ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެމްޑީޕީއަށް ކައުންސިލްތައް ނުލިބިއްޖެ ނަމަ ވައުދު ފުއްދަން ހުރަސްތައް ކުރިމަތިވާނެ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކައުންސިލްތަކުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ނުލިބިއްޖެނަމަ، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަން ހުރަސްތައް ކުރިމަތިވާނެ ކަމަށް އެ ޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހދ. ކުޅުދުއްފުށި ސިޓީގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ދައުރަކީ ސަރުކާރުގެ ވައުދުތައް ތަންފީޒު ކުރެވޭނީ އެ ވައުދުތައް ގަބޫލު ކުރާ އަދި އެ ކަމުގެ ވިސްނުން ހުރި ފަރާތްތަކަށް ކަމަށެވެ. އަދި އެ ވައުދުތައް ފުއްދޭނީ އެމްޑީޕީއަށް ކަމަށާއި އެ ޕާޓީއަށް ކައުންސިލް އިންތިހާބު ބޮޑުތަނުން ނުލިބިއްޖެ ނަމަ ވައުދުތައް ފުއްދަން ހުރަސްތައް ކުރިމަތިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުވީ ވައުދުތައް، ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީ ކުރުމަށް ވީ ވަައުދުތައް، ފުއްދޭނީ މި ކަން ދަންނަ ބަޔަކަށް. އަޅުގަނޑު ދަންނަ ގޮތުގައި މިކަން ދަންނަ ބަޔަކަށް ތިބީ އެމްޑީޕީ، އެހެންކަމުން ކައުންސިލްތަކުގެ އިންތިހާބު ބޮޑުތަނުން އެބަޖެހޭ އެމްޑީޕީއަށް ކާމިޔާބުވާން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިސް އެބައޮތް ކަމަށާއި މަޖިލީހުން އެ މަސައްކަތް ވަރަށް ރަނގަޅަށް ކުރާ ކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކަށް ކައުންސިލް އިންތިހާބު ދޭން އެ ބުނާ ސަބަބެއް އެނގިވަަޑައި ނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓުން 42 މިލިއަން ރުފިޔާ ކައުންސިލްތަކަށް ކަނޑައަޅާފައިވާއިރު ފައިސާ އާއި ބާރުވެރިކަން ކައުންސިިލްތަކާ ހަވާލު ކުރަނީ ޒިންމާދާރުކަމާއެކު އެކަން ކުރުމަށްޓަކައި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ޒިންމާދާރުކަމާއެކު އެ މަސައްކަތް ކުރެވޭނީ އެމްޑީޕީއަށް ކަމަށް ރައީސް ވިދާޅުވި އެވެ.