އެމްއެމްއޭ

ރާއްޖޭގެ ރަސްމީ ރިޒާވް 752 މިލިއަން ޑޮލަރަށް: އެމްއެމްއޭ

މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް 752 މިލިއަން ޔޫއެސް ޑޮލަރަށް އަރާފައިވާ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ މިއީ ކުރިން ލަފާކުރި އަދަދަށްވުރެ އިތުރު އަދަދެއް ކަމަށެވެ.

2020 ވަނަ އަހަރުގެ ބަޖެޓްގައި 2019 ވަނަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒްވް ހުންނާނެ ކަމަށް ލަފާކުރި އަދަދަކީ 635 މިލިއަން ޔޫއެސް ޑޮލަރެވެ. އެހެންކަމުން މިއީ ކުރިން ލަފާކުރި އަދަދަށްވުރެ 117 މިލިއަން ޔޫއެސް ޑޮލަރު އިތުރު އަދަދެކެވެ. ގްރޮސް ރިޒާވް ރަނގަޅުވެފައިވާ މައިގަނޑު އެއް ސަބަބަކީ ފަތުރުވެރިކަމުން ލިބުނު އާމްދަނީ އިތުރުވެ އިގްތިސާދީ ދުވެއްޔަށް ލިބުނު ކުރިއެރުމާއި ގުޅިގެންނެވެ.

2020 ވަނަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވް ހުންނާނެ ކަމަށް މިހާރު ލަފާކުރެވިފައި ވަނީ 863 މިލިއަން ޔޫއެސް ޑޮލަރުގައެވެ.

އަންނަ އަހަރުގެ ރަސްމީ ރިޒާވް އިތުރުވާނެ ކަމަށް ބެލެވޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތާއި އިމާރަތްކުރުމުގެ ސިނާއަތް ކުރިއެރުން ހިމެނެއެވެ.

2020 ވަނަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުން ހުންނާނެކަމަށް ލަފާކުރެވޭ މިންވަރަކީ %9.6 އެވެ. މިކަމުގެ ސަބަބެއްކަމުގައި ބެލެވެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ހުޅުވިގެންދިޔުމާއި، އަލަށް ހުޅުވޭނެކަމަށް ބެލެވޭ ރިސޯޓްތަކުން ފަތުރުވެރިކަމުގެ ސިނާއަތައް ލިބޭނެ ކުރިއެރުމެވެ.

އަންނަ އަހަރު ބެލެވެނީ ރާއްޖޭގެ އިގްތިސާދަށް ފަހި އަހަރެއްގެ ގޮތުގައެވެ.