އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު މީރާއިން މިއަދު ގެޒެޓުކޮށްފި އެވެ.
މީރާއިން ބުނީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ މި ގަވާއިދުގައި، ގާނޫނުގައި ބަޔާންކޮށްފައިވާ އެކިއެކި ކަންކަމުގައި އަމަލުކުރާނެގޮތް ކަނޑައެޅިފައިވާ ކަމަށާ އޭގެ ތެރޭގައި، އާމްދަނީން ނެގޭ ޓެކުހަށް ޓެކްސް ދައްކާ ފަރާތްތައް ރަޖިސްޓަރީ ކުރުމާއި ޓެކްސް ބަޔާން ހުށަހެޅުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ހިމެނޭ ކަމަށެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން މިހާރު މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އަލުން މީރާގައި ރަޖިސްޓަރީ ކުރާކަށް ނުޖެހޭނެއެވެ. އަދި އެ ފަރާތްތައް އައު ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމުގެ ކަންތައްތައް މީރާއިން ކުރިއަށް ގެންދާނެކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން، މުވައްޒަފުންގެ އުޖޫރައިން ނެގޭ ވިތުހޯލްޑިން ޓެކްސް ދައްކަންޖެހޭ ފަރާތްތައް މީރާގައި ރަޖިސްޓަރީކުރުމަކީ ވަޒީފާ ދޭ ފަރާތުގެ ޒިންމާއެކެވެ. މިގޮތުން، ވަޒީފާ އަދާކުރާ ފަރާތްތައް ޓެކުހަށް ރަޖިސްޓަރީ ކުރަންޖެހޭނީ އުޖޫރައިގެ ގޮތުގައި 12 މަސްދުވަހުގެ މުއްދަތެއްގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް، ވިތުހޯލްޑިން ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ގޮތުގައި 60,000 ހާސް ރުފިޔާ ލިބޭނަމަ، ނުވަތަ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭނަމައެވެ. އަދި ވަޒީފާ ދޭ ފަރާތަކުން އުޖޫރަ ދޭ އެއްވެސް މުވައްޒަފަކު މީރާގައި ރަޖިސްޓަރީކުރުމަށް ލާޒިމުވެއްޖެނަމަ، އެ ފަރާތަކުން އުޖޫރަ ދޭ ހުރިހައި މުވައްޒަފުން މީރާގައި ރަޖިސްޓަރީކުރުން ލާޒިމުވާނެއެވެ.
ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރަންޖެހޭ އެންމެހައި ފަރާތްތައް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު ދަށުން ރަޖިސްޓަރީކުރަން ޖެހެއެވެ.
މީގެ އިތުރުން، އުޖޫރަނޫން ގޮތަކަށް އާމްދަނީ ހޯދާ ފަރުދުންނާއި، ޑީމްޑް ޕާޓްނާޝިޕްތަކުން އާމްދަނީން ނަގާ ޓެކުހަށް ރަޖިސްޓަރީ ކުރަން ޖެހެނީ، އެ ފަރާތުން ވިޔަފާރި ހަރަކާތެއް ހިންގުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދައެއް ނުވަތަ ލައިސަންސެއް ދޫކޮށްފައިވާނަމަ، ނުވަތަ އެ ފަރާތުން އުޖޫރަދޭ މުވައްޒަފެއްގެ އުޖޫރައިން ވިތުހޯލްޑިން ޓެކްސް އުނިކުރަންޖެހޭ އެކެއް ނުވަތަ އެއަށްވުރެ ގިނަ މުވައްޒަފުން ތިބޭނަމަ ނުވަތަ، 12 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ ފަރާތުން ހިންގާ ހުރިހައި ވިޔަފާރި ހަރަކާތެއްގެ ޖުމްލަ އާމްދަނީގެ ގޮތުގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް 40,000 ހާސް ރުފިޔާއަށްވުރެ އިތުރަށް ލިބޭނަމައެވެ. އަދި، އެއް ފަރާތަށްވުރެ ގިނަ ފަރާތުން އުޖޫރައިގެ ގޮތުގައި މަހަކު 40,000 ރުފިޔާއަށްވުރެ އިތުރަށް ލިބޭ ފަރުދުންވެސް އާމްދަނީން ނަގާ ޓެކުހަށް ރަޖިސްޓަރީ ކުރަން ހުށަހަޅަން ޖެހެއެވެ.
އާމްދަނީން ނަގާ ޓެކުހަށް ރަޖިސްޓަރީ ކުރަންޖެހޭ ފަރާތްތަކުން މީރާގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅަންވާނީ، "އާމްދަނީން ނަގާ ޓެކުހަށް ރަޖިސްޓަރީކުރުން" މިނަމުގައި ތައްުޔާރުކޮށްފައިވާ ފޯމުންނެވެ. މި ފޯމް ހުށަހަޅަން ޖެހޭނީ ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާ އެކުގައިކަމަށް މީރާއިން ބުނެއެވެ. ނަމަވެސް، އުޖޫރަ ލިބޭ މުވައްޒަފުން ރަޖިސްޓަރީކުރުމަށް އުޖޫރަ ދޭ ފަރާތްތަކުން ހުށަހަޅަންވާނީ، "އުޖޫރަ ލިބޭ މީހާ ރަޖިސްޓަރީކުރުން" ފޯމުކަމަށް މީރާއިން ބުނެއެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާނީ އެކެއް ޖަނަވަރީ 2020 އިން ފެށިގެންނެވެ. އަދި، މި ގާނޫނުގެ ދަށުން، އެކެއް އެޕްރީލް 2020 އިން ފެށިގެން މުވައްޒަފުންގެ އުޖޫރައިން ޓެކްސް ނަގަން ފަށާނެއެވެ. އަދި، މި ޤާނޫނުގެ ދަށުން އެކެއް ޖަނަވަރީ 2020 އިން ފެށިގެން ޓެކްސް ނަގަން ފެށުމާއެކު ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ނެގެމުން އައި ރެމިޓެންސް ޓެކްސް އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ ދަށުން ނެގޭ ލޭންޑް ސޭލްސް ޓެކްސް އެއްކޮށް އުވިގެންދާނެއެވެ.