ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. ކުޅުދުއްފުށި ސިޓީގެ ކައުންސިލަށް އިންތިހާބުކުރާ ހަ ދާއިރާގެ ގޮނޑީގެ ތެރެއިން ދެ ދާއިރާގެ ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަށް ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަދި އިސްތަރުޖަމާން އަހުމަދު އަކްރަމް މިރޭ ވިދާޅުވީ ކުޅުދުއްފުށި ސިޓީ ކައުންސިލަށް ހަތް މެންބަރުން އިންތިހާބުކުރާނެ ކަމަށެވެ. އެއީ މޭޔަރާއެކު ހަ ކައުންސިލަރުންނެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހަ ދާއިރާގެ ތެރެއިން ދެ ދާއިރާ ހާއްސަ ކުރަނީ އަންހެނުންނަށް ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން 10،000 އާއި 30،000 އާ ދެމެދުގެ އާބާދީގެ ސިޓީ ކައުންސިލްތަކަށް އިންތިހާބު ކުރާނީ ހަތް ކައުންސިލަރުންނެވެ. ކުޅުދުއްފުށީގެ އާބާދީއަކީ މިހާރު ގާތްގަނޑަކަށް 10،000 އެވެ. ގާނޫނުގައިވާ ގޮތުން ސިޓީގެ ދަރަޖަ ލިބެނީ މަދުވެގެން އެ ކައުންސިލެއްގައި ހިމެނޭ ރަށެއް ނުވަތަ ރަށްތަކެއްގެ އާބާދީގައި 10،000 ހަމަވުމުންނެވެ. ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދޭން ރައީސް ނިންމެވީ މިއަދުއެވެ.
ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމަށް ކަނޑައެޅުމާއެކު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީ ކައުންސިލެއް އިންތިހާބު ކުރާނެ އެވެ.
ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގެ އިތުރުން މާލެ ސިޓީގައި އިންތިހާބު ކުރާ ދާއިރާތައް އީސީން މިހާރު ވަނީ ކަނޑައަޅާފަ އެވެ.