ސާވިސް ޗާޖާ ބެހޭ މައުލޫމާތު ހާމަކޮށްގެން ހދ. ހޮނޑާފުށި ރިސޯޓުގެ ވަޒީފާއިން ވަކި ކުރި އަހްމަދު ޝިމްހާޒްއަށް ތިން މަހުގެ މުސާރަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މުސާރައިން ދޭން ނިންމައިފި އެވެ.
ކުރީގެ މަޖިލިސް މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ހަމްޒާ އާއި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ދެބެންގެ މަސްލަހަތު އޮންނަ ހދ. ހޮނޑާފުށި ރިސޯޓުން މުއވައްޒަފުންނަށް ދެނީ 11 ޑޮލަރު ކަމަށް ބުނާ ވާހަކަ ސޯޝަލް މީޑިއާގައި އާންމު ކުރި ކަމަށް ބުނެ ސެކިއުރިޓީގެ ވަޒީފާ އިން ވަކިކޮށް ޝިމްހާޒް ރަށުން ބޭރު ކުރީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގަ އެވެ. އަދި އެ މައްސަލާގައި ސަރުކާރަށާއި ރިސޯޓަށް ވަރަށް ބޮޑަށް ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.
އެކަމާ ގުޅޭ ގޮތުން އަލީ ވަހީދުއާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ބަޖެޓުން ޝިމްހާޒްއަށް މުސާރަ ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއަށް ރައްދު ދެއްވާ އަލީ ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ ބަޖެޓަކުން މުސާރައެއް ނުދެވޭނެ ކަމަށާއި ޝިމްހާޒްއަށް އެހީވާން އަމިއްލަ މުސާރައިން ކަމަށެވެ.
އަލީ ވަހީދު ޝިމްހާޒްއަށް މުސާރައަށްވީ ފައިސާ ދޭން ނިންމާފައިވާއިރު ސާވިސް ޗާޖުގެ މައްސަލާގައި އަލީ ވަހީދު ވެސް އޮތީ ހޫނުފެނުގަ އެވެ. އެއީ ބޮޑެތި ރިސޯޓުތަކުން ސާވިސް ޗާޖު ދޭ މިންވަރު ރަނގަޅު ކަމަށް އަލީ ވަހީދު ވިދާޅުވުމުންނެވެ.