ކުޅުދުއްފުށި

ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމަށް ރައީސް ކަނޑައަޅުއްވައިފި

މާދަމާއިން ފެށިގެން އުތުރުގެ ހދ. ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބިގެން ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެންމެ އިއުލާން ކުރައްވައިފި އެވެ. މި ނިންމެވުމާ އެކު ކުޅުދުއްފުށި ވެގެން ދާނީ ރާއްޖޭގެ ހަތަރު ވަނަ އަދި އުތުރުގެ ފުރަތަމަ ސިޓީއަށެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކައުންސިލަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެން ދަނީ އެ ކައުންސިލެއްގައި ހިމެނޭ ރަށެއް ނުވަތަ ރަށްތަކެއްގައި ދިރިއުޅޭ އާބާދީ 10،000 އަށް އެރުމުންނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުގައި ކުޅުދުއްފުށީގެ އާބާދީ ވަނީ 10،000 އަށް އަރައިފަ އެވެ.

އެކަމަކު ގާނޫނުގައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ލިބޭނީ ރައީސުލްޖުމްހޫރިއްޔާ އެ ކަން އިއުލާން ކުރެއްވުމުންނެވެ. އެހެންކަމުން ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމަށް ރައީސް އިއުލާން ކުރައްވާފައި ނުވުމުން މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ނިންމީ އަންނަ އަހަރު އޭޕްރީލް މަހު ބާއްވާ ކައުންސިލް އިންތިހާބުގައި އެ ރަށަށް ރަށު ކައުންސިލެއް އިންތިހާބު ކުރުމަށެވެ. އެކަމާ ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރި އެވެ.

ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަންނަ އަހަރުން ފެށިގެން ކުޅުދުއްފުއްޓަކީ ލާމަރުކަޒީ ގާނޫނުގައި އޮންނަ އުސޫލުގެ މަތިން ސިޓީއެއް ކަމަށް ކަނޑައަޅަން އެމަނިކުފާނު މިއަދު ނިންމަވާފައިވާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން 10،000 އާއި 30،000 އާ ދެމެދުގެ އާބާދީގެ ސިޓީ ކައުންސިލްތަކަށް އިންތިހާބު ކުރާނީ ހަތް ކައުންސިލަރުންނެވެ. އެއީ މުޅި ސިޓީގެ ރައްޔިތުން އިިންތިހާބު ކުރާ ސިޓީގެ މޭޔަރާއި ވަކިވަކި ހަ ދާއިރާއަކުން އިންތިހާބު ކުރާ ހަ ކައުންސިލް މެންބަރުންނެވެ.

އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ކުޅުދުއްފުށި ސިޓީގައި އިންތިހާބު ކުރާ ހަ ދާއިރާ ކަނޑައަޅައި އިއުލާން ކުރަން ޖެހޭނެ އެވެ. މިހާރު ވެސް އީސީން ވަނީ ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގެ އިތުރުން މާލެ ސިޓީގައި އިންތިހާބު ކުރާ ދާއިރާތައް ކަނޑައަޅައިފަ އެވެ. ކުޅުދުއްފުއްޓާއެކު އަންނަ އިންތިހާބުގައި ހަތަރު ސިޓީ ކައުންސިލެއް އިންތިހާބު ކުރާނެ އެވެ.