ޝިދާތާ ޝަރީފު

އެމްބަސީ ކާރު ބޭނުމެއް ނުކުރަން: ޝިދާތާ

މެލޭޝިއާ އެމްބަސީގެ ކާރު ބޭނުންކޮށްފައި ނުވާނެ ކަމަށާ އެ ކާރު ފެނިވަޑައި ނުގަންނަވާ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝިދާތާ މިހެން ވިދާޅުވީ މިނިސްޓަރުގެ އަމިއްލަ ބޭނުމަކަށް މެލޭޝިއާ އެމްބަސީގެ ކާރު ބޭނުން ކުރައްވާފައިވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެ މައްސަލަ އޭސީސީއަށް ހުށައެެޅުމާއި ގުޅިގެނެވެ. އޭސީސީން ވެސް ވަނީ އެ ކޮމިޝަނަށް އެފަދަ މައްސަލައެއް ހުށައަޅާފައިވާކަން ޔަގީންކޮށްދީފަ އެވެ.

އެ ތުހުމަތު ދޮގު ކުރައްވާ ޝިދާތާ ވިދާޅުވީ މެލޭޝިއާ އެމްބަސީގެ ކާރު ބޭނުންކޮށްފައި ނުވާނެ ކަމަށާ އެ ކާރު ފެނިވަޑައި ވެސް ނުގަންނަވާ ކަމަށެވެ. އަދި އެކަން ކަމާބެހޭ ފަރާތްތަކުން ބެއްލެވުމުން ސާބިތުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވައުދުވީ ހިޔާލުފާޅުކުރުމާއި، މީޑިއާގެ މިނިވަންކަން ހޯދައިދޭން. ސަރުކާރުގެ ވަޒީރަކާމެދު ވެސް ކުރެވޭ ތުހުމަތެއް އޮތްކަމުގައިވާނަމަ، އެ ފަދަ މައްސަލަތައް ކަމާބެހޭ މުއައްސަސާތަކަށް ހުށައަޅައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު ހުޅުވިފައި އޮތްކަން މިއަދު މިދަނީ ފެންނަމުން." ޝިދާތާ ވިދާޅުވިއެވެ.

މިނިސްޓަރު ޝިދާތާ މިހާރުވެސް ހުންނެވީ މެލޭޝިޔާގަ އެވެ.