ސީޕްލޭން ޓާމިނަލް ހިންގުމުގެ ފުރިހަމަ ގާބިލްކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) ގައި އެބަހުރި ކަމަށާއި އެކަން އެގޮތައް ކުރާނެ ކަމާމެދު ޝައްކެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒް މިއަދު ދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީކޮށް ހިންގަމުން ޖީއެމްއާރް އަތުން ނެގީ އެމްއޭސީއެލްއަށް އެކަން ކުރުމުގެ ގާބިލުކަން އޮތުމުން ކަމަށެވެ. އެހެންކަމުން ކުޑަކުޑަ ސީޕްލޭން ޓާމިނަލެއް ހިންގާލުމުގެ ފުރިހަމަ ގާބިލުކަން ވެސް އެ ކުންފުންޏަށް ލިބިގެންވާ ކަމަށާއި އެގޮތައް އެކަން ކުރާނެ ކަމާމެދު ޝައްކެއް ނެތް ކަމަށެވެ.
"... އެއްބަސްވުންތަކަށް އިހުތިރާމްކޮށް ކުރިޔަށް ދާނެ،" މިނިސްޓަރު ފައްޔާޒު އިތުރަށް ވިދާޅުވި އެވެ.
އެއާޕޯޓުގައި އާ ސީޕްލޭން ޓާމިނަލް އެޅުމުގެ މަސައްކަތަކީ އެމްއޭސީއެލް އިން 848 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއު ނިމުމަށް ފަހު އެމްއޭސީއެލް އިން ޓާމިނަލް ހިންގައިގެން ސަރުކާރަށް ބޮޑު ފައިދާއެއް ވާން އޮތް ނަމަވެސް ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭއަށް ދިނުމަށް އެ ކުންފުނިން މަޝްވަރާކޮށްފައިވެ އެވެ.
އެ މައްސަލަ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ ބަލަމުންނެވެ.