ދުނިޔެ

ބޮމުގެ ހަމަލާއެއް ދޭން އުޅުނު ދެ ޓެރަރިސްޓަކު ސައުދީން މަރާލައިފި

ސައުދީއަރަބިއްޔާގެ ދަމާމްގައި ކާރު ބޮމުގެ ހަމަލާއެއް ދޭން އުޅުނު ދެ ޓެރަރިސްޓަކު މަރާލައިފި ކަމަށް އެ ގައުމުން ބުނެފި އެވެ. މި ދެ މީހުންނަކީ ޓެރަރިޒަމް މައްސަލައަކާ ގުޅިގެން ސައުދީގެ އިދާރާތަކުން ހޯދަމުންދާ ދެމީހުނެވެ.

ސައުދީގެ ސްޓޭޓް ސެކިއުރެޓީ ޗީފް ވިދާޅުވީ، ކާރު ބޮން ގޮއްވާލަން ދެ ޓަރިސްޓުން ބޭނުން ކުރަން އުޅުނީ ފަސް ކިލޯގެ އާރްޑީއެެކްސް ކަމަށެވެ. އަދި އެ ދެމީހުން ހައްޔަރުކުރަން ސިފައިން ދިޔުމުން، ސިފައިންނަށް އަމާޒުކޮށްގެން ހަމަލާދީފައިވާ ކަމަށެވެ.

ދެ ޓެރަރިސްޓުން މަރުވެފައިވަނީ އެ ހަމަލާ ބަދަލު ކުރުމުގެ ތެރޭގަ އެވެ. ހަމަލާ ބަދަލުކުރުން ކުރިއަށް ގެންގޮސްފައިވަނީ އާރްޑީއެކްސް ބޭނުން ކޮށްގެން ގޮއްވާލަން އުޅުނު ކާރުގެ ކައިރީގަ އެވެ. ސިފައިންގެ ހަމަލާގައި މަރުވެފައިވަނީ އަހްމަދު އަބްދުﷲ ސައީދު ސުވެއިދް އާއި އަބްދުﷲ ހުސެއިން ސައީދު އަލް ނިމާރް ނަމަކަށް ކިޔާ ސައުދީގެ ދެ ރަށްވެހިންނެވެ.

ސައުދީގެ މިއަހަރުގެ ފަހުކޮޅުގައި ވަނީ ޓެރަރިސްޓު ތިން ހަމަލާތަކެއް ނާކާމިޔާބު ކޮށްލާފަ އެވެ. ސައުދީގައި ޓެރަރިސްޓުން ހަމަލާދޭން ފަށާފައިމިވަނީ އަރަމްކޯގެ މައްސަލައިގައި އިރާނު ސަރުކާރާ ވަރަށް ބޮޑަށް ގުޅުން ގޯސްވެފައި ވަނިކޮށެވެ.