ޑީއާރްޕީ

އިމްރާން ފެއިލްވެއްޖެ، އިސްތިއުފާދީ: ޑީއާރުޕީ

ރައްޔިތުންނަށް އަމާންކަން ޔަގީންކޮށް ދިނުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފެއިލްވެފައިވާ ކަމަށާ އެހެން ކަމުން ހޯމް މިނިސްޓަރުކަމުން އިމްރާން އަބްދުﷲ ވަގުތުން އިސްތިއުފާދިނުމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ން ގޮވާލައިފި އެވެ.

ކާށިދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުﷲ ޖާބިރު ލީޑަރުކަން ކުރައްވަމުން ގެންދަވާ ޑީއާރުޕީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފަހަކަށް އައިސް ފޭރުމުގެ ހާދިސާތައް އިތުރުވެ، ރާއްޖެ އަންނަ ފަތުރުވެރިންނަށްވެސް ބިރުވެރި ހާލަތަކަށް ގައުމު ގޮސްފަައިވާ ކަމަށެވެ. އަދި އަމަަން އަމާންކަން ގާއިމުކޮށްދިނުމުގައި ކަމާބެހޭ މިނިސްޓަރު ފެއިލްވެފައިވާ ކަމަށެވެ.

"ރައްޔިތުންނަށް އަމާންކަން ޔަގީންކޮށްދިނުމުގައި ހޯމް މިނިސްޠަރު އިމްރާން ފެއިލްވެއްޖެ ކަމަށް ގަބޫލުކޮށް ވަގުތުން އިސްތިއުފާދިނުމަށް ގޮވާލަން." ޑީއާރުޕީގެ ޓްވީޓްގައިވެއެވެ.

ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރަކީ މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅެއް ނަމަވެސް މިފަހުން ސަރުކާރަށް ވަރަށް ބޮޑަށް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. ކުރިން ރައީސް ސޯލިހްގެ އެޑްވައިޒަރަކަށްވެސް ހުންނެވި ޖާބިރު ގެންދަވަނީ ރައީސް ސޯލިހާއި، ވަޒީރުންނަށް ނިސްބަތްކޮށް ވަރަށް ގިނަ ވާހަކަތައް ދައްކަވަމުންނެވެ.

ޖާބިރު ދާދިފަހުން ވަނީ ވަރަށް ގިނަ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ރައީސް ސޯލިހާއި ރައީސް ނަޝީދުގެވެސް އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅުއްވާނެ ކަަމަށް ވިދާޅުވިއެވެ.