޅުވީ އިދިކޮޅު ސިޔާސީ ފިކުރަށް މިއަދު ވަނީ ކޮޅު ބެދިފައި އޮތް މަގަކަށް ވަދެވިފައި ކަމަށެވެ.

އިދިކޮޅަށް މިއަދު ކުރިއަށް ދެވޭކަށްވެސް އަދި ފަހަތަށް ޖެހެވޭކަށް ވެސް ނެތް ކަމަށް އުމަރު ވިދާޅުވިއެވެ.

"މިއީ އެމްޑީޕީ އުފާކުރާނެ ހާލަތެއް. މި ހާލަތު ބަދަލު ކުރެވޭނީ އެހެން ވިސްނުމެއް ނެރެގެން." މާބޮޑު ތަފްސީލެއް ނުދެއްވާ އުމަރު ވިދާޅުވެފައިވެއެވެ.

އުމަރުގެ މި ވާހަކަތަކަށް ރައީސް ޔާމީނަށް ވަފާތެރި ބޭފުޅުން ގެންދަވަނީ ހޫނުކޮށް ރައްދު ދެއްވަމުންނެވެ.