ވިޔަފާރި

ފުރަތަމަ 11 މަހު އެކްސްޕޯޓް މަތި، އިމްޕޯޓް ދަށް

Dec 31, 2019

މިއަހަރުގެ ފުރަތަމަ 11 މަސް ދުވަހުގެ ތެރޭގައި ރާއްޖޭން މުދާ އެކްސްޕޯޓް ކުރި މިންވަރު މަތިވެފައިވާކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އާންމުކުރި އިގްތިސޯދީ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނޮވެމްބަރުގެ މަހުގެ ނިޔަލަށް މުދާ އެކްސްޕޯޓް ކުރި މިންވަރު ހަތް ޕަސަންޓް ވަނީ އިތުރުވެފަ އެވެ. އަދި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، މުދާ އިމްޕޯޓް ކުރި ނިސްބަތް ތިން ޕަސަންޓް ދަށްވެފައިވާކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.

ނަމަވެސް، މިދިޔަ މަހު އެކްސްޕޯޓް ކުރި މިންވަރު ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައިވާކަމަށް ހިސާބުތަކުން ދައްކަ އެވެ. މިގޮތުން، މިއަހަރުގެ ނޮވެމްބަރު މަހު އެކްސްޕޯޓް 27 ޕަސަންޓް ދަށްވެފައިވާއިރު، މުދާ އެތެރެކުރި ނިސްބަތް ތިން ޕަސަންޓް އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި، މިދިޔަ މަހު އެކްސްޕޯޓް އެހާ ބޮޑުތަނުން ދަށަށް ގޮސްފައިވަނީ ފިނިކުރި ކަޅުބިލަމަހުގެ އިތުރުން ކަންނެލި މަސް ބޭރުކޮށްގެން ލިބުނު އާމްދަނީ ދަށްވެފައިވާތީ ކަމަށެވެ.

އޭގެ އިތުރުން ދަޅު މަހުގެ ބާވަތްތަކުން ލިބުނު އާމްދަނީވެސް މިދިޔަ މަހު ދަށަށް ގޮސްފައިވާކަމަށް އެމްއެމްއޭ އިން އިތުރަށް ބުނެފައިވެ އެވެ.

މިދިޔަ ނޮވެމްބަރު މަހު އިމްޕޯޓް އިތުރުވެފައިވަނީ ޓްރާންސްޕޯޓަށް ބޭނުންވާ އާލަތްތަކާއި ސަމާނުގެ އިތުރުން ކަރަންޓުގެ އެކި ސާމާނުތައް އެތެރެކުރި މިންވަރު ވަރަށް އިތުރުވެފައިވާތީކަމަށްވެސް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުގައި ބުންޏެވެ.