ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޖަމީލް، ނަޝީދަށް: ތިޔަ ވިސްނުން ވަރަށް ސާފު

ރައްޔިތުންގެ މަޖިިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ވިސްނުން ވަރަށް ބޮޑަށް ސާފުވަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެމަނިކުފާނަށް ފާޑުވިދާޅުވެއްޖެ އެވެ.

ޖަމީލް، ނަޝީދަށް ފާޑުވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބޭ ސާވިސް ޗާޖާ ގުޅޭ ގޮތުން ޓުރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަފުޅަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ރައީސް މުހައްމަދު ނަޝީދު، އަލީ ވަހީދުގެ ދިފާއުގައި ވާހަކަފުޅު ދައްކެވުމާއި ގުޅިގެންނެވެ.

ޖަމީލް ވިދާޅުވީ އެންމެ ބޮޑު ގަހުގެ ނިވަލަށް ވަނުމުން ގޯސް ވިސްނުން، ރަނގަޅު ސިޔާސަތަށް ބަދަލުވި ޒަމާން މާޒީވެ ގޮސްފައިވާ ކަމަށެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒާއި، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ކުރެއްވި ކަމަކުން ފާޑުކިޔުން އަމާޒުވި ނަމަވެސް އެ ދެ ބޭފުޅުންނަށްވެސް އެމްޑީޕީގެ ފިކުރު އޮތް ގޮތް އެނގޭތީ އެކަންކަން މައްސަލައެއް ނޫން ކަމަށް ބަލަންވީތޯ ޖަމީލް ސުވާލު ކުރެއްވިއެވެ.

"ތިޔަ ވިސްނުން ވަރަށް ބޮޑަށް ސާފުވޭ." އެމްޑީޕީއާއި ނަޝީދަށް އިޝާރަތް ކުރައްވާ ޖަމީލް ވިދާޅުވިއެވެ.

-މަރިޔަމް ވަހީދާއަށް ފާޑުކިޔުން އަމާޒުވީ، މިނިވަން މުއައްސަސާއެއްގެ އެންމެ އިސްވެރިއަކަށް ހުންނަވާ ސަރުކާރުގެ ޖަލްސާއެއް ހުށައަޅުއްވާ ސަރުކާރާއި، ވަޒީރުންނަށް ތައުރީފު ކުރެއްވި މައްސަލާގައެވެ. ކޮމިޝަނަރު ފިޔާޒަށް ފާޑުކިޔުން އަމާޒުވީ، ބޭރު ގައުމަކުން ހަދިޔާ ކުރެއްވި ކާޕެޓެއް މިނިސްޓަރު ޝާހިދު ގެކޮޅަށް ގެންދަވާފައިވާ ކަމަށް އަޑުފެތުރިފައިވަނިކޮށް، ފޮރިން މިނިސްޓްރީގެ ގުދަނަށް ވަންނަވާ އެ ތަނުގައި އެ ކާޕެޓް އެބައޮތް ކަމަށް ވިދާޅުވެ ކާޕެޓާއެކު ނެންގެވި ފޮޓޯއެއް ޓްވީޓް ކުރެއްވުމުންނެވެ.-

ދާދި ފަހަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވިދާޅުވީ ގިނަ ރިސޯޓްތަކުގައި މުވައްޒަފުންނަށް ސާވިސް ޗާޖް ދިނުމުގަ އާއި ދިވެހި މުވައްޒަފުންގެ ނިސްބަތް ހިފަހައްޓާފައި މިންވަރު ރަނގަޅު ކަމަށެވެ. އަދި ރިސޯޓަކުން މުވައްޒަފަކު ކަނޑާލާމުން ގިނަ ފަހަރު ޝަކުވާކޮށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަނީ ވެސް ވަގު އެކައުންޓްތަކުން ކަމަށެވެ.

މިނިސްޓަރުގެ އެ ވާހަކަތައް ބައެއް ނޫސްތަކުން ގެނެސްދިން ގޮތުން ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުން ހިމެނޭ ގޮތަށް އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވި އެވެ. އަދި ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައި އޭގެ ޝުއޫރުތައް ހުންނަ ބޯޑުތަކެއް ހިފައިގެން މުޒާހަރާގައި ކުރާ ވީޑިއޯއެއް ވެސް ދަނީ ދައުރުވަމުންނެވެ.

އަލީ ވަހީދަށް ފާޑުކިޔުންތައް އިންތިހާއަށް އަމާޒުވެފައި އޮތް ދަނޑިވަޅެއްގައި ކުރީގެ ރައީސް ކަން ވެސް ކުރެއްވި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލީ ވަހީދަކީ އެމްޑީޕީގެ ޗެއާޕާސަން ވެސް ކުރެއްވި ބޭފުޅެއް ކަމަށާއި އެމްޑީޕީގެ ސިޔާސަތުތަކާއި ވިސްނުން އޭނާއަށް ވަރަށް ސާފުވާނެ ކަމަށެވެ. އެހެންކަމުން މިނިސްޓަރަށް އިތުބާރު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޓޫރިޒަމް މިނިސްޓްރީއަށް ވަނީ ހެޔޮ ބަދަލު އަންނާން ފަށާފައި، މިނިމަން ވޭޖާއި ސާވިސް ޗާޖް މައްސަލަ ވެސް ހައްލު ކުރެވޭނެ، މިނިސްޓަރު އަލީ ވަހީދަށް އިތުބާރު ކުރަން،" ނަޝީދުގެ ޓްވީޓްގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އަލީ ވަހީދު ދެއްކެވި ވާހަކަތަކަށް ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ ބަޔާނެއް މެދުވެރިކޮށް އޭނާ ދެއްކެވި ވާހަކަތައް ސާފުކޮށްދީފަ އެވެ. އެ ބަޔާނުގައި ވަނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރު ސާވިސް ޗާޖްދޭ ގޮތާ ގުޅޭ ގޮތުން ހިތްހަމަޖެހޭކަން ނުވަތަ ނޫންކަން ވެސް ސީދާ މިނިސްޓަރު ވިދާޅުވެފައި ނުވާ ކަމަށެވެ.

ފާޑުކިޔުން އަމާޒުވުމާ ގުޅިގެން މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ ވާހަކަފުޅު ދެއްކެވި އެވެ. ވިދާޅުވީ ބައެއް ނޫސްތަކުން ހަބަރު ގެނެސްދީފައި ވަނީ މިނިސްޓަރުގެ މުޅި ވާހަކައިގެ މާނަ އޮޅޭ ގޮތަށް ކަމަށެވެ. އަދި އޭނާ ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އެއްވެސް ރައްޔިތަކަށް ނުތަނަވަސް ކަމެއް އިހުސާސްވެފައިވާނަމަ މައާފަށް އެދިވަޑައިގަންނަވާނަމަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.