ކުޅުދުއްފުށި

އެމްއާރުއެމްގެ މަރުހަބާ ކުޅުދުއްފުށީ ރައްޔިތުންނަށް!

ކުޅުދުއްފުށި ސިޓީއެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމަކީ އަތޮޅުތަކާއި ރަށްރަށް ހިންގުމުގައި ލިބެންޖެހޭ ބާރުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކައުންސިލްތަކާއި ރައްޔިތުންނަށް ހޯދައިދިނުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގައި އެޅުނު އިތުރު ފިޔަވަޅެއް ކަމަށް މޯލްޑިވްސް ރިފޯމް މޫވަމަންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.

އެ ޕާޓީން މިހެން ބުނެފައިވަނީ މިރޭ ނެރުނު ބަޔާނެއްގައެވެ.

އެމްއާރުއެމުން ބުނީ ކުޅުދުއްފުށި ސިޓީއެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމަކީ ރާއްޖޭގެ އެންމެ ބޮޑު ރައުސްމާލަކީ ރާއްޖޭގެ ރައްޔިތުން ކަމުން، ރާއްޖޭގެ ބިންތަކާއި ކަނޑުތަކާއި އެތަންތަނާއި ގުޅިފައިވާ އެންމެހައި ގުދުރަތީ ވަސީލަތްތަކުގެ ހަގީގީ މުއްސަދިކަން އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ލިބިދީގެން ރައްޔިތުންނަށް ތަނަވަސްކަމާއި ތިޔާގިކަން ގެނެސްދިނުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމުގެ ޔަގީންކަންވެސް ލިބިގެން ދިޔަކަމެއް ކަމަށެވެ.

އެހެންކަމުން، ގައުމާއި ރައްޔިތުންގެ ހައްގުގައި ތަރައްގީ ގާއިމު ކުރުމުގެ ގޮތުން ކުޅުދުފުށި ސިޓީއެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމާއި ގުޅިގެން، ލާމަރުކަޒީ ގާނޫނުން ސިޓީއަކަށް ލިބިދޭންޖެހޭ އެންމެހާ ހިދުމަތްތަށް ވީ އެންމެ އަވަހަކަށް އެ އަތޮޅުގެ ރައްޔިތުންނަށް ލިބިގެން ދިއުމަކީ އުއްމީދު ކަމަށް އެމްއާރުއެމުން ބުނެއެވެ. އަދި ގައުމާއި ރައްޔިތުންގެ ހައްގުގައި ހާސިލުކުރަން ޖެހޭ ތަރައްގީގެ ލަނޑު ދަނޑިތައް ހާސިލުކުރުމަށްޓަކައި ސަރުކާރާއި އެކު އެމްއާރްއެމް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދޭން ކަމަށެވެ.

މާދަމާއިން ފެށިގެން އުތުރުގެ ހދ. ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބިގެން ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ އިއުލާން ކުރައްވާފައެވެ. މި ނިންމެވުމާ އެކު ކުޅުދުއްފުށި ވެގެން ދާނީ ރާއްޖޭގެ ހަތަރު ވަނަ އަދި އުތުރުގެ ފުރަތަމަ ސިޓީއަށެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކައުންސިލަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެން ދަނީ އެ ކައުންސިލެއްގައި ހިމެނޭ ރަށެއް ނުވަތަ ރަށްތަކެއްގައި ދިރިއުޅޭ އާބާދީ 10،000 އަށް އެރުމުންނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުގައި ކުޅުދުއްފުށީގެ އާބާދީ ވަނީ 10،000 އަށް އަރައިފަ އެވެ.

އެކަމަކު ގާނޫނުގައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ލިބޭނީ ރައީސުލްޖުމްހޫރިއްޔާ އެކަން އިއުލާން ކުރެއްވުމުންނެވެ. އެހެންކަމުން ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމަށް ރައީސް އިއުލާން ކުރައްވާފައި ނުވުމުން މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ނިންމީ އަންނަ އަހަރު އޭޕްރީލް މަހު ބާއްވާ ކައުންސިލް އިންތިހާބުގައި އެ ރަށަށް ރަށު ކައުންސިލެއް އިންތިހާބު ކުރުމަށެވެ. އެކަމާ ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރި އެވެ.