ހަބަރު

އާ ހޮސްޕިޓަލް ހުޅުވައި ރީޖަނަލް ހޮސްޕިޓަލް އުވާލަނީ

އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ އިކްއަޓޯރިއަލް ހޮސްޕިޓަލް ހުޅުވުމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ، ހިތަދޫ ހޮސްޕިޓަލްގެ މަސައްކަތްތަށް އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށް، މިހާރު ހިތަދޫގައި ހިންގާ ރީޖަނަލް ހޮސްޕިޓަލް އުވާލަން ސަރުކާރުން ނިންމާފައިވާާ ކަމަށެވެ.

ރީޖަނަލް ހޮސްޕިޓަލް އުވާލަން ނިންމި ނިންމުމަކީ އިދާރީގޮތުން އެޅި ފިޔަވަޅެކެވެ. ރީޖަނަލް ހޮސްޕިޓަލުން ހިދުމަތް ދޭ ކަމުގައިވާނަމަ އަންނަ އަހަރުގެ ބަޖެޓުން ރީޖަނަލް ހޮސްޕިޓަލަށް ފައިސާ ދޫކުރަން ޖެހޭނެ އެވެ. އެހެން ކަމުން އާ ހޮސްޕިޓަލް ހުޅުވުމުން ރީޖަނަލް ހޮސްޕިޓަލް އުވާލަން ސަރުކާރުން ނިންމީ އެވެ.

ސަރުކާރުގެ ޕްލޭނަކީ، އައްޑޫގައި ހަދާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް ވީހާ ވެސް އަވަހަކަށް ހުޅުވައި ފަރުވާ ދޭން ފެށުމެވެ. ރީޖަނަލް ހޮސްޕިޓަލް އުވާލަން ސަރުކާރުން ނިންމި ނަމަވެސް އުވާލާނެ ސީދާ ދުވަހެއް ސިޓީގައި ވިދާޅެއްނުވެ އެވެ. އަދި އިކުއަޓޯރިއަލް ހޮސްޕިޓަލް ހުޅުވާނެ ދުވަސް ސިޓީގައި ވިދާޅެއް ނުވެ އެވެ.

އިކުއަޓޯރިއަލް ހޮސްޕިޓަލްގައި އެމްއާރުއައި މެޝިން ފިޔަވައި ހުރިހާ މެޝިނެއް ވަނީ އިންސްޓޯލް ކޮށްފަ އެވެ. އިކުއަޓޯރިއަލް ހޮސްޕިޓަލްގައި މިހާރު ކުރަމުންދާ މަސައްކަތަކީ މެޝިންތަށް އިންސްޓޯލް ކުރުމުގެ ތެރެއިން ފާހަގަވި ކުދިކުދި ކަންތަށް ރަނގަޅު ކުރަމުން ދިޔުމެވެ.

އައްޑޫ ކޮންވެންޝަން ސެންޓަރު އިމާރާތުގައި ގާއިމުކުރި އާ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި، އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ އެލިއާ ކޮންސްޓްރަކްޝަނުން ހޮސްޕިޓަލް ސަރުކާރާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އެ މަސައްކަތް އެލިއާ އާ ހަވާލުކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

އައްޑޫ ކޮންވެންޝަން ސެންޓަރު 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިންމާފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މިވަގުތު 25 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި 11 މެޑިކަލް އޮފިސަރުންނާއި 73 ނަރުހުން ތިބިކަމަށް ހެލްތު މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

އަދި އާ ހޮސްޕިޓަލް ހުޅުވިނަމަވެސް ރީޖަނަލް ހޮސްޕިޓަލްގައި މީހުން އެޑްމިޓްކުރުމާއި އިމަޖެންސީއާއި ބައެއް އޮޕަރޭޝަންތަކާއި އަދި ވިއްސުން ފަދަ ހިދުމަތްތައް ދެމުންގެންދާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ މީގެކުރިން ބުނެފަ އެވެ.