ފުލުހުންގެ ސްޕެޝަލް ކޮންސްޓެބްލަރީ ނުވަތަ ރިޒާވް ފޯސްގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ފުލުހުން ބުނީ އެ ވަޒީފާއަށް ކުރިމަތިލާ މީހުނަކީ ގްރޭޑް 10 ނިންމާފައިވާ، 18 އަހަރާއި 30 ދެމެދުގެ މީހުނަށް ވާން ޖެހޭނެ ކަމަށެވެ. އެއީ ފިރިހެނެއް ނަމަ އިސްކޮޅުގައި ފަސްފޫޓު ތިން އިންޗި ހުންނަންޖެހޭނެ ކަމަށާއި އަންހެނެއް ނަމަ އިސްކޮޅު ފަސް ފޫޓަށްވުރެ ކުރުވެގެން ނުވާނެ ކަމަށެވެ.
އަދި ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަމާއި ޓެކުމާއި މަކަރާއި ހީލަތާއި މަސްތުވާތަކެތި ބޭނުންކުރުން ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ އެވެ. އަދި މަނާކޮށްފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ވެސް ވެގެން ނުވާނެ އެވެ.
އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކު ނަމަ ވަޒީފާ ލިބުމުން ޕާޓީ ދަފުތަރުން ކެނޑެން ޖެހެ އެވެ. މީގެ އިތުރުން ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ މީހަކަށް ވެސް ވާންޖެހޭއިރު ކުރިމަތިލާ މީހުންގެ ހަށިހެޔޮކަން ދެނެގަތުމަށް ދޭ ފިޒިކަލް ފިޓްނަސް ޓެސްޓާއި ފެތުމުގެ ޓެސްޓުން ފާސްވާން ޖެހެ އެވެ.
ރިޒާވް ފުލުހަށް ނަގާ މީހުން މަސައްކަތް ކުރަންޖެހޭނީ ފުލުހުން ކަނޑައަޅާ ތަނެއްގަ އެވެ.