ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވައުދުވި ގޮތައް ލާމަރުކަޒީ ނިޒާމް އޭގެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރިހަމަ އިޙްތިޔާރާއި ބާރު މިއޮތީ ކައުންސިލްތަކަށް ދީފަ އެވެ. އަދި ގާނޫނު އަސާސީއާއި، ގާނޫނުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސް ވެރިކަމުގެ ދައުރާއި އެއްވަރަށް މިއޮތީ ކައުންސިލްގެ ދައުރު ވެސް ދަންމާފަ އެވެ. އެހެން ކަމުން ދިވެހި ރައްޔިތުން ދެން ދާން މިޖެހެނީ މުހިންމު ވޯޓަކަށެވެ. ފަށާ އާ އަހަރުގެ ފުރަތަމަ ކްއާޓަރުގައި ވަރަށް މުހިންމު އެ ނިންމުން ރައްޔިތުން ނިންމަން ޖެހެ އެވެ.
ރާއްޖޭގައި މިހާރު މިއޮތް ސިޔާސީ ނިޒާމާއި ދިވެހިން ރައްޓެހިވި ހިސާބުން ފެށިގެން ވެސް ރައްޔިތުންނާއި ސަރުކާރުތަކުން ކުރަމުން އަންނަ ވިޔާނުދާ ކަމެއް އެބަ އޮތެވެ. އެކަމަކީ ގާބިލު މީހާއަށް ފުރުސަތު ދިނުމުގެ ބަދަލުގައި ޕާޓީ މީހާ ނުވަތަ ތިމާ ތާއީދު ކުރާ ފިކުރުގެ މީހާއަށް ފުރުސަތު ދިނުމެވެ. ފަހަރުގައި މިކަމަކީ ބޭނުންވާ ތަރައްގީއާއި ހިސާބަށް ވާސިލް ނުވެވިދާ މައިގަނޑު ސަބަބަށްވުން ވެސް ކައިރި އެވެ.
ވެރިކަން ކުރާ މާލެއިން އެކަމުގެ އެތަކެއް މިސާލެއް ފެނެ އެވެ. މާލޭގެ މަގުތައް މި ހާލަތުގައި އޮއްވާ ސަރުކާރުތަކެއް އައިސް ބަދަލުވެގެން ހިނގައްޖެ އެވެ. ކުރިއަރައި ގޮސް، ޖައްވުގެ ތެރޭގައި ހިމެނޭ އެކި ދިމަދިމާލަށް އިންސާނުން މިސްރާބު ޖަހާފައިވާ ދުނިޔެއެއްގައި އުޅެމުން އަންނަ އިރު، މާލޭގެ މަގުތަކަށް ހައްލު ހޯދައިދޭނެ "ސައިންސެއް" ވިސްނި ވަޑައިގަތް ވެރިޔަކު ނުފެނުނެވެ.
ބޯހިޔާވެހިކަން ވެސް އެހެނެވެ. ހަނދާން ހުންނަން ފެށީއްސުރެ ރާއްޖޭގެ ބޮޑު ބައެއްގެ ޝަކުވާއަކަށް އޮތީ ބޯހިޔާވަހި ކަމެވެ. ހާއްސަކޮށް މާލޭގެ ކުލީގެ މައްސަލަ އެވެ. މަސްދުވަހު ގުލާނު ކޮށްގެން ހޯދާ ފައިސާ ކުއްޔަށް ދޭން ޖެހި މިތަނުގައި "ސާވައިވަލް މޯޑް" ގައި އެތަކެއް ހާސް ރައްޔިތުންނެއް ދިރިއުޅެމުން އަންނަ ވާހަކަ އެވެ.
މި ހުރިހާ އަޑުތަކެއްގައި މި ހުރިހާ ޒަމާނެއްވީ އިރު، ވެރިންގެ ގޮތުގައި ތިބި ބަޔަކަށް ވެސް ގައިމު އެ އަޑު އިވޭނެ އެވެ. ނަމަވެސް އެކަމަށް ވެސް ހައްލެއް ހޯދައިދެވުނު ގާބިލު ވެރިއަކާއި ލައްވާލާ ވަރެއްނުވެ އެވެ. މުޅިންވެސް އެކަމަށް ބޮޑެތި ވައުދުތަކެއްވެ، ބާރު ލިބުމުން އެހެން ކަންކަމުގައި އުޅުއްވި ވެރިންނެވެ.
ކަމެއް ކޮށްދެވޭނެ ކަމުގެ ޔަގީންކަމާއި، ގާބިލިއްޔަތުކަން ތިމާމެންގެ ކިބައިގައި ނެތްކަން އެނގި އެކަންކަމަށް ކުރިމަތި ލުމަކީ މައްސަލަ އެކެވެ. އެއަށްވުރެ ވެސް ބޮޑު މައްސަލައަކީ އެ ބައެއްގެ އެ ގާބިލްކަން ނެތްކަން އެނގި ތިބެ، ދައްކާ ދަޅަތަކަށް ހެއްލިގެން ވޯޓްދީ ވެރިކަމަށް އިިސްކުރާ ކުރުމެވެ.
ކުއްޔަށް ހައްލެއް ހޯދައިދޭން ބިން ހިއްކާ ގްރޭޓާ މާލޭ އޭރިއާ ބޮޑު ކުރަމުންދާއިރު، އެކަމަށް އެއްވެސް ވަރެއްގެ ހައްލެއް ނާންނަނީ އެކަމަކީ އިޖުތިމާއީ ކަމަކަށްވުރެ ބޮޑަށް ސަރުކާރުތަކަށް ބޮޑު ވިޔަފާރި އަކަށް ވެފައި އޮންނަ އޮތުމުގެ ސަބަބުންނެވެ. ހެޔޮ ވިސްނުމެއްގައި، ރައްޔިތުންގެ ހައްގުގައި އެކަން ކުރަން ބަޔަކު އުޅެފިނަމަ އެކަން ނުވާނެ އެއްވެސް ސަބަބެއް ނެތެވެ. ރާއްޖެއަކީ ފައިސާ ވަންނަ މުއްސަނދި ގައުމެއްކަން މިފަހުން މި ހިނގައިދިޔަ ކޮރަޕްޝަންގެ ތެރެއިން ރައްޔިތުންނަށް ފަހުމްވާން ވާނެ އެވެ.
ސިޔާސީ މީހާ ދައްކާނީ ސިޔާސީ ވާހަކަ އެވެ. އެވާހަކައަށް ހެއްލުމާއި ނުހެއްލުމަކީ ރައްޔިތު މީހާގެ ކަމެކެވެ. ދެރައީ ދިވެހިން ތަރައްގީ އާއި ތަހުޒީބުގެ މަގުގައި ކުރިއަރާދާ އިރު ވިސްނުމާއި ބުއްދިއަށް އެ އަންނަން ޖެހޭ ތަރައްގީއާއި ތަހުޒީބުކަން ނާންނާތީ އެވެ. އެ ނޫން ނަމަ ސިޔާސީ ކޮންމެ މީހަކު ދައްކާ ވާހަކައަކަށް ނުއެއް ހެއްލޭނެ އެވެ.
ގާނޫނު އޮތް ގޮތުން ކައުންސިލް އިންތިހާބުގައި ކައުންސިލަށް ހޮވާ އަންހެނުން މެންބަރުންނާއި ކައުންސިލް މެންބަރުންނާއި ކައުންސިލްގެ ރައީސާއި އަތޮޅު ކައުންސިލްގެ ރައީސާއި ސިޓީ ކައުންސިލަށް ހޮވާ މެންބަރުންނާއި ސިޓީ ކައުންސިލަށް ހޮވާ އަންހެން މެންބަރުންނާއި ސިޓީގެ މޭޔަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން އިންތިހާބު ކުރަންޖެހޭ އިރު މިއީ ވަރަށް ވިސްނަން ޖެހެ އެވެ.
ކުރިޔަށް އޮތް ފަސް އަހަރު ދުވަހަށް ރަށާއި، އަތޮޅަށް ބޭނުންވާ ތަރައްގީ ގެނެވޭނީ އެކަމަށް ގާބިލް މީހާ ހޮވައިގެންނެވެ. ޕާޓީ ފިކުރުގައި ޖެހި، މީގެ ކުރިން ކައުންސިލްތަކަށް ހޮވި ކުލަކުލައިގެ ކައުންސިލަރުންގެ މަސައްކަތް ހުރިގޮތް ވެސް މިހާރު އޮންނާނީ ފެނިފަ އެވެ. އެހެންކަމުން ޕާޓީއަކުން ކުރިމަތިލިޔަސް ނުލިޔަސް މޮޅު ގޮތް ހޯދައިދޭނެ، އެކަމަށް ގާބިލް އަދި އިތުބާރު ކުރެވޭ މީހާ އެނގެންވާނެ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ތަސްދީގު ކުރެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މިފަހަރު އިންތިހާބު ކުރަންޖެހޭ ކައުންސިލަރުންގެ ގާބިލްކަން ހުންނަން ޖެހޭނެ މިންވަރު ރަނގަޅަށް ބަޔާން ކޮށްދެއްވާފަ އެވެ.
މީގެ ކުރިން ރަށްރަށަށް ކަންކަން ނުވެގެން ސަރުކާރަށް ޝަކުވާ ހުށަހެޅިޔަސް، ދެން ކަމެއް ނުވެގެން ނުވަތަ ނުކުރެވިގެން ޝަކުވާ ކުރަން ކައުންސިލަރުން ކައިރިއަށްދާނީ އެމަނިކުފާނު ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެހެން ކަމުން ކައުންސިލްތަކަށް ހޮވަން މިޖެހެނީ ކިހާ ގާބިލް ބައެއްކަން އެނގިގެން އެބަދެއެވެ.
މި ސަރުކާރުން މިވަނީ މިއިން އެއްވެސް ޒަމާނެއްގައި ރަށްރަށަށް ލިބިދީފައިނުވާ ވަރަށް އެރަށެއްގެ ހިންގުންތެރިންނަށް ނުވަތަ ކައުންސިލަށް ބާރުތައް ދީފަ އެވެ. މާލީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ވެސް މެއެވެ. އެހެން ކަމުން ދެން ހޮވާނީ ސޮއި ކުރުމަށްފަހު މަހައްނައްޓާލާ ކައުންސިލަރެއްތޯ ނުވަތަ ހީވާގި ކަމާއެކު ބަދަލަކަށް މަސައްކަތް ކުރެވޭނެ ގާބިލްކަން ހުރި ކައުންސިލަރެއްތޯ މިއީ ރައްޔިތުން ނިންމަންޖެހޭ ނިންމުމެކެވެ.