ޑރ. މުހައްމަދު ޖަމީލް އަހުމަދު

އަހަރު ނިމުމާއެކު ޖަމީލުގެ ޝަކުވާތައް ސަރުކާރަށް އޮއްސާލައިފި

މިއީ މިހާތަނަށް ވުޖޫދުވި އެންމެ ނާގާބިލް ވެރިކަން ކަމަށާއި ސަރުކާރުން ވެފައިވާ ބޮޑެތި ވައުދުތައް ބިލާހަކަށް ވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވަރަށް ބޮޑަށް ސަރުކާރަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

އަހަރުގެ ފަހު ދުވަހު ސަރުކާރުގެ ސިޔާސަތުތަކާ ހިތްހަމަނުޖެހުން ފާޅު ކުރަމުން ޖަމީލު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އަހަރު ނިމުނުއިރު އިގްތިސާދުގައި އެއްވެސް ދިރުމެއް ނެތް ކަމަށާއި ވިޔާފަރިތައް ފުނޑިފައިވާ ކަމަށެވެ. އިގްތިސާދު ކުރިއަރުވަން އެތައް ވައުދެއްވީއިރު އާމްދަނީ އިތުރު ކުރާނެ ގޮތްތަކެއް ހޯދިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ މިހާތަނަށް ވުޖޫދުވި އެންމެ ނާގާބިލް ވެރިކަން. ކުޑަ ގައުމަކަށް ކުޅަދާނަ ނުވާ ވަރަށް ސިޔާސީ މަގާމްތައް އިތުރުކޮށްފި. ބަޖެޓަށް ވުރެ އެތައް ގުނައެއް އިތުރަށް ހަރަދު ކުރުމަކީ މައްސަލައެއް ކަމަކަށް ނުދެކޭ. ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް." ޖަމީލު ކުރެއްވި އެއް ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

ޖަމީލު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ކަންކަން އިސްލާހު ކުރުމުގެ ނަމުގައި އިތުރު ކޮމިޝަންތަކާއި ކޮމިޓީތައް އުފެއްދިޔަސް ހިދުމަތް ފެއިލް ވެފައިވާ ކަމަށެވެ. ހިދުމަތް ހޯދަން ރައްޔިތުން ފޮނުވާ "ސިޓީއަކަށް ޖަވާބު ނުލިބި" ތިބީ ދާއިމީ އިންތިޒާރެއްގައި ކަމަށާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެތައް ކޮމިޝަންތަކެއް، ކޮމިޓީތަކެއް އުފެއްދިޔަސް ހިދުމަތް ފެއިލްވެފައި. ހައްގުތައް ކަށަވަރުކޮށް ދޭން ވީ ވައުދު ވީ ބިލާހަކަށް. ހިޔާލު ފާޅުކޮށްފިނަމަ އަދިވެސް ވަޒީފާ ގެއްލޭ،" ޖަމީލު ޓްވީޓެއްގައި ލިޔުއްވާފައިވެ އެވެ.

މީގެ ކުރިން ވެސް އޮތް ގޮތަށް މިނިވަން ކޮމިޝަންތަކުގެ ވެރިން ސިޔާސީ އެކްޓިވިސްޓުންގެ ގޮތުގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ކަމަށާއި ޖުޑިޝަރީގައި ވެސް އެއްވެސް އިސްލާހު ކުރެވިފައި ނުވާ ކަމަށެވެ. މުއައްސަސާތަކުގައި ބަދަލުވި ހަމައެކަނި މަގާމުގައި ތިއްބެވި ފަރާތްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަދަލު ދިނުމުގެ ނަމުގައި މި ސަރުކާރުގައި ވެސް ކޮރަޕްޝަންގެ ދޮރު ހުޅުވާލާފައިވާ ކަމަށާއި ވެރިކަން ކުރާ ސިޔާސީ ޕާޓީގެ ކެމްޕޭންތައް ވެސް ގެންދަނީ ދައުލަތުގެ މުދަލުން ހޭދަކޮށްގެން ކަމަށެވެ. ބިޑަކާ ނުލައި އަދި ޓްރާންސްޕޭރެންސީއެއް ނެތި މަޝްރޫއުތައް ދިނުމަކީ މިހާރު މި އޮތް ސަރުކާރުގެ ވެސް ސިޔާސަތަކަށް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރު ތެރޭގައި ގޭންގް ހަދައިގެން ކޮރަޕްޝަން ހިންގާ ގްރޫޕެއް އެބަ އޮތް، ދައުލަތް ހިންގަނީ ކާކު ކަން އޮޅޭ ހިސާބަށް ކަންކަން ގޮސްފި،" ޖަމީލު ވިދާޅުވެފައިވެ އެވެ.

މި ސަރުކާރު ގެނައުމަށް އެންމެ ބުރަކޮށް އުޅުއްވި އެކަކަކީ ޖަމީލެވެ. ނަމަވެސް ސަރުކާރުގެ ވަރަށް ކުރީކޮޅު ސަރުކާރުގެ ސިޔާސަތުތަކަށް އޭނާ ފާޑުވިދާޅުވާން ފެއްޓެވި އެވެ. އެންމެ ފަހުން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ދެކޮޅަށް ނުކުންނަވާ އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާއެކު މަސައްކަތް ކުރައްވަން ފެއްޓެވި އެވެ.