ކާނިވާ ސަރަހައްދުން ބަސް ދަތުރު ކުރާ ރޫޓެއް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު ޝަމާއު ޝަރީފް ވިދާޅުވީ މިހާރު ބަސް ދަތުރުކުރާ ރޫޓުތައް ފިޔަވާ އެހެން ރޫޓަކުން ދަތުރުކުރުމަށް ބަސް އޮޕަރޭޓް ކުރަމުން އަންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ނިންމާ އެކަން ސިޓީ ކައުންސިލަށް ހިއްސާ ކުރި ކަމަށެވެ. އަދި އެކަމަށްޓަކައި ކާނިވާ ސަރަަހައްދުގައި ބަސް ސްޓޮޕެއް ގާއިމްކުރަމުންދާ ކަމަށެވެ.
ޝަމާއު ވިދާޅުވީ ކުރިއަށް ހަފްތާއެއްހާ ދުވަސްތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި މަސައްކަތް ނިމުމާއެކު އެ ރޫޓޫން ބަސް ދަތުރު ކުރާނެ ކަމަށެވެ.
"އަސްލު އެމްޕީއެލް އިން އަޅުގަނޑުމެންނަށް ހިއްސާކުރީ އިތުރު އެހެން ރޫޓަކުން ބަސް ދަތުރުކުރުމަށް ބޭނުންވާ ކަމަށް. އެހެންވެ އެ ބޭފުޅުން ބޭނުންވާ ރޫޓު ބުނީމަ އަޅުގަނޑުމެން އެތަނުގައި ބަސް ސްޓޮޕެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ. މި މަސައްކަތް ހަފްތާއެއްހާ ދުވަސްތެރޭގެ ނިންމާލެވޭނެ." އޭނާ ވިދާޅވި އެވެ.
ޝަމާއު ވިދާޅުވީ މިއީ އެ ހިސާބުގައި ހުންނަ އޮފީސްތަކުގައި އުޅޭ މީހުންނަށާއި އެ ހިސާބުގައި ދިރިއުޅޭ ފަރާތްތަކުން ހުޅުމާލެއިން މާލެއަށް ދަތުރުކޮށްލުމަށް ލިބިގެންދާނެ ލުއިފަސޭހަ އެއް ކަމަށެވެ. އަދި މިއީ އެ ފަރާތްތަކުން އުންމީދުކުރާ ގޮތް ކަމަށްވެސް ވިދާޅުވި އެވެ.
ޝަމާއު އިތުރަށް މިހާރު ބަސް ދަތުރުކުރަމުންދާ ރޫޓުތަކުގައި ހުންނަ ބަސް ސްޓޮޕްތައް ފިޔަވައި އަދި ބަސް ސްޓޮޕެއް ގާއިމްކުރުމަށް ނިންމާފައިވަނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތާނގައި އެހެން ސަރަހައްދުގައި ބަސް ސްޓޮޕެއް ގާއިމް ނުކުރަން ނިންމާފައިނުވާ ކަމަށްވެސް ވިދާޅުވި އެވެ.
އެމްޕީއެލް އިން އޮޕަރޭޓް ކުރަމުން އަންނަ ބަސްތައް މިހާރު ދަތުރު ކުރާ ރޫޓަކީ ހަމައެކަނި ބޮޑު ތަކުރުފާނު މަގުގައި ހުންނަ ރޫޓެވެ. އެތަނުގައި ދެ ބަސް ސްޓޮޕެއް ހުރެ އެެވެ. ދެން ހުންނަނީ މާލެ ހުޅުމާލެ ބަސް ޓާމިނަލްގައި ހުންނަ ބަސް ސްޓޮޕެވެ.