ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ރައްޔިތުންގެ އިތުބާރު ހޯދާ، މުޖްތަމައުގައި އިންސާފު ގާއިމުކޮށްދެއްވާނެ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޝަމީމް މިހެން ވިދާޅުވީ 13 އަހަރުގެ ކުއްޖަކު ވިހެއި މައްސަލައިގައި، އެކުއްޖާގެ ބެލެނިވެރިންގެ މައްޗަށް ދައުވާ އުފުލާފައިވާކަން ހާމަކޮށް ޕީޖީ އޮފީހުން ކޮށްފައިވާ ޓްވީޓެއް ރިޓްވީޓް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. 13 އަަހަރުގެ ކުއްޖާގެ ބެލެނިވެރިންގެ ތެރެއިން އެކެއްގެ މައްޗަށް ހަތަރު ދައުވާ، އަނެކެއްގެ މައްޗަށް އެއް ދައުވާ އުފުލާ، ކުރިމިނަލް ކޯޓަށް މިއަދު ވަނީ ހުށަހަޅާފައެވެ.
ޕީޖީ ވިދާޅުވީ އަމަންއަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، އަދުލް އިންސާފު ގާއިމްކޮށްދޭނެ ކަމަށެވެ.
"މަޑުމަޑުން, އިތުބާރު ހޯދައި، އިރާދަކުރެއްވިއްޔާ އަމާންކަމާއި ރައްކާތެރިކަމާއި، އަދުލު އިންސާފު ކަށަވަރު ކޮށްދޭނަން." ޝަމީމް ވިދާޅުވިއެވެ.
ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅެ، ކުދިންނަށް ވެކްސިން ނުދިނުމާއި ސްކޫލަށް ނުފޮނުވައި އިހުމާލުވަމުންދާ ކަމަށް ބުނެ އުމުރުން 13 އަހަރުގެ އެ އަންހެން ކުއްޖާގެ މައިންބަފައިން ފުލުހުން ހައްޔަރުކުރީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
މި މައްސަލަ އާ ގުޅިގެން އެ އާއިލާގައި ހިމެނޭ ހަ ކުދިން ވަނީ، ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ދައުލަތަށް ނަގައިފަ އެވެ. ކައިވެނީގެ ނަމުގައި އެ އަންހެން ކުއްޖާއާ އިން ފިރިހެން މީހާ އޭނާއާއެކު ގުޅުން ހިންގައި އޭނާގެ ދަރިއަކަށް އެ ކުއްޖާ ބަލިވެ ބައިންދާ، އެކުއްޖާ ދާދި ފަހުން ވަނީ ވިހައިފަ އެވެ.
އެ މައްސަލާގައި އެ އަންހެން ކުއްޖާއާ ކައިވެނީގެ ނަމުގައި ނަހަމަ ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ ރ. މަޑުއްވަރީ އިސްމާއިލް ހައްމާދު ވެސް ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ހައްޔަރުކޮށްފަ އެވެ. ކުޑަ ކުއްޖަކާ އެކު ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހައްމާދުގެ މައްޗަށް ދައުވާކޮށް އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ އެވެ. މި ދައުވާ ސާބިތުވެއްޖެނަމަ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.