ހަބަރު

ޕީޕީއެމްއަށް "ބާޒެއް" ބޭނުންވޭ: އުމަރު

ޕީޕީއެމްއަށް މިވަގުތު ބޭނުން ވަނީ ވަރުގަދަ ބާޒެއް ކަމަށާއި އޭރުން އިދިކޮޅު މުޅިން ބަދަލުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

"ސީއެންއެމް" ޓީވީގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އިދިކޮޅު ޕާޓީގެ ލީޑަރު ޖަލަށް ލައިގެން އުޅޭ އިރު ކޮންމެ ރެއަކު އެއާކޯން ކޮޓަރިއެއްގައި ވާހަކަ ދެއްކުމަކީ އިދިކޮޅު ޕާޓީއެއްގެ މަސައްކަތް ހުންނަން ޖެހޭ ގޮތެއް ނޫން ކަމަށެވެ. އަދި މިހާރު ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންނަށް އެކަން ކުރާނެ ގޮތެއް ވެސް ސަރުކާރު ޕްރެޝަރަށް ވައްޓާލާނެ ގޮތެއް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށް އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން [ޑީއާރްޕީ]އާ ހަވާލުވެގެން ގެންގޮސް ތިން އަހަރު ވީއިރު ސަރުކާރެއް ކޮށިއަރާ ހިސާބަށް ގެންގޮސް ދުއްވާލީ. އެންމެ ފަހުން ނަޝީދު އަމިއްލައަށް އިސްތިއުފާ ދޭ ހިސާބަށް ދުއްވާލީ، އެވަރުގެ އެކްޓިވިޒަމްއާ އެވަރުގެ ހިތްވަރާއި އެއްޗެހި އަޅުގަނޑަކަށް އަދިއެއް ނުފެނޭ މިހާރު ޕީޕީއެމްގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންގެ ފަރާތަކުންނެއް،" އުމަރު ވިދާޅުވި އެވެ.

އެހެންކަމުން މިހާރު އިދިކޮޅަށް ބޭނުން ވަނީ ވަރުގަދަ ބާޒެއް ނުވަތަ ސިންގާއެއް ކަމަށް އުމަރު ވިދާޅުވި އެވެ. އޭރުން ރަނގަޅު ބަދަލުތަކެއް އައިސް ސަރުކާރު ޕްރެޝަރު ކުރެވޭނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"އެ ބޭފުޅުންނަށް މިވަގުތު ބޭނުންވަނީ ވަރުގަދަ ލީޑަރެއް. އެ ބޭފުޅުންނަށް ބޭނުންވޭ އެބަ ވަރުގަދަ ބާޒެއް. ބޭނުން އެބަވެ ސިންގާއެއް. އެފަދަ ބާޒެއް ނުވަތަ ސިންގާއެއް އައިސް އެ ބޭފުޅުން ގޮވައިގެން ލީޑު ކުރަން ޖެހޭ އެ ލީޑާޝިޕް ދައްކާނެ މީހަކު މިހާރު ނެތް ކަމަށާއި އެ ދައްކާނަމަ މުޅި އިދިކޮޅު ބަދަލުވެގެން ދާނެ،" އުމަރު ވިދާޅުވި އެވެ.

ޕީޕީއެމްއަށް ބާޒެއް ބޭނުންވާ ކަމަށް އުމަރު ވިދާޅުވި އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރުމުގެ އެއް ދުވަސް ކުރިން ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ވިދާޅުވެފައި ވަނީ އެމަނިކުފާނު ނެތަސް "މިނިކާ ބާޒުތައް" ޕާޓީއަށް ސަވާރުވިޔަ ނުދިނުމަށެވެ.