ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީގެ ރައްޔިތުން ވޯޓުލާނީ ސިޓީ ކައުންސިލް އެއް އިންތިހާބު ކުރުމަށް ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. ކުޅުދުއްފުށީގައި އިންތިހާބު ކުރާނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ރަށު ކައުންސިލެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމާއި ގުޅިގެން އެ ރަށުގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކުޅުދުއްފުއްޓަކީ ސިޓީ އަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ރަށެކެވެ. އަދި ވަރަށް އަވަހަށް ކުޅުދުއްފުށި ސިޓީ އަކަށް ބަދަލުވާނެ ކަމަށް ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.
އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލަރުން އިންތިހާބު ކުރާނީ ކުރިއަށް އޮތް ފަސް އަހަރަށެވެ. އެހެންވީމަ އެހާ ދިގު މުއްދަތަކަށް ކައުންސިލަރުން އިންތިހާބު ކުރާއިރު، ކުޅުދުއްފުށީގައި ރަށު ކައުންސިލެއް އިންތިހާބު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ރަށުގެ ގިނަ މީހުން ދަނީ ބުނަމުންނެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް މިއަދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީގެ ރައްޔިތުން ވޯޓުލާނީ ސިޓީ ކައުންސިލް އެއް އިންތިހާބު ކުރުމަށް ކަމަށެވެ. އަދި އެމްޑީޕީީއަކީ ވައުދު ފުއްދާ ޕާޓީއެއް ކަމަށް ވިދާޅުވެ، ރައީސް ސޯލިހާއި، ރައީސް ނަޝީދަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ މިފަހަރުގެ ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށިގައި އިންތިހާބުގައި ކުރާނީ ހަތް ކައުންސިލަރުން ކަމަށެވެ. އަދި ކުޅުދުއްފުށި ސިޓީއެއްގެ ގޮތުގައި ކަނޑައެޅުނު ކަން އިލެކްޝަންސް ކޮމިޝަނަށް އެނގިފައި ނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"މި އިންތިހާބުގައި [ކައުންސިލް އިންތިހާބު] ހދ. ކުޅުދުއްފުށީ ގައި އިންތިހާބު ކުރާނީ ހަތް ކައުންސިލަރުން، ސިޓީ އެއްގެ ގޮތުގައި ކަނޑައެޅުނު ކަމެއް އީސީ އަކަށް އެނގިފައެއް ނުވޭ." ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު ކޮރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ "ވިއަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުމުގެ ތެރެއިންވެސް ކުޅުދުއްްފުށީ ކައުންސިލްގެ މެންބަރުން ވަނީ އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމާއި ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. އަދި ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވުމުން ދެން އެ އަތޮޅުގެ އަތޮޅުވެރިކަން ކުރާނެ ރަށެއް ކަނޑައަޅާނީ ކިހިނެތްތޯވެސް އެ އަތޮޅުގެ ކައުންސިލަރުން ވަނީ ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ވަރަށް ކުރުކޮށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ކުޅުދުއްފުއްޓަށް ހާއްސަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އަދި ކުޅިދުއްފުށި ސިޓީއަކަށް ބަދަލުވުން ދެން ކަންވާންވީ ގޮތް ގާނޫނުގައި ސާފުކޮށް އެބައޮތް ކަމަށެވެ.
"ހދ އަތޮޅުގައި ސިޓީއެއް އެބަ އުފެދޭ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެންދާއިރުގައި ދެންވާނެ ގޮތް ގާނޫނުގައި ވަރަށް ސާފުކޮށް އޮންނާނެ އެނގޭތޯ." ސެޝަން ނިންމަވާލައްވަމުން ރައީސް ވިދާޅުވިއެވެ.