ރިޕޯޓް

އުމްރާގައި އާއިޝް ދެއްކި ހިތްވަރު!

ދ. ކުޑަހުވަދުއަށް ނިސްބަތްވާ އާލިމް މުހައްމަދާއި އޭނާގެ އަންހެނުން އުމްރާއަކަށް ދާން މަސައްކަތް ފެށި އެވެ. ދެމަފިރިން ބޭނުންވީ އެ މީހުންގެ ނުވަ އަހަރުގެ ފިރިހެން ދަރިފުޅު އާއިޝް ވެސް ގޮވައިގެން ދާށެވެ. އެެހެން ނަމަވެސް އާއިޝް ގޮވައިގެން ގޮސް ދިއުމާ މެދު ދުވަސްގަނޑަކު ވިސްނާލަން ޖެހުނެވެ. ސަބަބަކީ އެއީ އޯޓިޒަމް ކުއްޖަކަށްވާތީ އެވެ. އަދި އޯޓިޒަމް ކުދިންނާމެދު ބައެއް މީހުން ދެކޭ ގޮތް ބަދަލު ނުވާތީ އެވެ.

"އަޅުގަނޑުމެން އަަބަދުވެސް ދިޔައީ މާތްވެގެންވާ މައްކާ އަދި މަދީނާއަށް އުމްރާއަކަށް ދިޔުމަށް ރާވަމުން، އެކަމަކު އާއިޝް އާއެކު އުމްރާގެ އަޅުކަން ކުރެވިދާނެ ކަމާމެދު އަބަދު ވެސް ދެވަނަ ވިސްނުމެއް އޮވޭ... [އެއީ] މުޖްތަމައުގެ މީހުން އަދިވެސް ދެކެނީ އޯޓިޒަމް ހުންނަ ކުދިންނަކީ އެހެން ކުދިންނާ ހިލާފަށް ހަލަނި އަދި ބޭނުންވާ ކަންތައްތަކަށް ގޮތް ދޫނުކުރާ ކުދިން ގޮތުގަ."

އެހެންވިޔަސް ބޭނުންވި ގޮތަށް ދެމެފަރިންގެ އުމްރާ ދަތުރު ފެށީ އާއިޝްއާއެކު އެވެ. މިހާރު އަޅުކަމުގެ އެ ދަތުރު ނިމިއްޖެ ވެސް މެއެވެ، އުމްރާ ނިންމާލި އިރު މަންމައާ ބައްޕަ އަދި އާއިޝް އުމްރާއަށް ގެންދާން އެހީތެރި ވެދިން "ގިބްލަ" ހައްޖު އެންޑް އުމްރާއިން ހީކުރި ގޮތާ ހިލާފަށް އާއިޝް ވަނީ އޭނާ ފަދަ ކުދިންނަށް ވެސް އުމްރާ ފަދަ އަޅުކަމުގައި މީހުނާއެކު ބައިވެރިވެ ފުރިހަމަ ކުރެވޭނެ ކަން ސާބިތުކޮށްދީފަ އެވެ.

އާއިޝްމެން އުމްރާކޮށް ނިންމާލީ މި ޗުއްޓީގެ ތެރޭގަ އެވެ. އޭގެ ކުރިން އެ މަތިވެރި އަޅުކަން އަދާ ކުރަން އާއިޝް ދިޔައީ ދުރާލާ ތައްޔާރު ވެގެނެވެ. އުމްރާގެ ދުއާތައް އާއިޝް ހިތުދަސްކުރި އެވެ. މަންމައާ ބައްޕައާއެކު އާއިޝް ވަނީ އުމްރާގެ މަތިވެރި އަޅުކަން ފުރިހަމަކޮށްފަ އެވެ.

އާއިޝްގެ މައިން ބަފައިން ބުނި ގޮތުގައި އުމްރާގެ އަޅުކަން ފެށުނީއްސުރެ އާއިޝްގެ އުޅުން ހުރީ ހަމަ އެހެން ވެސް އާދައިގެ ކުދިންނެކޭ އެއް ގޮތަށެވެ. އޯޓިޒަމް ހުންނަ ކުއްޖަހެން ފާހަގައެއް ނުކުރެވެ އެވެ. އަދި އެހެން އުމްރާވެރިންނެކޭ އެއްގޮތަށް ހުރިހާ އަޅުކަމުގައި ވެސް ސާބިތު ކަމާއެކު ބައިވެރިވި އެވެ. އަދި މައްކާ އާއި މަދީނާގައި އާއިޝް ދެއްކި ހިތްވަރާ ސާބިތު ކަމަށް އެންމެންގެ ތައުރީފު އޮތެވެ.

އާއިޝް އަކީ އޯޓިޒަމް ކުއްޖެއްކަން އެނގުނީ އާއިޝް ވަރަށް ކުޑައިރު އެވެ. އެހެންވެ އާއިޝްގެ ބައްޔަށް ފަރުވާ ކުރަނީ ސްރީލަންކާގައި ތިބެގެނެވެ. އުމްރާގެ ދަތުރު މަތީގައި ގުރުއާން ކިޔެވުމާއި ތަލްބިޔާ އާއި މަދަހަ އަޑުއެހުމުގައި މަސްއޫލުވި އެވެ. "ގިބްލަ" ހައްޖު އެންޑް އުމްރާ ގުރޫޕުން ވެސް އާއިޝް އަށް ފާހަގަކޮށް ތައުރީފްކޮށްފަ އެވެ. އޯޓިިޒަމް ހުންނަ ކުދިންގެ މައިންބަފައިން މިކަމުން ހިތްވަރު ހޯދަން އެ ޖަމާއަތުން އެދިފައި ވެއެވެ.