އުމަރު ނަސީރު

މައްސަލަ އަލުން ބަލައިފިނަމަ ބޭޒާރުވާނީ ނަޝީދު: އުމަރު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ގޮތް އަލުން ބެލުމަށް ތާއީދު ކުރައްވާ ކަމަށާ އެ މައްސަލަ އަލުން ބަލައިފިނަމަ ބޭޒާރު ވާނީ ރައީސް ނަޝީދު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ފެބްރުއަރީ 7، 2012 ގައެވެ. އެމަނިކުފާނު އަމިއްލަފުޅަށް މަގާމުން އިސްތިއުފާދެއްވީ ފެބްރުއަރީ ހަ ވަނަ ދުވަހުގެ ރެއިން ފެށިގެން މާލެތެރެ ވަރަށް ބޮޑަށް ހަލަބޮލިވެ ހިނގާދިޔަ ސިޔާސީ ކަންތައްތަކެއްގެ ތެރެއިންނެވެ. އެމަނިކުފާނުގެ ވެރިކަން ބަދަލުވީ ފަހުން ޖެހިގެން އައި ދުވަހު ނަޝީދު ވަނީ އިސްތިއުފާދެއްވީ މަޖުބޫރުން ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ބަގާވާތެއް ކަމަށްވެސް ވިދާޅުވިއެވެ.

ވެރިކަން ބަދަލުވީ ގޮތް ބެލުމަށް ބޭރުގެ ތަޖުރިބާކާރަކު ހިމެނޭ ގޮތުން ރިޔާސީ ކޮމިޝަނެއް އެކުލަވާލެވުނެވެ. އެ ކޮމިޝަންގެ ތަހުގީގަށްފަހު ވެރިކަން ބަދަލުވީ ބަގާވާތަކުން ނޫން ކަމަށް ވަނީ ކަނޑައަޅާފައެވެ. އެ ނިންމުމަށް ރައީސް ނަޝީދުވެސް އޭރު އިހުތިރާމް ކުރެއްވިއެވެ. ނަމަވެސް އޭގެ ފަހުން އެކި ފަހަރު މަތިން އެމަނިކުފާނު ވަނީ ވެރިކަން ބަދަލުވީ ބަގާވާތަކުން ކަމަށް ވިދާޅުވެފައެވެ.

އަދި ގައުމަށް ހަމަޖެހުން އަންނާނީ ވެރިކަން ބަދަލުވީގޮތް މިނިވަން ކަމާއެކު ތަހުގީގު ކުރެވިގެން ކަމަށްވެސް އެމަނިކުފާނު މިހާރު ގެންދަވަނީ ވިދާޅުވަމުންނެވ.

އެކަމާ ގުޅޭގޮތުން ރޭ ސީއެންއެމްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ނަޝީދުގެ ވެރިކަން ބަދަލުވީގޮތް އަލުން ބަލައިފިނަމަ އެއީ ވަރަށް އުފާކުރައްވާނެ ކަމެއް ކަމަށެވެ. އަދި އަލުން އެ މައްސަލަ ބަލައިފިނަމަ ކުރިން ކޯނީ ރިޕޯޓްގައި ނުހިމަނާ ދޫކޮށްލާފައިވާ އެތައް ވާހަކަތަކެއް ލިޔެވިގެން ދާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވަނީ މީގެ ކުރިން ނަޝީދަށް ނުކުރައްވާ ބައެއް ތުހުމަތުތައްވެސް ކުރައްވާފައެވެ.

އަޅުގަނޑު ވަރަށް އުފާކުރާނަން އިނގޭތޯ އަލުން މައްސަލަ [ވެރިކަން ބަދަލުވީ މައްސަލަ] ބަލައިފިއްޔާ. ސަބަބަކީ ކޯނީ ރިޕޯޓްގައި ނުހިމަނާ ހުރި ބައެއް އެއްޗެއްހި އެބަހުރި އަޅުގަނޑު މިފަހަރު ހިމަނަން ބޭނުންވާ. މިސާލަކަށް ރައީސް ނަޝީދު އިސްތިއުފާ ދެއްވީ ރާ ބޮއިގެން ހުރެ އިނގޭތޯ. އަޅުގަނޑު އެ ކޮމިޝަން [ވެރިކަން ބަދަލުވީ ގޮތް ބެލި ރިޔާސީ ކޮމިޝަން] ގައިވެސް ދެންނެވިން އިނގޭތޯ ރާ ގެނައީ ކޮން ރިސޯޓަކުން ކަމާއި، ރާ އުފުލީ ކޮން ބައެއް ކަމާ، އެ ދުވަހު ނަޝީދާއެކު ރާ ބުއީ ކޮން ބައެއް ކަމާ އިނގޭތޯ، ރާ ބޮއިގެން ނިކުމެ އިސްތިއުފާ ދިނީ އިނގޭތޯ. މިއީ ހަގީގަތަކީ އިނގޭތޯ. އޮފްކޯސް އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތް ކުރިން އޭނަ [ރައީސް ނަޝީދު] ގެ އިސްތިއުފާ އަތުލަން." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ނަޝީދާ ދެކޮޅަށް ހިންގުނު ސިޔާސީ މަސައްކަތްތަކަކީ ރާއްޖޭގެ ތާރީހުގައި ކުރެވުނު އެންމެ ކާމިޔާބު މަސައްކަތް ކަމަށެވެ. އެއީ ގައުމީ މަސައްކަތެއް ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ.