ލައިފްސްޓައިލް

އާއިލާއެއް ރޫޅިގެން ދިއުމުގެ ކުރިން: ވިސްނާލުން މުހިންމު

Aug 28, 2015

ވެރިރަށް މާލެ ކަހަލަ ތަނެއްގައި ބޮޑު ކުއްޔެއް ދައްކައިގެން ކުރަން ޖެހޭ ހަރަދުތައް ކިރިޔާވެސް ދެކޮޅު ޖެހެނީ ދެމަފިރިން "ބުރާންތި" ވާ ވަރަށް މަސައްކަތް ކޮށްގެންނެވެ.

މިޒަމާނުގައި ވަޒީފާތަކަށް ދާ ގިނަ މީހުންނަކީ ވަކި ހާއްސަ ދާއިރާއެއް ނުވަތަ ޕްރޮފެޝަންއެއްގައި އުޅޭ މީހުނަށް ވުމުން ވަޒީފާގައި އުޅޭ ވަގުތު އަމިއްލަ ދިރިއުޅުމަށް ހުސްކުރާ ވަގުތައް ވުރެން ގިނަވެ އެވެ. ކުރިންވެސް ބުނިހެން ހަރަދު ބޮޑު މާލޭގައި ދިރިއުޅެން ޖެހިފައިވާއިރު އޮތްދާ ހިއްލައިގެން ބުރަ މަސައްކަތުން ހޯދާ ފައިސާ ކޮޅުން ވެސް ގިނަ ފަހަރު އޮންނަނީ ދެކޮޅު ނުޖެހިފަ އެވެ.

މާލެ ފަދަ ހުރިހާ ކަމަކަށް ބޮޑު ހަރަދުތަކެއް ކުރަން ޖެހޭ ތަނެއްގައި ކިރިޔާވެސް ހަމަޖެހިގެން އުޅެވެނީ ދެމަރިންނަށް ލާރި ލިިބިގެންނެވެ. އެކުގައި ހޭދަކުރާ ވަގުތަށްވުރެން ބުރަ މަސައްކަތްކޮށްގެން ލާރި ހޯދަން އުޅޭ ވަގުތު ގިނަވެ، އެކަމުގެ ސަބަބުން ދެން ނިކުން ނަތީޖާ މާ ފޮންޏެއް ނޫނެވެ.

މި ސަބަބުތަކާއި ހުރެ އަމިއްލަ ދިރިއުޅުމުގެ އުފާތަކަށް ވުރެން އިސްކަން ދެވިފައި އޮންނަނީ ގުދާރު ބިންދައިގެން ލާރި ހޯދުމެވެ. ދެމަރިންގެ ހަޔާތް އުފާވެރި ކުރުމަށް ކަމަށް ބުނެ އެވެ. ލޮލުގެ ނޫރު ކަމުގައިވާ ލޯބިވާ ދަރިން ބޭނުންވާހާ ހުރިހާ އެއްޗެއް ހޯދައިދެވެން އޮންނަނީ ގިނައިރު މަސައްކަތް ކޮށްގެން ގިނައިން ލާރީ ހޯދުމުންނެވެ.

ދުވާލެއްގެ ސައްވީސް ގަޑިއިރު ތެރެއިން ލޯބިވާ އާއިލާއާ އެކު ހޭދަކޮށްލަނީ ކިތައް ގަޑިއިރު ހެއްޔެވެ؟ ބިދޭސީއެއްގެ އަތްމައްޗަށް ނުވަތަ އާއިލާގެ ކޮންމެވެސް މީހަކާއި ދަރިފުޅު ހަވާލުކޮށްފައި ދިރިއުޅުމުގެ ހުރިހާ އުފާތަކެއް ގަންނަން ލާރި ހޯދުމުގައި އުޅެފައި ވަރުބަލި ކަމާއިއެކު ގެއަށް އަންނައިރު ލޯބިވާ ދަރިފުޅު ނިދާފައި އޮންނަނީ ތީގެ ތެރެއިން ކިތައް މީހުންގެ ހެއްޔެވެ؟

ކުރިންވެސް ބުނިހެން މާލޭގައި އުޅެން މަޖުބޫރުވެފައިވާއިރު ދެމަފިރިން ލާރި ހޯދުމުގައި އަވަދިނެތި އުޅޭއިރު ދަރިންނަށް ދޭންވާ ސަމާލުކަން ނުދެވި، އާއިލާ އާއެކު ވަގުތު ހޭދަނުކުރެވުމުން އުފާވެރި ހަޔާތުގެ ބިންގަލުގައި ރެނދުލާން ފަށަ އެވެ.

ވަރުބަލިކަމާއިއެކު ގެއަށް އަންނަ ހިނދު މަންމަގެ އަތުން ނުކެވިގެން، ނުވަތަ މަންމަ ފެންވަރުވާ ނުދޭ ކަމުގެ ޝަކުވާ ކޮންމެ ދުވަހަކު އަޑުއަހަން ޖެހެނީ ކިތައް މަންމަމެންނަށް ހެއްޔެވެ؟ ނުނީ ބައްޕަ ދުއްވާލަން ގޮވައިގެން ނުދާކަމަށް ކިތައް ކުދިން ޝަކުވާކުރާ އަޑުއަހަން ޖެހޭ ހެއްޔެވެ؟

ފިރިމީހާ ލާރި ހޯދަން މަސައްކަތްކުރާއިރު، ދަރިން ބަލަން ގޭގައި އަންހެންމީހާ އިންނައިރު، ފިރިމީހާ ގިނަވަގުތު އޮފީހުގައ އުޅެންޖެހުމުން އާއިލައާއެކު ވަގުތު ހޭދަނުކުރާ ކަމުގެ ޝަކުވާ އަނބިމީހާ ކުރާ އަޑުއަހަން ޖެހޭ ފިރިން ގިނަ އެވެ. އާއިލާ އާއެކު ވަގުތު ހޭދަނުކުރުވުގެ ސަބަބުން ދެމަފިރިންގެ ކުދި ކަންތައްތަކާއި އަރާރުންވެ ހިތްހަމަނުޖެހުމުގެ ނަތީޖާއެއްގެ ގޮތުން ހުރިހާ ބާރެއް ކުރަނީ ކައިވެނީގެ ގޮށަށެވެ. އެކަކު އަނެކަކަށް ދޫދޭން ބޭނުންނުވާ ފަހަރު ގިނަވެ، އެތަކެއް ހިތްހަމަނުޖެހުމާއި އަރާރުންތަކެއްވާ ފަހުން ދެމަފިރިންނަށް ހުރިހާ ކަމެއް އިހްސާސްވާއިރު ކައިވެނީގެ ގޮށަށް ބާރުވެ އޮންނަނީ ކަނޑައިގެންދާ ހިސާބުގަ އެވެ. ނުވަތަ ގިނަ ފަހަރަށް އަމިއްލަ ދިރިއުޅުމުގެ މައްޗަށް ޕްރޮފެޝަނަލް ލައިފް ކުރި ހޯދައި ހުރިހާ ކަމެއް އޮންނާނީ ބޮއްސުންލާފަ އެވެ.

އެހެން ހަލާތެއްގައި އަނބިމީހާ އަދާކުރަން ޖެހޭ ވަޒީފާގެ ގޮތުން ގިނައިރު އޮފީހުގައި އުޅެން ޖެހުމުން ފިރިމީހާ ކުރާ ޝަކުވާ ގިނަވެ އެވެ. ގިނަ ވަގުތު އޮފީހުގައި ބުރަކޮށް އުޅެފައި ގެއަސް އައިސް ވަދެވުމާއެކު ލޯ މައްޗަށް ސިފަވަނީ އެނދު އެކަންޏެވެ. ވެފައިވާ ވަރުބައްޔާއެކު ނިދޭއިރު، ފިރިމީހާއަށް އަޅާނުލެވުމުގެ ސަބަބުން ފިރިމީހާ ބޭނުންވާ އުފާތައް ހޯދުމަށް އެހެން އަންހެނުން ކައިރިއަށް ދާންޖެހޭއިރު އާހިރުގައި އަންހެނުންނަށް ބޭވަފާތެރިވެވެނީ އެވެ.

ނުވަތަ ގެއަށް އައިސް ހުންނަ ވަގުތުތަކުގައިވެސް އޮފީހުގެ މަސައްކަތުގައި އަންހެންމީހާ ވަގުތު ހޭދަކޮށްލުމުން އެކަމާ ހިތްހަމަނުޖެހިގެން ފިރިމީހާއަށް އެއްޗެކޭ ބުނެވި، ދެމީހުންގެ ރީތިކޮށް ވާހަކަދެއްކުމަށް ވުރެން އިސްކުރަނީ ޒުވާބުކޮށް އަރާރުންވެވޭތޯ އެވެ.

އެހެންކަމުން ހަމަޖެހޭ ރަނގަޅު އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާ ކަމަށްވަނީ ނަމަ، އަމިއްލަ ދިރިއުޅުމާއި އަދާކުރާ ވަޒީފާއަށް އެއްވަރަކަށް އަހައްމިއްޔަތު ދޭން ޖެހޭނެ އެވެ. ދެކަމަކީވެސް އެހާމެ ނާޒުކު އެއްޗަކަށްވާއިރު، ކޮންމެވެސް އެއްކަމެއް އިހްތިޔާރުކޮށް ވަކިކަމަކަށް މުހިންމުކަން ދޭން އުނދަގޫވާނެ އެވެ. މީގެއިތުރުން ވެސް އެކަކު އަނެކަކު މަސައްކަތުގެ ހުންނަ ބުރަކަމާއި ސްޓްރެސްގެ ވާހަކަތައް ހިއްސާކުރުމުން އެކަކު އަނެކަކުގެ ނުތަނަވަސް ކަން ކުޑަވެ، އަޅާނުލާ ކަމަށް ނުވަތަ އެކަކު އަނެކަކަށް ބޭވަފާތެރިވާ ކަމަށް ހީވާ ހީވުންތަކެއް ނުހުންނާނެ އެވެ.

މީގެއިތުރުން އޮފީހުގައި ބުރަކޮށް އުޅުމަށްފަހު ގެއަށް އައިސް އޮފީހުގެ މަސައްކަތްކުރަން ފެށުމުގެ ބަދަލުގައި އާއިލާ އާއެކު ކޮންމެވެސް ވަގުތެއް ހޭދަކުރަން ޖެހޭނެ އެވެ. ހުރިހާ ވަގުތެއް އޮފީހުގެ މަސައްކަތްތަކަށް ހުސްކުރުމުގެ ބަދަލުގައި ގޭގައި ހޭދަކުރާ ވަގުތު އޮފީހުގެ މަސައްކަތްތަކުން ވީހާވެސް ބޮޑަށް ދުރުހެލިވާން ވާނެ އެވެ.

އެންމެ ހަމަޖެހޭ ގޮތަށް ދިރިއުޅުމުގެ ކަންތައްތައް ކުރިއަށް ދަނީ، މަސައްކަތާއި އަމިއްލަ ދިރިއުޅުމަށް އެއްވަރަކަށް ވަގުތުދީ އެކުގައި ގިނަ ވަގުތު ހޭދަކުރަން ބޭނުންނަމަ، ޗުއްޓީ އަށް ދިއުމާއި، ދަތުރު ދިއުމާއި ރެސްޓޯރަންޓް ފަދަ ތަންތަނަށް ކާދިއުމުން އެކުގައި ހޭދަވާ ވަގުތު ގިނަވެ، ކޫސަނި މައްސަލަތަކުގެ ސަބަބުން ދިރިއުޅެން ރޫޅިގެންދަކަށް ނުޖެހޭނެ އެވެ.

ކުޑަކުޑަ ކަމަކުންވެސް ހިތުގައި އުފެދިފައި ހުންނަ ނުތަނަވަސް ކަން ފިލައި ކޮންމެ ބައިވެރިއަކީވެސް މުހިންމު މީހަކަށްވެ ދިރިއުޅުން އުފާވެރި ކަމާއެކު ކުރިއަށް ދާނެ އެވެ