ރަޝިއާގެ އާ އަހަރާ ދިމާކޮށް އެސްޓީ ޕީޓަސްބާގްގައި ދޭ އުޅުނު ޓެރަރިސްޓް ހަމަލާއެއްގެ މައުލޫމާތު އެމެރިކާގެ އަސްކަރިއްޔާއިން ފޯރުކޮށްދިނުމުން ރަޝިއާއިން އެމެރިކާއަށް ޝުކުރު އަދާކޮށްފި އެވެ. އެމެރިކާގެ މައުލޫމާތު އަލީގައި ރަޝިއާއިން މިހާރު ވަނީ ހަމަލާދޭން އުޅުނު މީހުން ހައްޔަރުކޮށްފަ އެވެ.
ހަމަލާ ދޭން އުޅުނު ކަމުގެ މައުލޫމާތު ރަޝިއާ ސަރުކާރަށް ހިއްސާކޮށްފައި ވަނީ އެމެރިކާގެ އަސްކަރިއްޔާއިންނެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި ރަޝިއާއާއެކު މިފަދަ މައުލޫމާތެއް ހިއްސާކުރި ފުރަތަމަ ފަހަރެވެ. އެމެރިކާ އާއި ރަޝިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އެންމެ ބޮޑަށް ހީނަރުވެފައިވަނީ ރަޝިއާއެކު އޮތް ސިޔާސީ ގުޅުމާއި އަސްކަރީ ގުޅުމެވެ. ސިޔާސީ ގުޅުން ގޯސްވުމުގެ ސަބަބުން ރަޝިއާއިން އެގައުމުގައި ހުންނަ އެމެރިކާގެ ސަފީރު ވެސް އަނބުރާ ގައުމަށް ފޮނުވާފަ އެވެ. އަދި އެމެރިކާއިން ވަނީ ރަޝިއާގެ ސަފީރު ވެސް އަނބުރާ ގައުމަށް ފޮނުވާފަ އެވެ.
ރަޝިއާއެކު އޮތް އަސްކަރީ ގުޅުން ގޯސްވުމުގެ ސަބަބުން އެމެރިކާއިން ވަނީ ސީރިއާގައި ހުރި ރަޝިއާގެ އަސްކަރީ ބޭސްތަކަށް ހަމަލާދޭނެ ކަމަށް ބުނެފަ އެވެ. މިއާއެކު ރަޝިއާއިން ވަނީ އެމެރިކާ ސިފައިންގެ ވެހިކަލްތަކަށް ގެއްލުންދީފަ އެވެ. ރަޝިއާއެކު އޮތް ގުޅުން ހީނަރުވާން ފެށީ، 2016 ވަނަ އަހަރު ޓްރަމްޕު ވެރިކަމަށް ވަޑައިގަތީ ރަޝިއާގެ އެހީގައި ކަމަށް ރަޝިއާގެ ޑާޓާ އެނަލައިޒިސް ކުންފުންޏަކުން ބުނުމާ ގުޅިގެންނެވެ.
ރަޝިއާގައި އާހަރާ ދިމާކޮށް ހަމަލާދޭން ރާވާފައިވަނީ އެސްޓީ ޕީޓަސްބާގާގަ އެވެ. ޕީޓަސްބާގާގައި ފާހަގަކުރާ އާހަރުގެ ޝޯތަކުގައި ރަޝިއާގައި މަސައްކަތް ކުރައްވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި، ރަޝިއާ ސަރުކާރުގެ މިނިސްޓަރުންގެ އިތުރުން ބައެއް މަޝްހޫރު ލަވަކިޔުންތެރިން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ގުޅުންތަށް ގޯސްވެފައި ވަނިކޮށް ވެސް އެމެރިކާއިން ޓެރަރިސްޓު ހަމަލާގެ މައުލޫމާތު ހިއްސާކުރުމުން ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ ޓްރަމްޕަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އަލުން ގުޅުންތަށް ރަނގަޅުވާނެ ކަމަށް ވެސް އުއްމީދު ކުރައްވާކަމަށް ވިދާޅުވި އެވެ.