ރިޕޯޓް

ވަޒީރުންގެ ދިފާއުގައި ތަފާތު ކުރަނީ ކީއްވެ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފުރިހަމަ ތާއީދާއެކު އެއްބައިވަންތަ ކަމުގެ ސަރުކާރެއް ކާމިޔާބު ކަމާއެކު ހިންގަވާނެ ކަމުގެ ފުރިހަމަ ވައުދާއެކުގަ އެވެ. ނަމަވެސް ސަރުކާރު ކޯލިޝަނަށް އަހަރު ދުވަސްވީއިރު، އެއްބައިވަންތަކަމުގެ ސަރުކާރެއް ކާމިޔާބު ކަމާއެކު ފަސް އަހަރަށް ހިންގިދާނެތޯ ސުވާލު އުފެދޭނެ ކިތަންމެ ހާލެއް މެދުވެރިވެއްޖެ އެވެ. މިއަހަރު ބޭއްވުނު މަޖިލީސް އިންތިހާބުގައި ވެސް ޕާޓީތަކަށް އެކުގައި ވާދައެއް ނުކުރެވުނެވެ. އަދި ކުރިމަތިވަމުން އަންނަ ކައުންސިލް އިންތިހާބުގައި ވެސް ޕާޓީތައް ގުޅިގެން ވާދަކުރުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.

ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މެދުގައި ބަދަލު ކުރެވޭ ބަހުގެ ހަމަލާތަކަކީ ވެސް ސަރުކާރަށް ބުރޫއަރާފާނެ ކަންކަމެވެ. ހާއްސަކޮށް ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމްގެ މެދުގައި ތަކުރާރުކޮށް ހޫނުގަދަ ބަހުގެ ހަމަލާތައް ބަދަލު ކުރެވެމުންދެ އެވެ. އެއީ ސަރުކާރު ކޯލިޝަނަށް އަބަދުވެސް އޮތް ނުރައްކަލެކެވެ.

މި ސަރުކާރު ހިންގަން ބޭނުންވަނީ އެމްޑީޕީން އެކަނި ކަމަށް ރައީސް ނަޝީދު ވިދާޅުވުމަކީ ވެސް ކުރިއަށް އޮތްތާ ޕާޓީތަކުގެ ގުޅުން އިތުރަށް ގޯސްވެ، ކޯލިޝަން ބައިބައިވެދާނެ ސަބަބެކެވެ. އެކަން އެ މަގަށް ދާނެ ކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވެ އެވެ.

ރައީސް ސޯލިހުގެ ކެނބިނެޓްގައި ކޯލިޝަންގެ ހުރިހާ ޕާޓީތަކަށް ނިސްބަތްވާ މިނިސްޓަރުން އެބަތިއްބެވި އެވެ. އެމްޑީޕީގެ ނަޒަރުގައި ސަރުކާރުގައި އެންމެ ހަރަކާތްތެރީ އެ ޕާޓީއަށް ނިސްބަތްވާ މިނިސްޓަރުންނެވެ. މީގެ ކުރިން ރައީސް ނަޝީދާއި އެމްޑީޕީގެ އިސް ބޭފުޅުން އެ މޭރުމުން ވާހަކަފުޅު ދައްކަވާފައި ވެއެވެ.

ސަރުކާރުގައި ނަތީޖާ ނުނެރެވޭ މިނިސްޓަރުން މަގާމުން ވަކިކުރަން ޖެހޭ ކަމަށްވެސް އެމްޑީޕީގެ މަޖިލީސް މެންބަރުން ވިދާޅުވަމުން ގެންދަވަ އެވެ.

މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތްއިރު، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމުގެ އިންޒާރު އެމްޑީޕީގެ މެންބަރަކު މިހާރު ވަނީ ދެއްވާފަ އެވެ. ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ވަނީ، އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ވާހަކައިގެ އަޑު ގަދަވެފައިވަނިކޮށް ރިސޯޓްތަކުން ސާވިސް ޗާޖް ދެމުންދާ ގޮތާމެދު ހިތްހަމަޖެހޭ ކަމަށް ވިދާޅުވެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކައެއްގެ އަޑު މާގަދަވި އެވެ. އިސްލާމިކް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓްގެ ވާހަކައަށްވުރެ، މިނިސްޓަރު އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވާލާ އަޑު ގަދަވެއްޖެ އެވެ. އެކަމާ ގުޅިގެން ބައެއް ރިސޯޓްތަކުގައި ދިވެހި މުވައްޒިފުން މިނިސްޓަރާ ދެކޮޅަށް އިހްތިޖާޖު ވެސް ކޮށްފިއެވެ. އަދި ރިސޯޓްތަކުގައި މަސައްކަތް ކުރާ އެތައް މުވައްޒިފެއްގެ ނުރުހުން މިނިސްޓަރަށް އަމާޒުވެ، ހޫނު ފެނުގައި މިނިސްޓަރު ފިހިއްޖެވެސް މެއެވެ.

ނަމަވެސް ހަމަ އެހިނދުން މިނިސްޓަރު އަލީ ވަހީދުގެ ދިފާއުގައި ކޯލިޝަންގެ ލީޑަރުން ތެދުވެއްޖެ އެވެ. ފުރަތަމަ ވެސް އަލީ ވަހީދުގެ ދިފާއުގައި ވާހަކަދެއްކެވީ ރައީސް ނަޝީދެވެ. ނަޝީދު ވިދާޅުވި ގޮތުގައި އަލީ ވަހީދަކީ އެމްޑީޕީގެ ޗެއާޕާސަން ވެސް ކުރެއްވި ބޭފުޅެކެވެ. އެމްޑީޕީގެ ސިޔާސަތުތަކާއި ވިސްނުން އޭނާއަށް ވަރަށް ސާފުވާނެ އެވެ. އެހެންކަމުން މިނިސްޓަރަށް އިތުބާރު ކުރެއްވެ އެވެ.

"ޓޫރިޒަމް މިނިސްޓްރީއަށް ވަނީ ހެޔޮ ބަދަލު އަންނާން ފަށާފައި، މިނިމަން ވޭޖާއި ސާވިސް ޗާޖް މައްސަލަ ވެސް ހައްލު ކުރެވޭނެ، މިނިސްޓަރު އަލީ ވަހީދަށް އިތުބާރު ކުރަން،" ނަޝީދުގެ ވިދާޅުވި އެވެ.


އޭގެ ފަހުން ގާސިމް އިބްރާހިމް ވެސް ވަނީ އަލީ ވަހީދުގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފަ އެވެ. ގާސިމް ވިދާޅުވި ގޮތުގައި އަލީ ވަހީދަކީ ގާބިލް ހިންގުންތެރި ވަޒީރެކެވެ. ޓުއަރިޒަމް އިންޑަސްޓްރީއަށް ވިޔަސް، މުވައްޒަފުންނާބެހޭ ކަމެއް ވިޔަސް، އަލީ ވަހީދު އެކަމެއް ކުރައްވާނީ ގާނޫނީ ގޮތުން އެކަމެއް ކުރެވެން އޮތް ގޮތަކަށެވެ. އެކަން ގާސިމަށް ޔަގީންވެއެވެ.

އަލީ ވަހީދުގެ ދިފާއުގައި ބައެއް ލީޑަރުން ވާހަކަފުޅު ދެއްކެވިއިރު، މިނިސްޓަރު ޒާހިރުގެ ދިފާއުގައި އެއްޗެއް ވިދާޅުވާނެ ބޭފުޅަކު ނުވިއެވެ. އެކަމާއި ގުޅުވައި ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ވެސް އެބަ ދެކެވެ އެވެ. ބައެއް މީހުން ވ ބުނަނީ ވަޒީރުން ދިފާއު ކުރުމުގައި ޕާޓީތަކާއި، ލީޑަރުން ގެންގުޅޭ ސިޔާސަތަކީ ކޮބައި ހެއްޔެވެ؟ އެއީ ދެކޮޅު ދެގޮތް ސިޔާސަތެއް ހެއްޔެވެ؟

ޕީޕީއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި އެމްޑީޕީން ބޭނުން ވަނީ އިސްލާމިިކް މިނިސްޓަރު މަގާމުން ދުރުކުރާށެވެ. އަލީ ވަހީދު ދިފާއުކޮށް ވާހަކަ ދެއްކެވިއިރު، ޒާހިރުގެ ދިފާއުގައި ވާހަކަ ނުދެއްކުމަކީ އެކަމުގެ ހެއްކެކެވެ.

އޭނާ ދެކެ ވަޑައިގަންނަވާ ގޮތުގައި އެމްޑީޕީއަކީ އަދި ރައީސް ނަޝީދަކީ ވެސް އިސްލާމްދީނުގެ އުސޫލުތަކާއި ދުރު ބީރައްޓެހިންނެވެ. އެހެން ކަމުން މިހާރު ފެށިފައިވަނީ އަދާލަތު އެކަހެރި ކުރުމުގެ މަސައްކަތްތަކެވެ.

"ހަގީގަތަކީ ޒާހިރު މަގާމުން ދުރުކުރަން ރައީސް ނަޝީދު ވެސް ބޭނުންފުޅުވޭ. ސަރުކާރުގެ އެއްވެސް މަގާމެއްގައި ނަޝީދުގެ ސިޔާސަތަށް ނޫނެކޭ ބުނާ މީހަކަށް ނުހުރެވޭނެ. އެހެންވީމަ އިސްލާމިކް މިނިސްޓަރު މަގާމުން ދުރުކުރަން އެމްޑީޕީން ވެސް ނަޝީދު ވެސް ބޭނުންވޭ. އަދި އަދާލަތު ވެސް ސަރުކާރުން ބޭރުކުރަން ބޭނުންވޭ. އެ މަސައްކަތް މިދަނީ ފެށެމުން." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވާ ގޮތުން މަޖިލީސް ފެށޭއިރު މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނޭޅި ނަމަވެސް އެކަން ނުކުރާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އިސްލާމީ އުސޫލުތައް ހިފަހައްޓަވާ، ހަމައާއި އުސޫލަށް ތަބާވާ އެއްވެސް ބޭފުޅަކަށް އެމްޑީޕީގެ ސަރުކާރުން ޖާގައެއް ނުދޭނެ އެވެ.

"ނަޝީދު ނޫންތޯ މުޅި ދައުލަތް ރޯލް ކުރަނީ މަޖިލީހުން. އެހެންވީމަ އުސޫލުތައް ހިފަހައްޓާނަމަ އިންޕީޗް ކުރާނެ. ނަޝީދު ބޭނުންވާ ގޮތަށް ވަޒީރުން، ގައުމު ވެސް ހިނގަން މިޖެހެނީ."

ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި އިސްލާމިކް މިނިސްޓަރުގެ ދިފާއުގައި އެއްޗެއް ބުނާނެ މީހަކު އެމްޑީޕީގައި ނެތުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. އަދި އަމުދުން ރައީސް ނަޝީދު އެ މައްސަލާގެ ދިފާއުގައި ނުނުކުންނެވުމަކީ ސުވާލު އުފަންޖެހޭ ކަމެއް ވެސް ނޫނެވެ.

"ސަރުކާރުގެ ތެރޭގައި ބައިބައިވުން އޮތް ކަމީ މާކުރިން ވެސް ފެންނަން އޮތް ކަމެއް. އަނެއްކޮޅުން ތިޔަ ވިދާޅުވަނީ އިސްލާމިިކް މިނިސްޓަރުގެ ދިފާއުގައި ނަޝީދު ވާހަކަ ނުދެއްކެވި ވާހަކަ. އެއީ ހައިރާންވާން ޖެހޭ ކަމެއްތޯ؟ ދީނީ ކުލައިގެ އެއްވެސް ބޭފުޅެއްގެ ދިފާއުގައި އެ ބޭފުޅުން ވާހަކައެއް ނުދައްކަވާނެ." ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުގައި އިތުބާރު ނެތްކަމުގެ ވޯޓް ނަގަން ނުޖެހޭ އެއްވެސް މިނިސްޓަރެއް ނެތެވެ. މަގާމުގެ މަސްއޫލިއްޔަތު އުފުލާ، ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ޝައުގުވެރިކަމެއް ސަރުކާރުގެ ތެރެއިންވެސް އަދި ވަޒީރެއްގެ ކިބައިންވެސް ނުފެނެ އެވެ.

އެމްޑީޕީގެ ޕީޖީ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވި ގޮތުގައި އިސްލާމިކް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓް މަޖިލީހުގައި ނުނަގާނެ އެވެ. އަދި މިނިސްޓަރާމެދު ހިޔާލު ތަފާތުވާ ކޮންމެ ފަހަަރަކު އިތުބާރު ނެތްކަމުގެ ވޯޓް ނަގާނެ ކަމަށް ވިދާޅުވެ ޝޯޝަލް މީޑިއާގައި އެ ވާހަކަ ދެއްކުމަކީ ހަމަޖެހޭ ގޮތެއް ވެސް ނޫނެވެ.